އައިސް ޕްލާންޓްތައް ރަށު ކައުންސިލްތަކުގެ ހިއްސާއާއެކު ހިންގާ ތަންތަނަށް ބަދަލުކުރުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި މަސްވެރި މުޖްތަމައުން މިހާރުވެސް ކުރާ އެންމެ ބޮޑު ޝަކުވާއަކީ އައިސް ޕްލާންޓްތަކުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ނުލިބުމުގެ ޝަކުވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަސްވެރިންނަށް އެންމެ ފައިދާވާ ގޮތަށް އައިސް ޕްލާންޓްތައް ހިންގުމަށްޓަކައި އެ ތަންތަން ރަށު ކައުންސިލްތަކުގެ ހިއްސާއާއެކު ހިންގާ ތަންތަނަށް ބަދަލުކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.
ރައީސް ވިދާޅުވީ ގެމަނަފުށީގައި ހުރި 25 ޓަނުގެ އައިސް އުފައްދާ ޕްލާންޓް މިހާރު ކުޑަވެފައިވާ ކަމަށާއި އެ ޕްލާންޓް 50 ޓަނުގެ ޕްލާންޓަކަށް ބަދަލުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އައިސް ޕްލާންޓްތައް އެގޮތަށް ހަމަޖެހުމުން އައިސް ޕްލާންޓްތައްވެސް ހިނގާނީ މަސްވެރިންނަށް އެންމެ ލާބަ ހުރިގޮތުގައިކަމަށެވެ. އަދި މަސްވެރި މުޖްތަމައުގެ ބައިވެރިވުމާއި ރޭވުންތެރިކަމާއެކުގައި ކަމަށެވެ. މަސްވެރިކަމުގެ ސިނާއަތުގައި ރައްޔިތުން ބާރުވެރިކުރުމުގެ މުހިންމު ފިޔަވަޅެއް ކަމުގައި ދެކޭކަމުގައެވެ.