twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޕެންޝަން އޮފީހުން އިސްރަށްވެހިންނަށް ހާއްސަ ޕާކެއް ކުޅުދުއްފުށީގައި ތަރައްގީކުރަނީ

Dec 12, 2018

ޕެންޝަން އޮފީހުން ކުޅުދުއްފުށީގައި އުޅޭ އިސް ރަށްވެހީންނަށް ހާއްސަކޮށް ޕާކެއް ތަރައްގީކުރަން ނިންމާ އެކަން ހާމަކޮށްފި އެވެ.

އިސް ރަށްވެހިންނަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން މިއަދު ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ “އިސްރަށްވެހިންނާއެކު ޕެންޝަން އޮފީސް” މި ޕްރޮގުރާމުގެ ތެރެއިން އިސް ރަށްވެހިންނަށް ހާއްސަކޮށް ތަރައްގީ ކުރަން ނިންމާފައިވާ ޕާކް އިފްތިތާހްކޮށްދެއްވީ ޕެންޝަން އޮފީސް ބޯޑްގެ ޗެއާމަން އިބުރާހިމް އަހުމަދު ނާސިރެވެ.

މި ޕާކްގައި އިސްރަށްވެހިންނަށް ހާއްސަކޮށް ކަސްރަތުކުރުމުގެ ބައެއް ވަސީލަތްތަކާއި ހިތްހަމަ ޖައްސާލުމުގެ ގޮތުން ތިބެވޭނެ އިންތިޒާމު ހަމަޖެހިފައިހުންނާނެކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދެއްވަ އެވެ.

މި ޕާކް ހެދުމަށް ހަމަޖެހިފައިވާ ބިން ކުޅުދުއްފުށީ ކައުންސިލުން ހަމަޖައްސައިދީފައިވާއިރު މި ޕާކް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ހުންނަ ހދ ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރު ކައިރީގައި އޮންނަ ހުސް ބިމެއްގަ އެވެ.

ޕެންޝަން އޮފީހުން މިއަދު ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ އިސްރަށްވެހިންގެ ޕްރޮގުރާމުގެ ތެރެއިން–

މިޕްރޮގްރާމަކީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި ގުޅުވައިގެން، އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށާއި، އެފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެދީ، މިނިވަންކަމާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް މަސައްކަތް ކުރުމަށް ހިތްވަރުދީ އެހީތެރިވުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އިސްރަށްވެހީންނާ ބައްދަލުކޮށް، ޕެންޝަން އޮފީހުން އެފަރާތްތަކަށް ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަމަށް މައްސައްކަތް ކުރުމުގެ މަޤްސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މިއީ ޕެންޝަން އޮފީހުން މިފަދަ ޕްރޮގުރާމެއް ކުރިއަށްގެންދިޔަ ދެވަނަ ފަހަރެވެ. ފުރަތަމަ މި ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވަނީ އައްޑޫ ސިޓީ ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355