twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބޮޑެތި ވައުދުތަކާއެކު ލަބީބުގެ މެނިފެސްޓޯ އިފްތިތާހްކޮށްފި

Dec 14, 2018

އަންނަ މަޖިލީސް އިންތިހާބުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވައި ލަބީބު މޫސާ އޭނާގެ މެނިފެސްޓޯ އިފްތިތާހުކޮށްފި އެވެ.

ސުފުރާމަތި ރެސްޓޯރެންޓްގައި މިރޭ ބޭއްވި ހަފްލާއެއްގައި ލަބީބުގެ މެނިފެސްޓޯ އިފްތިތާހުކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު އިސްމާއިލް އިބުރާހިމެވެ.

ޕްރައިމަރީގެ ކެމްޕެއިން ރަސްމީކޮށް ލަބީބު އިފްތިތާހްކޮށްފައިވާއިރު އޭނާގެ މެނިފެސްޓޯގައި ޖުމްލަ 14 ވައުދެއް ހިމަނާފައިވެ އެވެ. ޕްރައިމަރީގެ ޓިކެޓް ކާމިޔާބުކުރެއްވިއްޖެނަމަ މެނިފެސްޓޯއަށް އިތުރު ވައުދުތައް ހިމަނާނެކަމަށް ލަބީބު ވަނީ ވިދާޅުވެފަ އެވެ.

ވައުދުތަކުގެ ތެރޭގައި ކުޅުދުއްފުށީގެ ސިއްހީ އަދި ތައުލީމީ ނިޒާމަށް ދިމާވެފައިވާ ދަތިތައް ފިލުވައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ތައުލީމު ރަށުން ލިބޭނެ ގޮތް ހެދުމާއި ގޯތި ގެދޮރާއި ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމާއި ނުހެދި ހުރި މަގުތަކަށް ވީ އެންމެ އަވަސް ހައްލެއް ހޯދައިދިނުމާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ތަރައްޤީކޮށް މިސަރަހައްދުގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަށް ބޭނުން ކުރެވޭނެ ގޮތް ހެދުމާއި ކުލަބް ޖަމިއްޔާ ޖަމާއަތްތައް ބާރުވެރި ކުރުވާ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ކައުންސިލްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން އަދި ހދ. އަތޮޅުގައި ޓޫރިޒަމް ފުޅާކޮށް އެކަމުގެ ފައިދާ ލިބޭނެ އަތޮޅެއް ކަމަށް ހަދައިދޭނެކަމަށެވެ.

ލަބީބުގެ މެނިފެސްޓޯ އިއުލާނުކުރުމަށް މިރޭ ބޭއްވި ހަފުލާގެ ތެރެއިން–

ލަބީބުގެ އިތުރު ވައުދުތަކަށް ބަލާލާއިރު ރަށުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރުމާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ކުޅުދުއްފުށީގެ އެއަރޕޯރޓްގެ ހިދުމަތް ރައްޔިތުންނަށް ވީއެންމެ އަވަހަށް ލިބޭނެގޮތް ހެދުމާއި ކުޅުދުއްފުށީ އުތުރު ދާއިރާގައި ކުޑަކުދިންގެ ޕާރކަކާއި ޕަބްލިކް ލައިބްރަރީއެއް ހަދައިދިނުމާއި މަދިރީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމާއި އަދި ކުޅުދުއްފުށީގެ އެމްޑީޕީ އޮފީހާއި ހަރުގެއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކުޅުދުއްފުށީގެ ޒުވާނުން ކުޅިވަރުގެ ރޮނގުން ކުރިއަށްދިއުމަށްޓަކާ އެކި އެކި ފުރުސަތުތައް ހޯދައިދިނުމަށް ވަނީ ވައުދުވެފަ އެވެ.

ލަބީބު ހާމަކުރައްވާފައިވާ ގޮތުގައި އޭނާ މިވައުދުތައް ފުއްދާނީ ސަރުކާރާ ގުޅިގެން ސަރުކާރުގެ ތެރެއިން ކަމަށެވެ.

ވައުދުތައް ތަފްސީލުކޮށްދެއްވަމުން ރަސްމިއްޔާތުގައި ލަބީބު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް މިވެރިކަމުގައި ބަދަލުކުރެވިގެންދާނެ ކަމަށެވެ. އަދި ރަށުގެ ސްކޫލުތަކުން ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެމްޑީޕީ ކުޅުދުއްފުށީ އަޒުމް ގޮފީގެ ރައީސްކަންވެސް ކުރައްވާފައިވާ ލަބީބު ވިދާޅުވީ ސަރަހައްދީ ބަނދަރު ތަރައްގީކޮށް އެ ބަނދަރުން އިންޑިޔާގެ ކޮޗިންނަށް ދެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށެވެ.

ލަބީބު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަށް އަމީނީމަގުން ވަދެވޭނެހެން އިންތިޒާމުވެސް މެމްބަރަކަށް ހޮވިއްޖެނަމަ ހަދައިދޭނެ ކަމަށާއި ކުޅުދުއްފުށީ އެމްޑީޕީ އޮފީހާއި ހަރުގެ ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ އެތަނަން މުވައްޒަފުން ލައި ހިންގާދޭނެ ކަމަށެވެ. ގެދޮރުވެރިކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާއިރު ގެވަޅު ދެވެން އޮތްތޯ ބަލައި އެކަން ކުރާނެ ކަމަށާއި ނޫނަމަ ފެންވަރު ރަނގަޅު ފުލެޓް އަޅައިދިނުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކުރައްވާނެ ކަމަށެވެ.

ކުޅުދުއްފުށީ ސަރަހައްދީ ބަންދަރުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ލަބީބަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާއެކު އިސްލާހީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުނު އެކްޓިވިސްޓެކެވެ.

ލަބީބުގެ މެނިފެސްޓޯ އިއުލާނުކުރުމަށް މިރޭ ބޭއްވި ހަފުލާގެ ތެރެއިން–

ލަބީބުގެ އިތުރު ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކޮށްފައިވަނީ ކުޅުދުއްފުށީ، ވައްތީނީގެ/ އަބުދުއްރަޝީދު އާދަމް، އަދި ޕަޗީ، މުހައްމަދު އަބުދުއްރަހުމާނެ އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން މިއަދާ ހަމައަށް ހާމަކޮށްފައިވަނީ ހދ އަތޮޅު ކައުންސިލުގެ ކުރީގެ އަހުމަދު އާތިފް އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355