twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަމިއްލަ ކުންފުންޏަކުން ގޮއިދޫގައި ސިލިޕްވޭ ހެދުމުގެ ބިޔަ މަޝްރޫއެއް ފަށައިފި

Dec 9, 2018

ތްރީއެލް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިިމިޓެޑުން ށ ގޮއިދޫގައި ސިލިޕްވޭ ހެދުމުގެ ބިޔަ މަޝްރޫއުއެއް އިފްތިތާހްކޮށްފި އެވެ.

ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދައި މި ސްލިޕްވޭ އިފްތިތާހުކޮށްދެއްވީ މިއަދު މެންދުރު ގޮއިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ށ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާރިފެވެ.

މި ސިލިޕްވޭގެ ފުޅާމިނުގައި 142 ފޫޓް ހުންނައިރު ދިގު މިނުގައި 352 ފޫޓް ހުރެ އެވެ. އެއްފަހަރާ 6 ދޯނި އެހެލައިގެން ހިދުމަތް ދެވޭ ވަރުގެ މި ސިލިޕްވޭ ހުންނަ ސަރަހައްދުގައި ވޯކްޝޮޕާއި މިސްކިތެއް އަދި ތަހުލީލްކުރުމަށް ރިސާޗު ސެންޓަރެއް ހެދުމަށް ވަނީ ނިންމާފައިވެ އެވެ. އަދި އެ ތިން ތަނުގެ ބިންގާވެސް ވަނީ މިރަސްމިއްޔާތުގައި އަޅާފަ އެވެ.

ހދ އަދި ށ އަތޮޅުގެ ކައުންސިލަރުން ބައިވެރިވި މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތްރީއެލް ކުންފުނީގެ ވެރިޔާ މުހައްމަދު އަބުދުލް ލަތީފް ވިދާޅުވީ މިފަދަ ސިލިޕްވޭއެއް ހެދުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށާއި ނަމަވެސް ވިސްނުންތެރިކަމާއެކު މައްސަލަތައް ހައްލުކޮށް މިއަދު އިފްތިތާހް ކުރެވިގެންދަނީ ގިނަ ފަރާތްތަކެއް އެހީތެރިކަމާއެކު ކަމަށެވެ. އަދި އޭނާ ވަނީ އެކަމަށްޓަކާ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

ތްރީއެލް ކުންފުނީގެ ވެރިޔާ އަބުދުލް ލަތީފް–

މި ސިލިޕްވޭގެ ސަބަބުން ތިލަދުންމަތި ސަރަހައްދުގައި ތަރައްގީގެ ދޮރެއް ހުޅުވިގެންދާނެ ކަމަށާއި ތަރައްގީ އަބަދުވެސް އުޅެނީ މަސައްކަތްތެރިކަމާއި ސިނާއީ މަސައްކަތް ހިނގާ ސަރަހައްދުތަކުގައިކަމަށް އޭނާ ވިދާޅުވި އެވެ. އަބުދުލް ލަތީފް ވިދާޅުވީ މިމަޝްރޫއުގެ ތެރެއިން މަސައްކަތްތެރިންނަށް ގިނަ ފުރުސަތުތަކެއް ލިބި ވަޒީފާގެ ފުރުސަތު މިސަރަހައްދުން ލިބިގެންދާނެ ކަމަށެވެ.

އަބުދުލް ލަތީފް ވިދާޅުވީ މާލެ އާއި ދުރު ރަށްރަށުގައި ސިނާއީ މަސައްކަތް އިތުރުކުރުމަށް ދުރު ރާސްތާ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ތްރީއެލްގެ މި މަޝްރޫއުއަކީ މި ސިލްސިލާގެ ބޮޅެއްކަމަށް ދެކިލައްވާކަމަށް އޭނާ ވިދާޅުވި އެވެ. ވަޑީންނަށް ގިނަ ވަޒީފާތަކެއް މި ސިލިޕްވޭގެ ސަބަބުން ހުޅުވިގެންދާނެ އެވެ. ތްރީއެލްގެ ތަސައްވުރަކީ ސިނާއީގެ ގޮތުން މި ސަރަހައްދަކީ ފާހަގަކޮށްލެވޭ ސަރަހައްދަކަށްވުން ކަމަށް ލަތީފް ވިދާޅުވި އެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ށ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާރިފް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން މުޅި ބޮޑުތިލަދުންމައްޗަށް ފައިދާ ކުރާނެ ކަމަށެވެ. ވަޒީފާ އުފެެދި ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ތްރީއެލްްގެ ސީއެސްއާރުގެ ތެރެއިން ށ އަތޮޅުގެ އެހެން ރަށްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އާރިފް އެދިލެއްވި އެވެ. އެގޮތުން ރަށްރަށުގައި ނައްތާނުލެވި ހުރި ހުންނަ ކުނި ފަދަ ތަކެތި ތްރީއެލްގެ އޮޑިފަހަރުގައި ތިލަފުއްޓަށް ގެންގޮސްދިނުމަށް އެދިލެއްވި އެވެ.

ތްރީއެލްގެ ވެރިޔާ އަބުދުލް ލަތީފް އަދި ށ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާރިފް–

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގޮއިދޫ ކައުންސިލް ރައީސް އިބްރާހީމް ޝާހިދު ވިދާޅުވީ މިއީ މުހިންމު ޕްރޮޖެކްޓެއް ކަމަށާއި މިކަމުގެ ސަބަބުން ރަށުގެ ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ގޮއިދޫ އަށާއި މުޅި އަތޮޅަށް މިކަމުގެ ފައިދާކުރާނެ ކަމަށެވެ. ކައުންސިލްތަކަށް ލިބިފައިވާ އެންމެ މުހިންމު ވަސީލަތްތަކީ ބިން ކަމަށްވާއިރު ބިމުން ފައިދާ ހޯދުމަށް ހުރިހާ ކައުންސިލްތަކަށް އޭނާ ގޮވާލެއްވި އެވެ.

މިމަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހޯދުމުގައި ގިނަ ގޮންޖެހުންތަކެއް ކައުންސިލަށް ކުރިމަތިވީނަމަވެސް ހިތްވަރާއެކު ކެރިގެން ކުރި މަސައްކަތުން ކާމިޔާބުވީކަމަށް ޝާހިދު ވިދާޅުވި އެވެ.

ގޮއިދޫގައި ސިލިޕްވޭއެއް ހެދުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–

ކުލަގަދަ ރަސްމިއްޔާތަކާއެކު ކުރިއަށްގެންދިޔަ މި ހަފްލާގައި ހދ އަދި ށ އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355