twitterviber whatsapp telegramfacebookyoutube instagram
29th March 2024

މި ސަރުކާރުގެ ކުރިމަތީގައި އެންމެ އަގުބޮޑު އެއްޗަކީ ރައްޔިތުންގެ އިންސާނީ ހައްގު: ރައީސް

Dec 10, 2018

ދެމެހެއްޓެނިވި ތަރައްގީއަށް މަގު ކޮށައިދެނީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދެވިގެންކަމަށާއި ކަރާމާތްތެރި އަބުރުވެރި ދިރިއުޅުމަކަށް މީހާ ގެންގޮސްދެނީ އޭނާގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރެވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އއ އުކުޅަހު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން މި ސަރުކާރު އުފައްދާފައި މިއޮތީވެސް ދިވެހީންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ ހިމާޔަތް ކޮށްދިނުމަށްކަމަށެވެ. މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަސް ކަމަށްވާއިރު އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި ރައްޔިތުން މި ސަރުކާރާ މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކުގެ މަތިން ހަނދުމަފުޅު ނެތިގެން ނުދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ކުރިމަތީގައި އެންމެ އަގުބޮޑު އެއްޗަކީ ރައްޔިތުންގެ އިންސާނީ ހައްގުތައްކަމަށާއި މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައިކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަބުރުވެރި ތާހިރު ދިރިއުޅުމަކަށް ހުރަސްއަޅާ ނަމަ އެ ހައްގު ހޯދުމަށް ތެދުވަން ޖެހޭނެކަމަށެވެ. އުޖާލާ ކުރިމަގަކަށް ކުރާ އުންމީދަށް ފަނޑު ނަމަވެސް ހިޔަންޏެއް އެޅިއްޖެ ނަމަ އެ ހައްގުގެ ދިފާއުގައި ވަކާލާތު ކުރަންޖެހޭނެކަމަށެވެ. އަދުލު އިންސާފުގެ ހައްގުން މަހުރޫމް ކުރެވޭ ނަމަ އެ ހައްގު ކަށަވަރު ކުރުމަށް ގަދައަޅައި މަސައްކަތް ކޮށް އަޑުއުފުލަންޖެހޭނެއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަމަށާއި ކޮންމެ ގައުމެއްގެ ވެސް ހަގީގީ މިނިވަންކަމަކީ ރައްޔިތުންގެ މިނިވަންކަން ކަމަށެވެ. މިނިވަންކަމުގެ ހަގީގީ މާނައަކީ ވީ ކޮންމެ ތަނެއްގައި އަދި ވީ ކޮންމެ ހާލެއްގައިވެސް އިންސާނީ ހައްގުތަކުގެ ސިޔާދަތު ދެމިއޮތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

“މިފަދަ ކަންކަން ބަލައި ދިރާސާ ކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ ފްރީޑަމް ހައުސްއިން ނިންމާފައިވަނީ ދިވެހިރާއްޖެއަކީ ފަރުދުންގެ ހައްގުތައް ރައްކާތެރިނުކުރާ ”ޕާޝަލީ ފްރީ“ގައުމެއްގެ ގޮތުގައި.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހުރީޔާ މުހައްމަދު ސާލިހުގެ ވިދާޅުވީ މި ވެރިކަމެއްގައި ސަރުކާރުގައި ޖަލުތަކުގައި ވިޔަސް އަދި އެނޫން ތަންފީޒީ އިދާރާއެއްގެ ތެރޭގައި ވިޔަސް އިންސާނީ ކަރާމާތްތެރިކަމާއި އިންސާނީ ހައްގުތައް ނިގުޅައިގަންނާކަށް ފުރުސަތެއް ނުދެވޭނެކަމަށެވެ. މިވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ އެގޮތުގެ މަތީންކަން ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އިންސާނީ ހައްގުތަކާގުޅޭ ގައުމީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި ގައުމީ އެކިއެކި އިދާރާތަކާއެކު މަސްވަރާކުރެވި މި އޮނިގަނޑު އެކުލަވާލުމަށްފަހު މި އޮނިގަނޑު ތަންފީޒުކުރެވެން ފެށުމަކީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ތަރައްގީއާ ނުލައި ސުލްހަމަސަލަސްކަން ދެމިއެއް ނޯންނާނެކަމަށާއި ސުލްހަމަސަލަސްކަމާ ނުލައި ތަރައްގީ ދެމިއެއް ނޯންނާނެކަމަށެވެ. ހަމައެފަދައިން ދާއިމީ ސުލްހަ އާއި ދެމެހެއްޓެނިވި ތަރައްގީއަކީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން މެނުވީ ހާސިލުކުރެވޭނެ ކަންކަމެއް ނޫންކަމަށެވެ. އެންމެ މީހެއްގެ ވިޔަސް ހައްގުތައް ނުރައްކަލަށް ހުށަހެޅިއްޖެ ނަމަ އެންމެންގެ ހައްގުތައް އެވަނީ ނިގުޅައިގަނެވިފައިކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355