twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރަށްރަށުގެ ތަރައްގީއަކީ އެ ރަށެއްގެ ވަޒަންވެރިންގެ ކިބައިން އުފަންވާންޖެހޭ އެއްޗެއް: ރައީސް

Dec 10, 2018

ފެހި ގާނޫނު އަސާސީއާއެކު ލާމަރުކަޒީ ނިޒާމެއް ގެނައީވެސް ރަށު ތަރައްޤީއަކީ، އެ ރަށެއްގެ ވަޒަންވެރިންގެ ކިބައިން އުފަންވާންޖެހޭ އެއްޗެއް ކަމަށް ގަބޫލުފުޅު ކުރެއްވޭތީކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އުކުޅަހު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ގެނައީވެސް އެރަށެއްގެ ވަޒަންވެރިންގެ ކިބައިން ރަށުގެ ތަރައްގީ އަންނަ ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރެވޭތީކަމަށާއި އެކަމަށްޓަކައި ކައުންސިލްތައް އަލުން ބާރުވެރި ކުރުވުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ވާނީ ފަށާފައި ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭތުވެދިޔަ ހަފުތާގައި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމާ އެއްގޮތަށް ސިޓީ ކައުންސިލްތަކަށް މިހާރު ވާނީ، ކުރިން ހިފަހައްޓާފައި ހުރި ބައެއް ބާރުތައް ދޫކޮށްލާފައިކަމަށާއި، ޤާނޫނުތަކާ އެއްގޮތަށް އެކި ކަންކަމަށް ބިން ދޫކުރުމާއި، ބިމާއި އިމާރާތްތައް ރަޖިސްޓަރީކުރުމާއި، އިމާރާތްކުރުމާއިގުޅޭ އެންމެހައި ކަންކަންވެސް މިހާރު ވާނީ ސިޓީ ކައުންސިލްތަކަށް ދޫކޮށްލައިފައިކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވިޔަފާރިތަކާއި، އެ ސިޓީއެއްގައި ދިރިއުޅޭ އެންމެހައި މީހުންގެ މައުލޫމާތު ހޯދައި ބެލެހެއްޓުމާއި، މަގުތަކާއި ބަނދަރުތަކާއި ފާލަމާއި ފެރީ ޓާމިނަލް ހެދުމާއި މަރާމާތުކޮށް ބެލެހެއްޓުމަކީ ވެސް މިހާރު ސިޓީ ކައުންސިލްތަކަށް ދޫކޮށްލާފައިވާ ބާރުތަކެއް ކަމަށެވެ.

މީގެ އިތުރުން އެހެން ބައެއް ބާރުތައް ވެސް، ސިޓީ ކައުންސިލްތަކަށް ދޫކޮށްލުމަށް، މި ހަފުތާގައި ބާއްވާ ވަޒީރުންގެ މަޖިލީހަށް ހުށަހެޅިގެންދާނެކަމާއި މި ނިންމުންތައް ތަންފީޒުވެގެން ދާއިރު ލާމަރުކަޒީ ޤާނޫނު އިސްލާހު ކުރުމުގެ މަސައްކަތް މިވަގުތު ވެސް ކުރިއަށްދާކަމުގައި ރައީސް ސޯލިހު ހާމަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާއިރު، ރައްޔިތުންނަށް މިހާރަށް ވުރެ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ކައުންސިލްތަކުގެ ކިބައިން ސަރުކާރުން އެދޭ ވަރަށްބޮޑު އެދުމެއްކަމުގައި ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ މި ސަރުކާރުން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ތަރައްޤީއަށް ކުރައްވަން ރާއްވަވާފައިވާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355