twitterviber whatsapp telegramfacebookyoutube instagram
28th March 2024

ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން މިނިވަން ނޫސްވެރިކަމަށް ޖާގަ ދޭންޖެހޭ: ރައީސް

Dec 12, 2018

ދައުލަތް ހަމަ މަގުން ހިންގުމަށް އެދޭ ނަމަ ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ވެސް މިނިވަން ނޫސްވެރިކަމަށް ޖާގަ ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތް ފެށިގެން އައީ ވެސް ދިވެހި ނޫސްވެރިކަމުގެ މިނިވަން މާހައުލެއް ގާއިމުކޮށްދެމުންކަމަށާއި ދިވެހި ނޫސްވެރިކަމުގެ ހަޔާތުން 75 އަހަރު ފާއިތުވެގެން ދިޔައިރު އޭގެ ތެރެއިން ދިގު މުއްދަތެއްގައި ދިވެހި ނޫސްވެރިކަން އޮތީ ސަރުކާރު ކޮންޓްރޯލް ކުރާ އެއްޗެއްގެ ގޮތުގައިކަން ކަމަށެވެއެވެ.

ނަމަވެސް މިސަރުކާރުން އެކަން ބަދަލުކުރައްވާނެކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ފަހި މާހައުލެއް ތަނަވަސްކޮށްދީ މިނިވަންކަމާ އެކު ހިޔާލު ފާޅުކުރެވޭނެ ވެއްޓެއް މި ސަރުކާރުން ނޫސްވެރިންނަށް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ޒަމާނީ ޑިމޮކްރެސީތަކުގައި ނޫސްވެރިކަން އޮންނަނީ ސެލްފް ރެގިއުލޭޓް ނިޒާމެއްގެ ގޮތުގައިކަންފާހަގަކުރައްވަމުން ދިވެހި ނޫސްވެރިކަމަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތަކީ ނޫސްވެރިން އަމިއްލައަށް އެމީހުންގެ އިންތަކާއި މިންތައް ކަނޑައަޅައިގެން ކުރިއަށް ދިޔުންކަމަށާއި އަހްލާގީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ އުސޫލީ ހަމަތައް އެކަށައެޅުމަކީ ނޫސްވެރިންގެ އަމިއްލަ ޒިންމާއެއްކަމުގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ފަހި މާހައުލެއް ގާއިމުވެގެން ދިޔައީ މިހާރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ހިސާބުންނެވެ. އެހެން ނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ގާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ނޫސްވެރިކަން އޮތީ މަރާލާފައިއެވެ. ސަރުކާރުގެ ބިރުދެއްކުންތަކުގެ ސަބަބުން ނޫސްވެރިން ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މި ސަރުކާރަކީ ފާޅުކުރާ ހިޔާލެއްގެ ސަބަބުން ނޫސްވެރިން ފަހައި ދުވެ ގާނޫނުތަކުގެ މަޅީގައި ނޫސްވެރިން ޖައްސާނެ ސަރުކާރެއް ނޫންކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މިނިވަން ނޫސްވެރިކަމަކީ މި ސަރުކާރު ދެމިއޮތުމުގެ މައިބަދަކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނޫސްވެރިކަން ކުރިއަރުވައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ދެ ގާނޫނަކުން ދެ މުއައްސަސާއެއް މިހާރު ވެސް އުފައްދާފައި އެބަ އޮތްކަމަށެވެ. ނަމަވެސް އެ ދެ މުއައްސަސާ މެދުވެރިކޮށް ސަރުކާރުން މިހާތަނަށް ކުރި ކަމަކީ ތަފާތު ކަންކަމުގައި ނޫސްވެރިން ކުށްވެރިކޮށް ނޫސްވެރިކަމުގައި އަނދަގޮނޑި ޖެހުމެވެ. ނާޖާއިޒު ގޮތުގައި ގާނޫނުތައް ބޭނުންކޮށް ނޫސްވެރިކަން ގައިދުކޮށް ހިފެހެއްޓުމެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ބޭއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް އެމަނިކުފާނު ސެލިއުޓް ކުރައްވާކަމަށާއި ކުރީގެ ސަރުކާރުގެ ފަސާދަ އާއި ކޮރަޕްޝަންތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ނޫސްވެރިން ކުރި މިންނެތް މަސައްކަތަށް ސާބަސް ރައްދުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިނިވަން ނޫސްވެރިކަމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއް އަސާސްކަމަށާއި މި ސަރުކާރު ދެމިއޮންނާނީ ދިވެހި ނޫސްވެރިންނާ އެކުގައިކަމުގައެވެ. އަދި މި ސަރުކާރު ކުރިއަށް ދާނީ ބިނާކުރަނިވި ފާޑުކިޔުންތަކާ އެކުގައިކަމަށާއި ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އެމަނިކުފާނަށް މާ މުހިންމުކަމުގައި ފާހަގަކުރެއްވިއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355