މި ދުވަސްކޮޅު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށް މިނިމަމް ވޭޖެއް ތައާރަފް ކުރުމުގެ ވާހަކަ އެވެ. ކޮންމެ ސަރުކާރަކުން ވެސް އެވާހަކައެއް ދައްކައި، ނަމަވެސް ހާސިލް ނުކުރެވި އޮތްކަމަކަށް މިނިމަމް ވޭޖް ތައާރަފް ކުރުން ވާނެ އެވެ. މިތަނުގައި މި ބަލައިލަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މިނިމަމް ވޭޖް ކަނޑައެޅިފައިވާ ގޮތަށެވެ.
އެންމެ ފުރަތަމަ މިނިމަމް ކަނޑައަޅަނީ ކިހިނެތް ހެއްޔެވެ؟ މިނިމަމް ވޭޖް ކަނޑައެޅުމަކީ ހަމަ ތިބެފައި ސަރުކާރުން ހަދާލާ ގަވައިދަކުން ތައާރަފް ކޮށްލެވޭ ވަރަށް ވުރެ އުނދަގޫ މަސައްކަތެކެވެ. އެއަދަދު ކަނޑައެޅުމަށްޓަކައި އެތައް ބައިވަރު ދިރާސާތަކެއް ކުރަން ޖެހެއެވެ. އެއީ ފަރުދުން އަދި ގޭބިސީތަކުގެ ހަރަދުތަކާއި، ބާޒާރުގައި ތަކެތީގެ އަގުތައް، ދިރިއުޅުމުގެ ހަރަދުތައް، ގައުމުގެ އުފެއްދުންތެރިކަން، ވަޒީފާ ދޭފަރާތްތަކުގެ ހާލަތު، އިންފްލޭޝަން އަދި މިހެން އެތައް ބައިވަރު ކަންތައްތަކަށް ބެލުމަށްފަހު ކަނޑައެޅޭ އަދަދެކެވެ.
ބައެއް ގައުމުތަކުގައި ތަފާތު އެކި ލެވެލްތަކުގެ އަދި އެކި އިންޑަސްޓްރީ ތަކަށް ތަފާތު މިނިމަމް ވޭޖް ކަނޑައަޅާފައި ވެއެވެ. މިސާލަކަށް އިންޑިއާއަށް ބަލާއިރު ތަފާތު 1200 ވައްތަރުގެ މިނިމަމް ވޭޖް ހުރެއެވެ. ބައެއް ގައުމުތަކުގައި މިނިމަމް ވޭޖް ކަނޑައެޅިފައި އޮންނަނީ ހަމައެކަނި ޕަބްލިކް ސެކްޓަރ އަށެވެ. އެގައުމުތަކުގައި ޕްރައިވެޓް ސެކްޓަރގައި މިނިމަމް ވޭޖެއް ނޯވެއެވެ. ސިންގަޕޫރުގައި މިނިމަމް ވޭޖް ދެނީ ހަމައެކަނި ސެކިއުރިޓީ ގާޑުންނާއި ސާފުކުރާ މީހުން އަދި އެފަންތީގައި ހިމެނޭ މީހުންނަށެވެ.
