twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބޮޑު ބަންދުގައި ކެލާ ގެސްޓްހައުސްތައް ފުލްވެފަ !

Jan 3, 2019

ލޯކަލް ޓުއަރިޒަމް ކުރިއަރަމުން އަންނަ ހއ ކެލާއަކީ ގުދުރަތީގޮތުން އެތައް ރީތިކަމެއް ލިބިފައިވާ ރަށެކެވެ. އެހެންކަމުން އެރަށަކީ ލޯކަލް ޓޫރިޒަމް ފަހި ފުރުސަތުތަކެއް އޮތް، ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެކެވެ.

މިހާރުވެސް އެރަށުގައި އޮޕަރޭޓްކުރާ 2 ގެސްޓްހައުސް ހުންނަ އިރުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ނަގާފައިވާ ޖުމްލަ 4 ގެސްޓް ހައުސް ހުރެއެވެ.

ކެލާގައި ގެސްޓްހައުސް ހިންގާ ހޮލިޑޭ ހޯމް ކެލާ (އެޗްއެޗްކޭ)އިން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ސީޒަން ތެރޭގައި ކޮންމެ އަހަރަކުވެސް ރަށުގައި ހިންގާ ދެ ގެސްޓްހައުސްވެސް ފުލްވާ ކަމަށެވެ.

16 އެނދާއެކު ކެލާގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ އެޗްއެޗްކޭ އަކީ އެންމެ ފުޅާ ދާއިރާއެއްގައި ކެލާގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ފަރާތެވެ. މީގެ އިތުރުން ކެލާގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ސަމާރ ހޯމް ކެލާ ވެސް ސީޒަން ތެރޭއެއްކޮށް ފުލްވާކަމަށް އެ ގެސްޓްހައުސްއިން ބުނެއެވެ.

6 އެނދާއެކު ހިންގާ ސަމާރ ހޯމްއިން ކޭއޯއަށް ބުނީ ސީޒަން ތެރޭ ގެސްޓްހައުސް ފުލްވާއިރު ރަށުގައި ގެސްޓްހައުސް ހިންގުމަށް ހުއްދަ ދީ އެހެންނަމަވެސް އަދި އޮޕްރޭޓްކުރަން ނުފަށާހުރި ގެސްޓްހައުސްތަކުންވެސް އިތުރަށް ކޮޓަރި ނަގަންޖެހޭކަމަށެވެ. ސީޒަން ތެރޭގައި ޓޫރިސްޓުންގެ އިތުރުން މުޅި އަހަރުތެރޭ ގިނަ އަދަދެއްގެ ދިވެހިންވެސް ރަށައް ޒިޔާރަތް ކުރާކަން އެފަރާތުން ފާހަގަ ކުރިއެެވެ.

ކެލާ އަކީ 2017 ވަނަ އަހަރު ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ އެވޯޑް މާޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ގެސްޓް ހައުސް އެޑިޝަންގެ އެންމެ ހިތްގައިމު ގޮނޑުދޮށުގެ އެވޯޑް ލިބިފައިވާ ރަށެވެ

ކެލާ–

ކޭއޯ ވާހަކަ ދައްކަމުން ކެލާ ކައުންސިލްގެ ރައީސް ޢުފްރާން ވިދާޅުވީ ގެސްޓްހައުސްތަކުގެ ވިޔަފާރި ފުޅާވަމުން ދިއުމާއެކު ރަށަށް އެކި ގޮތް ގޮތުން ފައިދާވަމުން ދާކަމަށެވެ. ހާއްސަކޮށް ސީޒަން ތެރޭގައި އާންމުގެ ގެތަކުންވެސް ކުއްޔަށް ކޮޓަރި ހިފާކަމަށާއި، ކެލާގެ ގިނަ ރައްޔިތުންނަކީ މާލޭގައި ދިރިއުޅޭ މީހުންކަން ފާހަގަ ކުރަމުން ޢުފްރާން ވިދާޅުވީ ރަށުގައި ދިިރިނޫޅޭ ރައްޔިތުންގެ ގޯތިތައް ރަނގަޅު ފެންވަރަކަށް ހެދުމަށް އިސްކަމެއް ދޭކަމަށާއި އެހެންކަމުން ގެދޮރުވެރިކަމުން ރަށަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.

މީގެ އިތުރުން ސީޒަންތެރޭގައި ރަށުގައި ވަޒީފާވެސް އިތުރުވާ ކަމަށާއި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރަނީ ރަށުގެ ޒުވާނުންކަން ފާހަގަކުރިއެވެ.

ލޯކަލް ޓްރިޒަމް ކުރިއަރަމުން އަންނަ ރަށަކަށްވުމުން ކައުންސިލް މި އަހަރުގެ ބަޖެޓުގައި ހިމަނައިގެ ކޮންޓްރެކްޓް އުސޫލުން ރަށުތެރެއާއި މޫދުކައިރި ސާފުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އުފްރާން ވިދާޅުވި އެވެ.

އެންމެ ހިތްގައިމު ބީޗް އެވޯޑްގެ އިތުރުން 2017 ވަނައަަހަރު ކުރިއަށް ގެންދިޔަ ސެއިލް މޯލްޑިވްސް ޔޮޓް ރެލީގެ ފުރަތަމަ މަންޒިލަކީވެސް ކެލާކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355