ހދ އަތޮޅަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަޑައިގަންނަވާގޮތަށް ހަމަޖައްސައިފި އެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި ހދ އަތޮޅުގެ ތިން ރަށަށްކަށް ވަޑައިގަންނަވާނެ އެވެ.
ދެ ދުވަހުގެ މިދަތުރުފުޅުގައި ކުޅުދުއްފުއްޓާއި ނޮޅިވަރަމް އަދި ހަނިމާދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ނައިބު ރައީސް މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު ހެނދުނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޮޅިވަރަމަށެވެ. ހަނިމާދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ ހުކުރުދުވަހުގެ މެންދުރުފަހު އެވެ.
ނައިބު ރައީސްގެ މިދަތުރުފުޅުގައި ހެލްތް މިނިސްޓަރު އަބުދުﷲ އަމީން އާއި ޖެންޑާރ މިނިސްޓަރު ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިދަތުރުފުޅުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވާނެ އެވެ. އަދި ހދ ޖެންޑާ އޮފީހަށްވެސް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިދަތުރުފުޅުގައި ކައުންސިލްތަކާއި އަތޮޅު ކައުންސިލާ ބައްދަލުކުރާނެ އެވެ. މިއީ އާ ސަރުކާރުގައި މިލެވެލްގެ ޓީމެއް ހދ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.