ކުޅުދުއްފުށީ ކަސްޓަމްސްގެ އެންމެ އިސްވެރިޔަކަށް ހުންނެވި ސްޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް ޔާސިރު އަބުދުލް ލަތީފް އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމައިފި އެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ ޔާސިރު އެކަން ހާމަކޮށްފައިވަނީ އޭނާ މިއަދު ކުރެއްވި ވީޑިއޯ ޕޯސްޓެއްގަ އެވެ. ކަސްޓަމްސްގެ 10 އަހަރު ހިދުމަތް ކުރައްވާފައިވާ ޔާސިރު ވާދަކުރައްވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި އަށެވެ. އެ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ވީޑިއޯގައި ޔާސިރު ވިދާޅުވެފައިވަނީ ތައުލީމީ ދާއިރާ، ސިއްހީ، އިޖުތިމާއީ އަދި އިގްތިސޯދީ ދާއިރާއިންވެސް ކުޅުދުއްފުށީ އޮތީ އެކަށީގެންވާ ހިސާބަށްވުރެ އެތަކެއް މޭލެއްގެ ފަހަތުގައި ކަމަށާއި އެކަންތައްތައް ބަދަލުކުރަން ޖެހޭ ކަމަށެވެ.
” ރައްޔިތުންގެ ހައްގުތަކާ ގުޅުން ހުރި އިތުރު ބިލުތައް ފަރުމާކުރެވި ރައްޔިތުންނަށް ފަހިވާނޭހެން ބައެއް ގާނޫނުތައް އިސްލާހް ކުރެވި ތަންފީޒުކުރެވެން ޖެހޭ. މިމަސައްކަތާ އަޅުގަނޑު މިހަވާލުވީ ކުޅުދުއްފުށީ ރައްޔިތުން މިހާލަތުން ވީލުމަށް މަޖިލީގުގައި ދާއިރާގެ ހައްގުގައި އަޑު އިއްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް މަސައްކަތެއް ކުރުމުގެ ހެޔޮ ނިޔަތުގަ.” ވީޑިއޯގައި ޔާސިރު ހާމަކޮށްފައިވެ އެވެ.
ޔާސިރު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމީ ޕާޓީ ނިޒާމުތައް ރާއްޖެއަށް ތައާރަފުވި ހިސާބުން ފެށިގެންވެސް އޭނާގެ އަބަދުވެސް ފިކުރަކީ އެމްޑީޕީކަމަށް ވާތީ ކަމަށެވެ. އެއީ އަތޮޅުތެރޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ސިޔާސަތުތަކެއް ގެންގުޅެނީ އެމްޑީޕީން ކަމަށްވާތީ ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު ފަދަ ސިޔާސަތު ގެނެސް ކައުންސިލުތަކަށް ބާރުދިނުމަށްވެސް އެންމެ ބޮޑަށް ވަކާލާތުކުރަމުން ގެންދަނީ އެމްޑީޕީ ކަމަށެވެ.
