twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކަނދުފަތި ކައިރީގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ

Dec 31, 2018

ކަނދުފަތި ކައިރީގައި މަސްވެރިކަން ކުރުން ހުއްޓުވަން ސިފައިންނާއި ފުލުހުންގެ އެހީ ހޯދާ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ބައެއް މީހުން އޮއިވާލި ކަނދުފަތިތައް ކައިރީ ވަދު އަޅައިގެން މަސްވެރިކަންކުރުން އިތުރުވެފައި ވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ސަރުކާރުން ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުގައި އަޅާފައިވާ 55 އޮއިވާލި ކަނދުފަތީގެ ވިއުގަ އަކީ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރަށް ހާއްސަކޮށްފައިވާ އެއްޗިއްސެވެ. ކަނދުފަތީގެ ވިއުގަ ބަލަހައްޓަނީ ދައުލަތުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކޯސްޓް ގާޑާއި ފުލުހުންނާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކަނދުފަތީގެ ސަރަހައްދުގައި ވަދު ދަމައިގެން ނުވަތަ ވަދު އުކައިގެން މަސްވެރިކަން ކުރުމުންނާއި ދިރޭ އެންޖަހައި ފައްތައިގެން މަސްވެރިކަން ކުރުމުން އެސަރަހައްދުގައި މަސް އައިން ތިލަވުމަށް އަދި ހިފެހެއްޓުމަށް ރަނގަޅު ނޫން އަސަރުކުރާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މަސްވެރިކަމުގެ ގަވާއިދުގައި ބުނާ ގޮތުން އޮއިވާލި ކަނދުފަތިތަކުގެ ތިން މޭލު ކައިރީގައި ދިރޭ އެން ޖަހައި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުމާއި، ވަދު އަޅައިގެން މަސްވެރިކަން ކުރުމާއި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުން ލިބޭފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355