twitterviber whatsapp telegramfacebookyoutube instagram
24th April 2024

ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް: ރައީސް

Dec 10, 2018

މި ސަރުކާރުން ހަމަ އެންމެ ރަށެއްވެސް ބާކީ ނުކުރާނެކަމަށާއި ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އއ ފެރިދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއް ޒިންމާކަމަށާއި ރައްޔިތުންނަށް އިންސާފު ލިބޭނެ މަގު ފަހިކޮށްދިނުން އެއީ އެންމެ މުހިއްމު އެއް އަމާޒުކަމުގައެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސް ކަމަށްވުމާއިއެކު ފެރިދޫގެ ހީވާގި މަސްވެރިންނަށާއި މަސްވެރި ޢާއިލާތަކަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރާކަމަށެވެ. ހަމައެފަދައިން މިއަދަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ކަމަށްވާތީ މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދަންނަވާކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރާއިރު ފާއިތުވި އަހަރުތަކުގައި ކަން ހިނގާފައިވާ ގޮތާއިމެދު ވިސްނާލަންޖެހޭކަމަށެވެ. އެފަދަ ދުވަސްތަކަކަށް މި ރާއްޖެ އަނބުރާ ނުދާނެ ފަދަ ގޮތަކަށް ދައުލަތުގެ އިންތިޒާމުތައް ހަމަޖައްސަންޖެހޭކަމުގައި ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކިތަންމެ ކުޑަ ރަށަކަށް ވިޔަސް އެ ރަށެއްގެ ރައްޔިތުންނަށް ހައްގުވާ މިންވަރު ލިބިދިނުމަކީ މި ސަރުކާރުގެ މައިގަނޑު އަމާޒުކަމަށެވެ. ތިޔަ ބޭފުޅުން އަޅުގަނޑުމެންނާ ހަވާލުކުރި އެ ޒިންމާ މާތް ﷲގެ ވާގިފުޅާއެކު ފުރިހަމަ ގޮތުގައި އަދާކުރުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ. ރައްޔިތުން މި ސަރުކާރު އުފެއްދީ އެ ޒިންމާއާ އެކުގައިކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355