twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކޮރަޕްޝަންގެ ސަބަބުން ގެއްލިފައިވާ ފައިސާއާއި ހައްގުތައް އަނބުރާ އިއާދަކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒު

Dec 9, 2018

ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އިލްތިމާސްކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާ ސަޕްލިމެންޓަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

އެމަނިކުފާނުގެ ހިތާބުގައި މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއް ވައުދަކީ ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުމަށްޓަކައި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުންކަން ފާހަގަކުރައްވައި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމުގައި ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ހިތާބުގައި ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ފުހެލެވިގެން ނޫނީ ރައްޔިތުން އެދޭ ތަރައްގީއާއި ކުރިއެރުން ރައްޔިތުންނަކަށް ހޯދައެއްނުދެވޭނެކަމަށާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޖަވާބުދާރީކުރެވޭނެ ގޮތެއްގެ މަތިން ދެފުށްފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުންކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތައް ލިޔެވި އާންމުކުރެވެންޖެހޭނެކަމަށާއި ސަރުކާރުގެ މުވައްޒަފުންނާއި އެކިއެކި ޒިންމާތަކާއި މަސްއޫލިއްޔަތު ހަވާލުވެފައިވާ ވެރިންނާއި އަދި ވަޒީރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ނަޒާހަތްތެރި ބަޔަކަށްވާންޖެހޭނެކަމުގައިވެސް މި ހިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގެއްލިފައިވާ ފައިސާއާއި ގެއްލިފައިވާ ހައްގުތައް އަނބުރާ އިއާދަކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމަށާއި މިއަދު އަޒުމް ކަނޑައަޅަންވީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. އަދި ކޮރަޕްޝަންގެ ހާލަތު ރަނގަޅު ކުރުމަކީ ރާއްޖެއާމެދު އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމެއްކަމަށާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި ރާއްޖޭގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އިދާރާތަކަށް މި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ދެއްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355