twitterviber whatsapp telegramfacebookyoutube instagram
25th April 2024

މިވެރިކަމުގައި ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: އަމީން

Dec 21, 2018

ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރ އޮފް ހެލްތް އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އަމީން ވަނީ އިއްޔެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރާތްކޮށް އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. އަދި ހޮސްޕިޓަލުގެ ވެރިންނާވެސް މިނިސްޓަރު ވަނީ ބައްދަލުކުރައްވާފަ އެވެ.

ކޭއޯއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރ އަބުދުﷲ އަމީން ވިދާޅުވީ ކޭއާރުއެޗަކީ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ އެއް ހޮސްޕިޓަލުކަމަށާއިި ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ސިއްހީ ސިޔާސަތުގެ ތެރެއިން ހޮސްޕިޓަލުތައް ތަރައްގީކުރުމަށް ގެންގުޅުވާ ސިޔާސަތުގެ ލިސްޓްގައި އެންމެ އިސްކަމެއްދީގެން ތަރައްގީކުރާނެ އެއް ހޮސްޕިޓަލަކީ ކުޅުދުއްފުށީ ހޮސްޕިޓާ ކަމަށެެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ އަމީން ވިދާޅުވީ އެ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރާއިރު ސަރުކާރުން ގެންގުޅުއްވަނީ މާދުރު ފުޅާ ވިސްނުމެއް ކަމަށެވެ.

“އެހެންވީމަ އަޅުގަނޑުމެންނަށް ކަށަވަރުކޮށް ޔަގީންކަމާއެކު ބުންނަން އެނގޭ އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެކަން.” ކުޅުދުއްފުށީގައި ހުންނަވައިގެން މިނިސްޓަރު އަމީން ވިދާޅުވި އެވެ،

މިއީ ހަމައެކަނި ކުޅުދުއްފުށީ ރައްޔިތުންނަށް އެކަނި ހާއްސަ ހޮސްޕިޓަލެއް ނޫންކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ސަރުކާރުގެ ތަސައްވުރަކީ މިހޮސްޕިޓަލަކީ މިސަރަހައްދުގެ އެންމެ ރަނގަޅު ފަރުވާ ލިބޭނެ ހޮސްޕިޓަލަކަށް ބަދަލުކުރުން ކަމަށެވެ.

މިސަރަހައްދުން ސިއްހީ އެކަށީގެންވާ ހިދުމަތް ނުލިބޭކަމަށްވާނަމަ ބޭރަށް މީހުން ދާން ޖެހުން އިތުރުވާނެކަމަށާއި ކުޅުދުއްފުށީ ހޮސްޕިޓާ ރަނގަޅަށް ވަސީލަތްތައް ގާއިމުކުރެވި އެކަށީގެންވާ ހިދުމަތްތަކެއް ލިބިގެން ނޫނީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް ކުރާ ހޭދަވެސް ކުޑައެއް ނުވާނެކަމަށެވެ ސިއްހީ ހިދުމަތް ފުރިހަމަ ކުރުމުގައިވެސް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެހެންކަމުން މިހޮސްޕިޓާ ތަރައްގީކުރަނީ ގައުމީ މަޝްއޫލިއްޔަތެއްގެ ގޮތުގައިކަމަށް ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ކޭއާރުއެޗުގެ ހިދުމަތްތައް ބަރާބަރަށް ދިނުމަށްޓަކާ ކުރިން ނިންމާފައިވާ ބައެއް ކަންތައްތައް ކުރިއަށްގެންދާނެ ކަމަށެވެ. ހޮސްޕިޓާ ޓާޝަރީއަށް ބަދަލުކުރުމާ މިސަރަހައްދުގައި އެންމެ ރަނގަޅު ހިދުމަތްދޭ ހޮސްޕިޓަލަކަށް ހެދުމުގެ މަސައްކަތުގައި ޕޮލިސީތަކަކާއި ވިސްނުންތަކެއް އަދި ޓައިމްލައިންޓަކެއް ކަނޑައަޅާ މަސައްކަތްތައް ފަށައިގަންނާނެކަމަށް އަމީން ވިދާޅުވި އެވެ.

ދުވަހުން ދުވަހަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ބޭނުންވާ ކަންތައްތައް ފޯރުކޮށްދިނުމުގައި ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެމަނިކުފާނު އިއްްޔެ ހޮސްޕިޓަލަށް ޒިޔާރާތްކުރުމުން، ވަގުތުން ވަގުތަށް ކުރެވެން ހުރި މުހިންމު ކަންތައްތައް ފާހަގަކޮށް އެކަންތައްތައް ކުރުމަށް މިހާރުވެސް ވާނީ އަންގާފަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ކޭއާރުއެޗުގެ ކައުންޓަރުގެ ފޯން ސެޓަޕަށް ދިމާވެފައިހުރި މައްސަލަ އާއި މުވައްޒަފުންގެ މައްސަލަތަކާއި ބޭނުންވާ ބޭހާއި ނުލިބުމުގެ މައްސަލަ މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެމައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެކަމުގެ މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އިންޑިޔާގެ ނިމްސް ކުންފުންޏާ ހަވާލުކުރި ކަންތައްތައް ބަލަމުންގެންދާ ކަމަށެވެ.

ހެލްތް މިނިސްޓަރު އަދި ނައިބު ރައީސް ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހާލަތު ބައްލަވާލައްވަނީ–

އޭނާ ވިދާޅުވީ ހޮސްޕިޓަލް ޓާޝަރީއަށް ބަދަލުކުރާއިރު މެނޭޖްމަންޓް އިތުރަށް ހަރުދަނާކުރުމަށް އިތުރު ވަޒީފާތައް އުފައްދަން ޖެހޭ ކަމަށާއި ނަމަވެސް މިވަގުތު ނަގާނީ ކޮންމެހެން އުފައްދަން ޖެހޭ މަގާމުތަކަށް އެކަނި ކަމަށެވެ. ބައެއް ވަޒީފާތަކަށް މުވައްޒަފުން ނުނަގަ ގިނަ ދުވަސް ވުމުގެ ސަބަބުން އެ ވަޒީފާތައް އުވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ ކުރީގެ ސަރުކާރުތަކުންވެސް ގެންގުޅުވި ސިޔާސަތެއްނަމަވެސް މިހާތަނަށްވެސް އެކަން ހާސިލުކުރެވިފައިއެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355