އިބްރާހިމް ހަމީދު
އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން އެޖެންޑާކުރިކުރުން އަވަސްކަމަށް ހދ.އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަހްމަދު ހަލީލު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ އޮންލައިނުން ދެއްނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މިދިޔަ ހަފްތާގެ ތެރޭގައި ކައުންސިލަށް ހުށަހެޅި އަދި ފަހުން އެމައްސަލަ އަނބުރާ ގެންދިޔަފަހުން ފުރަތަމަ ފަހަރަށް މީޑިޔާއަށް ދިން އިންޓަވިޔުއެއްގައި، ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަހްމަދު ހަލީލު ވިދާޅުވީ އިތުބާރު ނެތްކަމަށް ވޯޓެއް ނަގަން އަދި ތަންކޮޅެއް އަވަސްކަމަށާއި ސަބަބަކީ ކައުންސިލުގެ ހުރިހާ ދާއިރާތަކުން ހޮވިފައިވާ ބޭފުޅުން ހުވާކުރެއްވުމަށްފަހު ކައުންސިލްގެ ރަސްމީ މަސައްކަތްތައް ފެށިގެން ހިނގައިގަތްތާ މަހެއްހާ ދުވަސްވެސް އަދި ނުވާނެ ކަމަށެވެ.
މިހާރު މުޅިކައުންސިލްގެ މުސްތަގުބަލަށްޓަކައި ފަންކްޝަނަލް ސްޓްރަކްޗަރ ހަދައި މަސައްކަތްތައް ބަހާ އަދި ގާނޫނުން އަތޮޅު ކައުންސިލްތަކަށް ލިބިދޭ ޒިންމާތަކާއި މަސްޢޫލިއްޔަތުތަކާއި ގުޅޭގޮތުން ކައުންސިލްގެ ރައީސްގެ މަޝްވަރާގެ މަތިން މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާކަމަށް ހަލީލު ވިދާޅުވިއެވެ. އަދި މިފަދަ އަސާސީ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި ނޯ ކޮންފިޑެންސް ވޯޓަކަށް ދިއުން އެއީ އެހާ ބުއްދި ގަބޫލުކުރެވޭ ފަދަ ކަމެއް ނޫންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އަދި އެބޭފުޅުން އިތުބާރުނެތްކަމަށް ހުށަހެޅުއްވި ސަބަބުތަކަކީ ނޯ ކޮންފިޑެންސް ވޯޓެއް ނައިބެއްގެ މަގާމުގައި ހުރި މީހަކު ދުރުކުރުމަށް އެހާ ރަނގަޅު ސަބަބުތަކެއް ނޫންކަމަށް އަހްމަދު ހަލީލު ވިދާޅުވިއެވެ.
ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅީ އަހްމަދު ހަލީލުގެ ގާބިލުކަން ނެތިގެން ނުވަތަ ހަވާލުކުރެވިފައިވާ މަސައްކަތުގެ ޒިންމާ އަދާ ނުކުރެވިގެން ކަމަށް ގަބޫލުފުޅު ނުކުރައްވާ ހަލީލި ވިދާޅުވިއެވެ. އަދި ބޮޑަށް ގަބޫލުފުޅު ކުރެއްވެނީ އެއީ ކޮންމެވެސް ބޭފުޅެއްގެ އަމިއްލަ އެޖެންޑާއެއް އޭގެ ތެރޭގައި އޮވެގެން އަދި އިތުރު ބައެއް މެމްބަރުންގެ އެހީތެރިކަމާއެކު ހުށައެޅި މައްސަލައެއް ކަމަށެވެ.
އަހްމަދު ހަލީލު ގަބޫލު ކުރާގޮތުގައި އަމިއްލަ ގޮތުން ކައުންސިލަށް ހޮވިވަޑައިގެންފައިވާ ކެންޑިޑޭޓެއްވިޔަސް އެބޭފުޅެއްގެ މައިގަނޑު އަމާޒަކަށް ވާންޖެހޭނީ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ހިދުމަތް ކުރުންކަމުގައެވެ. ޕާޓީތަކުން ކައުންސިލަށް ވަޑައިގެންނެވި ބޭފުޅުންނަށް އެޕާޓީ ތަކުން ކޮށްދޭންޖެހޭނެ ކަމަކީ، ރައްޔިތުންނަށް ހިދުމަތްކުރުމުގައި އެކައުންސިލަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި އެނޫން ގޮތަކަކަށް އެބޭފުޅަކު ނިސްބަތްވާ ޕާޓީ މެދުވެރިކޮށް ނާޖާއިޒް ފައިދާތަކެއް ހޯދުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އަހްމަދު ހަލީލު ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންވެސް ގަބޫލުކުރާނެ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.
“ކައުންސިލަށް ހޮވޭ ދާއިރާގައި ތިއްބަވާނީ ހުސްއެކަނި އެ ހޮވޭ ބޭފުޅެއްގެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންނެއް ނޫން. އެބޭފުޅުން ގަބޫލުފުޅު ކުރައްވަންޖެހޭނެ ކައުންސިލަށް ހޮވިފައިތިބީ ރައްޔިތުންނަށް އިޚްލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމަށްކަމަށް. ރައްޔިތުންގެ ތެރޭގައި ހުރި ވަކި ޕާޓީއަކަށް ހިދުމަތްކޮށްދޭން ނޫންކަން އެއީ ކޮންމެ ބޭފުޅަކުވެސް ގަބޫލު ކުރަންޖެހޭނެ ހަގީގަތެއް” އަހްމަދު ހަލީލު ވިދާޅުވިއެވެ.
އަހްމަދު ހަލީލު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހެވަޔާލާބައަށް ކުރާ ކޮންމެ ކަމެއްގައި ސަރުކާރަށް އެއްބާރުލުން ދޭނެކަމަށެވެ.