twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޑީސަލްއިން ނަގަމުން އަންނަ ޑިއުޓީ ކަނޑާލަން ފާސްކޮށްފި

Dec 12, 2018

ޑީސަލްއިން ނަގަމުން އަންނަ ޑިއުޓީ ކަނޑައިލުމަށް ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް 60 މެމްބަރުންގެ އިއްތިފާގުން މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

ޑިއުޓީ ކަނޑާލަން ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މުސްތަފާ ވިދާޅުވީ ކަރަންޓުގެ ހިދުމަތުން ނަގާ އަގު މިހާރަށްވުރެ ހެޔޮ ކުރުމަށާއި މަސްވެރިކަން ކުރާ ފަރާތްތަކަށް ކުރަން ޖެހޭ ހަރަދު ކުޑަކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

ޑީސަލުން މިހާރު ޑިއުޓީގެ ގޮތުގައި ފަސް އިންސައްތަ ނަގަމުންދާއިރު މުސްތަފާ ހުށަހެޅުއްވި ބިލުގައި ވަނީ މަސްވެރިކަން ކުރާ ދޯނި ފަހަރުގައި ބޭނުން ކުރާ ޑީސަލުންނާއި ކަރަންޓު ހިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފައްދަން ބޭނުން ކުރާ ޑީސަލުން ނަގާ އިމްޕޯޓް ޑިއުޓީ މައާފު ކޮށްދިނުމަށެވެ. ބިލުގައިވާ ގޮތުން މަސްވެރިކަން ކުރާ ދޯނި ފަހަރަށާއި ކަރަންޓު އުފައްދަން ބޭނުން ކުރާ ޑީސަލުން ޑިއުޓީ މައާފު ކޮށްދެވޭނީ އެ ކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހުށަހެޅުމުންނެވެ.

ޑީސަލުން ޑިއުޓީ ކަނޑާލަން ފާސްކުރިއިރު އެއީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން އަމާޒުކުރި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ޑީސަލުން ޑިއުޓީ ނުނަގަން ވަނީ ނިންމާފައެވެ. ނަމަވެސް އެ ކަން ނިމުމަކަށް ގެނެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑީސަލުން 10 އިންސައްތައިގެ ޑިއުޓީއެއް ނަގަން ފެށިއެވެ. އޭގެ ފަހުން ޑީސަލުން ނަގާ ޑިއުޓީ ފަސް އިންތައަށް ކުޑަ ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355