twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރައީސް އިންޑިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

Dec 16, 2018

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އިންޑިޔާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހެނދުނު އިންޑިޔާއަށް ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނު އިންޑިޔާއަށް ފުރާ ވަޑައިގެންނެވުމުގެކުރިން ވަނީ ދަތުރުފުޅާ ބެހޭ ގޮތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.

މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ދެއްވި ބަސްދީގަތުމެއްގައި މިދަތުރުފުޅާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އިންޑިޔާއަކީ ރާއްޖެއާ އެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމުކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމުކަމަށާއި މިއީ އެމަނިކުފާނު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަމުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެގައުމުގެ ރައީސް ރާމް ނާތު ކޯވިންދްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށާއި އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަސްވަރާކުރައްވަން ހަމަޖެހިފައިވާކަމަށާއި އިންޑިޔާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތުދެއްވާ އެ ބޭފުޅުންގެ ސައުގުވެރިކަން ހޯދުމަށް ވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުން މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ގާއިމުކުރަން ހަމަޖެހިފައިވާ ކަންކަމާ ގުޅޭ ގޮތުން ދެގައުމުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއްބަސްވުމަކީ ވިސާގެ ލުއިފަސޭހަތަކާ ބެހޭ ގޮތުން ސޮއިކުރާ އެއްބަސްވުން ތަށްކަމަށެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި މިދަތުރުފުޅުގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދު އަބަދުވެސް އެއްބާރުލުން ދަމަހައްޓަމުން އަންނަ ދާއިރާތައް ކަމަށްވާ ސިއްހީ ދާއިރާއާއި ސަގާފީ ކަންކަމާއި ދިފާއީ ކަންކަމުގައި މިދަތުރުގެ ސަބަބުން މިހާރަށް ވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމުގައި ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހުރިޔާ ވިދާޅުވީ މިދަތުރުގައި ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އަނެއް ކަމަކީ ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އިންޑިޔާ ސަރުކާރާއެކު ވާހަކަދެއްކުން ކަމަށެވެ. އަދި އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ހޯދުމާ ގުޅޭ ގޮތުން އިންޑިޔާގެ ވެރިންނާއެކު މަސްވަރާ ކުރުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355