މުހައްމަދު އިސްމާއިލް
ހއ. ބާރަށުގައި ކުޑަކުއްޖެއްގެ އަތް ހަނޑޫ މުގުރާ ދައްޗެއްގައި ތާށިވެގެން، މިދިޔަ އާދީއްތަ ދުވަހު މެންދުރުފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެވުނު ކުއްޖާއަށް ފަރުވާ ދިނުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަމަލު ކޮށްފައިވާ ގޮތް ބައެއް މީޑިޔާތަކުގައި ފަތުރާފައިވަނީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.
އަޕަރ ނޯތް ހެލްތް ސާރވިސް ކޯޕަރޭޝަނުން ހިންގާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހއ ބާރަށުގެ އެކުއްޖާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެވުމާއި އެކު އެހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރ، ޑރ. ވާލިޔާ އެކުއްޖާ ބައްލަވާފައި ވިދާޅުވެފައިވަނީ، ދަތީގެ ތެރޭގައި ކުއްޖާގެ އަތްތާށިވެ، އަތުގެ އިނގިލިތައް ދަތީގެ އަނެއްކޮޅުން ބޭރަށްނުކުމެ ފެންނަން ހުރިކަމަށާއި އެކުއްޖާގެ އަތް މެޝިންތެރޭގައި ތާށިވެފައިވުމުގެ ސަބަބުން އަތް އެދަތިން ނެގޭނެ ގޮތަކީ ދަތި ކަފާލައިގެން ނުވަތަ މެކޭނިކެއް ގެނެސްގެން ދަތި ރޫޅާލެވޭތޯ ބަލައިގެންކަމަށް ކަމަށެވެ.
އުމުރުން ތިން އަހަރުގެ ކުއްޖަކު ކުޅެން އުޅުމުގެ ތެރޭގައި ހަނޑޫ މުގުރާ ދައްޗެއްގެ ތެރޭގައި އަތްތިލައިގެ ބޮޑު ބަޔަކާއި އިނގިލިތައް ތާށިވެ ހިނގި މިހާދިސާގައި އެކުއްޖާ ބެއްލެވި ޑޮކްޓަރުގެ ލަފާގެ މަތިން ކުޅުދުއްފުށީގެ އިންޖިނޭރެއް ހޮސްޕިޓަލަށް ގެނެސް އެ އިންޖިނޭރުގެ ލަފާގެ މަތިން ދަތިން ކުއްޖާގެ އަތް ނެރުމުގެ މަސައްކަތްވަނީ ކޮށްފައެވެ.
“މެކޭނިކް ވިދާޅުވީ އަތަށް ގެއްލުންނުވާނެ ގޮތަކަށް ދަތި ކަފާލުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށާއި، ނަމަވެސް ދަތި ފަހަތަށް އަނބުރާލައިގެން އަތް ދަތިން ނެރުމުގެމަސައްކަތް ކުރެވިދާނެކަމަށެވެ. އެއަށްފަހު މެކޭނިކް ބޭނުންކުރާ ޓޫލްސްތައް ގެނެސްގެން ޑރ. ވާލިޔާއާއި ދެމީހުން ކުރެއްވި މަސައްކަތުން ކުއްޖާގެ އަތް ވަނީ އެދަތިން ނެރެފައެވެ.” އެނޫސްބަޔާނުގައި ވެއެވެ.
ހޮސްޕިޓަލުން ބުނެފައިވަނީ ހަނޑޫ މުގުރާ ދަތީގެ ތެރެއިން ކުއްޖާގެ އަތްނެރެވުނު ކަމުގައި ވިޔަސް ދަތީގައި ތާށިވެފައި ހުރުމުގެ ސަބަބުން ކުއްޖާގެ އަތަށާއި އިނގިލިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިހުރިކަން ފާހަގަ ކުރެވުނު ކަމަށް ބުނެފައިވެއެވެ.
“އެހެންކަމުން އިތުރު ފަރުވާ އަކަށް ދިއުމަށް އެކްސްރޭ ނަންގަވާ ބެއްލެވިއިރު އަތުގެ ޝަހާދަށް އިގިލީގެ ކަށިގަނޑުވަނީ ވަރަށް ބޮޑަށް ޑެމޭޖް ވެފައެވެ. ނަމަވެސް ނާރުތައް ހަލާކުވެފަ ހުރިވަރެއް ނޭގޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ވީމާ، ޑރ. ލަފާދެއްވީ އަތުގެ ކުޑަ އޮޕަރޭޝަނެއް ކޮށްގެން (އިގިލި ކަފާލައިގެން އެތެރެ ބަލާ) ލިބިފައިހުރިގެއްލުން ބެއްލެވުމަށްފަހު ކުއްޖާގެ އިގިލި ތައް ސަލާމަށް ކުރުމާއި ދޭތެރޭ އެއްޗެއް ބުނެވިދާނެލަމަށެވެ. މިހެންކަމުން ކުއްޖާ ގެ ބައްޕަ ބޭނުންވީ މާލެދާންކަމުން، ކުއްޖާ މާލެއަށް ރޭގެ ވަގުތެއްގާ ވަނީ ފޮނުވާ ލެވިފައެވެ.” ހާދިސާ ހިނގިގޮތް ސާފުކޮށްދިނުމުގެ ގޮތުން ރީޖަނަލް ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.
އެނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެހާދިސާއާއި ގުޅިގެން ހަބަރު ފަތުރާ ވަސީލަތްތަކުން ހަބަރުތައް ފަތުރާފައިވަނީ އާންމު ރައްޔިތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކަންހިނގިގޮތުގެ އަސްލު އޮޅިދާނޭފަދަ ގޮތަކަށް ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި މިހާރު އެކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.