ޔާސިރު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިތަކާއި އާސަންދަ އަދި ދުވަސްވީ ފަރާތްތަކުގެ އެލަވަންސް އަދި ސްކޫލު ކުދިންގެ ފޮތް ފަދަ ރައްޔިތުންނާ ސީދާ ގުޅުންހުރި މުހިންމު ކަންތައްތައް ފެށިގެންދިޔައީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި އަދި މިހާރުވެސް އެފަދަ ކަންތައްތައް އެންމެ ބުރަކޮށް މަސައްކަތް ކުރާތަން ފެންނަމުންދަނީ ވެސް އެމްޑީޕީކަމަށެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި މުހިންމު ކަންތައްތައް ކުރުމުގެ ވިސްނުމާއި ފިކުރުވެސް ހުރީ އެމްޑީޕީގައިކަމަށް، ޔާސިރު އެޕާޓީއާ ގުޅުނު ސަބަބު ހާމަކުރައްވަމުން ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ ރަށުގައި ނިސްބަތުން ބެލިކަމުގައިވިޔަސް އަދި ޕާޓީގެ ނިސްބަތުން ބެލިނަމަވެސް މިއީ ކުޅުދުއްފުށީ އޮންނަ ޖެހޭ ލެވެލްއެއް ނޫން ކަމަށާއި އުންމީދަކީ ކުޅުދުއްފުށީ އުތުރު ދާއިރާ އާ ހަރުފަތަކަށް ގެންގޮސްދިނުން ކަމަށެވެ. އުތުރުދާއިރާގެ ގޮފި ވަރުގަދަކޮށް، ފެންވަރު ރަނގަޅު އޮފީހެއް ގާއިމުކުރާނެ ކަމަށާއި އެއް މަގުސަދަކީ ދާއިރާގެ ޕާޓީ ބާރުވެރިކުރުވުން ކަމަށް ޔާސިރު ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު ޔުނިވާސިޓީއެއްކަމަށްވާ އީޑިތް ޔުނިވާސިޓީން 2009 ވަނަ އަހަރު މާކެޓިންގ އެންޑް މެނޭޖްމެންޓް ދާއިރާއިން ބެޗެލާސް ޑިގުރީއެއް ހާސިލުކުރައްވާފައިވާ ޔާސިރު ވިދާޅުވީ އޭނާގެ އެންމެ ބޮޑު މަގުސަދަކީ އިގްތިސޯދީގޮތުންނާއި އިޖުތިމާއީ ގޮތުން ކުޅުދުއްފުށީ ބާރުވެރިކުރުވާ އިތުރު ހަރުފަތަކަށް ގެންދިޔުން ކަމަށެވެ. ރައްޔިތުންނާ ގުޅުން ބޮޑު އިޖުތިމާއިީ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޔާސިރު ވިދާޅުވީ އެދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ފަރާތްތަކަށްވެސް އިހްތިރާމް ކުރައްވާ ކަމަށާއި އެހެން ބޭފުޅަކަށް ޕްރައިމަރީ ކާމިޔާބު ކުރެވުނަސް އެދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދައިދިނުމަށް އެކަތިގަނޑެއްހެން މަސައްކަތްކުރާނެކަމަށް ޔާސިރު ވިދާޅުވި އެވެ.
ޔާސިރު ފާހަގަކުރެވިފައިވަނީ އިޖުތިމާއީ ގޮތުން ކުޅުދުއްފުއްޓަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހުރިހާ އުމުރެއްގެ މީހުންނާ ގުޅޭ ފަރާތެއްގެ ގޮތުގަ އެވެ. ޒިގްޒެގް ފޯރ ޔޫތް ލިންކޭގް ޗެއާމަން ކަމާއި މިނިވަން ޗެމްޕިއަންޝިޕް 2014-2015 ވަނަ ކުޅުދުއްފުށީ ޓީމުގެ މެނޭޖަރުކަމާއި މޯލްޑިވްސް ރެޑްކުރެސެންޓްގެ ނޯތް ރީޖަންގެ ބޯޑް މެމްބަރުކަމުގެ އިތުރުން އަމީރުއަމީން ސްކޫލުގެ ބޯޑް މެމްބަރުކަންވެސް ޔާސިރު އަދާކުރައްވާފައިވެ އެވެ.
ޔާސިރު އިތުރު ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކޮށްފައިވަނީ އެމްޑީޕީ ކުޅުދުއްފުށީ އަޒުމް ގޮފީގެ ރައީސް ލަބީބު މޫސާ އާއި ކުޅުދުއްފުށީ، ވައްތީނީގެ/ އަބުދުއްރަޝީދު އާދަމް، އަދި ޕަޗީ، މުހައްމަދު އަބުދުއްރަހުމާނެ އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން މިއަދާ ހަމައަށް ހާމަކޮށްފައިވަނީ ހދ އަތޮޅު ކައުންސިލުގެ ކުރީގެ އަހުމަދު އާތިފް އާއި ކޯޗު/ އާދަމް ވަހީދު އެވެ.