ސާކް ސަރަހައްދުގެ ގައުމުތަކަށް ބަލާލައިއިރު އެންމެ ކުޑަ އަދަދެއް ކަނޑައަޅާފައި ވަނީ ބަންގްލަދޭޝް ގައެވެ. އެއީ މަހަކު 19 ޑޮލަރެވެ. ބޫޓާންގައި 58 ޑޮލަރު ދޭއިރު އަވައްޓެރި ލަންކާގައި މިނިމަމް ވޭޖަކީ މަހަކު 70 ޑޮލަރެވެ. މަތީގައި ބަޔާން ކުރެވުނު ގޮތަށް އިންޑިއާގައި އެކި ސްޓޭޓްތަކުގައި އަދި އެކި އިންޑަސްޓްރީ ތަކުގައި އަދަދު ތަފާތު ވާއިރު، އެވަރެޖްކޮށް މަހަކަށް ލިބެނީ 64 ޑޮލަރެވެ. ނޭޕާލްގައި 130 ޑޮލަރު ދޭއިރު، ސަރަހައްދުގައި އެންމެ ބޮޑު އަދަދެއް މިނިމަމް ވޭޖްގެ ގޮތުގައި ހަމަޖެހިގައިވާ ޕާކިސްތާނުގައި ދެނީ 158 ޑޮލަރެވެ. ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައެޅިފައި ނެތްކަމުގައި ވިޔަސް، ސަރުކާރުގައި އުޅޭ މުވައްޒަފުންގެ ބޭސިކްގެ ގޮތުގައި މަދުވެގެން 3100 ލިބެއެވެ. އެއީ ގާތްގަނޑަކަށް 200 ޑޮލަރެވެ. އެހެންކަމުން ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު، ރާއްޖެ އުޅެނީ އެންމެ ކުރީގައެވެ. ނަމަވެސް ޕްރައިވެޓް ސެކްޓަރގައި އެއަށްވުރެ ކުޑަމުސާރަތައް ދެއެވެ.
އެންމެ ބޮޑު މިނިމަމް ވޭޖެއް ދެނީ އޮސްޓްރޭލިއާގަ އެވެ. އެގައުމުގައި މިނިމަމް ވޭޖްގެ ގޮތުގައި މަހަކަށް 2000 ޑޮލަރަށް ވުރެ މަތިން ޖެހެއެވެ. ޔޫކޭގައި މަހަކަށް 1600 ޑޮލަރު ޖެހޭއިރު، އެމެރިކާގައި 1200 ޑޮލަރު ޖެހެއެވެ. ސައޫދީ އަރަބިއާގައި މަހަކު 800 ޑޮލަރު ވަރު މިނިމަމް ވޭޖްގެ ގޮތުގައި ލިބެއެވެ. ނަމަވެސް ސައޫދީގައި އެއީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށެވެ.
ފަށަމުންވެސް ބަޔާން ކުރި ގޮތަށް، މިނިމަމް ވޭޖެއް ކަނޑައަޅާއިރު އެގައުމެއްގެ ހާލަތައް ބަލަން ޖެހެއެވެ. މިގޮތުން އެއްގައުމު އަނެއް ގައުމާ އަޅާކިޔަނީ ޖީޑީޕީ އިން ބޮލަކަށް ޖެހޭވަރާއި މިނިވަމް ވޭޖްއާ އަޅާ ކިޔާފައެވެ. މިގޮތުން އޮސްޓްރޭލިއާގައި މިނިމަމް ވޭޖްއަކީ ޖީޑީޕީ އިން ބޮލަކަށް ޖެހޭ ނިސްބަތުގެ ގާތްގަނޑަކަށް 50 އިންސައްތައެވެ. ބައެއް ގައުމުތަކުގައި ޖީޑީޕީ އިން ބޮލަކަށް ޖެހޭވަރާއެއްވަރު އަދި އެއަށްވުރެ ބޮޑެތި އަދަދުތައް ވެސް މިނިމަމް ވޭޖްގެ ގޮތުގައި ދިން ކަމުގައި ވިޔަސް ގިނަ ގައުމުތަކުގައި %50 އަށްވުރެ ދަށެވެ. ޖީޑީޕީ އިން ބޮލަކަށް ޖެހޭ ނިސްބަތުން ބަލާއިރު ގިނައިން މިނިމަމް ވޭޖް ދެނީ ތަރައްގީ ނުވެހުރި ގައުމުތަކުގައެވެ. އެމެރިކާ އަދި މެލޭޝިއާގައި މި ޕަސެންޓޭޖް ގާތްގަނޑަކަށް %25 ގައި ހުރިއިރު ޗައިނާގައި ދެނީ %20 އެވެ.
ދިވެހިރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައެޅުމަށް ގޮވާލާއަޑު މިވަނީ ގަދަވެފައެވެ. މިނިމަމް ވޭޖެއް ކަނޑައެޅުމަށް ދިރާސާތައް ކުރަންފަށަން މިވަނީ ޖެހިފައެވެ.