ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގެ މޫނުމަތި ތަރައްގީކޮށް އެ ސަރަހައްދުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. 126 މިލިއަން ރުފިޔާގެ މިމަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއު އެކެވެ.
މި ބަނދަރަކީ 1100 ފޫޓް ދިގު 500 ފޫޓް ފުޅާ ބަނދަރެކެވެ. މިމަޝްރޫއުގެ ދަށުން މި މަޝްރޫއުގައި މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކެނޑުން ހިމެނޭއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހެދުންވެސް ހިމެނެއެވެ. އަދި ބަނދަރު ބޭރު ތޮށީގައި އޮޑި ދޯނި ފަހަރު އެޅޭއިރު ބަނދަރުގެ އަރިމަތީ ތޮށީގައިވެސް ޖެޓީތަކެއް ލެވިފައި ހުންނާނެ އެވެ.
ފެރީ ޓާމިނަލް އިމާރާތަކާއި ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިން ފިހާރައެއްގެ އިތުރުން ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ތަރައްޤީ މި މަޝްރޫއުގެ ތެރެއިން ކުރެވިގެންދާނެ އެވެ.
ބަނދަރުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު އެސަރަހައްދަށް ވަދެއުޅުން ވަނީ މަނާކޮށްފަ–
އެމްޓީސީސީން ބުނީ ކުދި އުޅަނދު ފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރުތައް ކުޅުމަށް ވޯޓަރ ފްރަންޓް ޒޯނެއް ތަރައްޤީކޮށް، މަސް މާރުކޭޓެއް ހެދުމާއި މަސްކަނޑާތަނެއް ހެދުމާއި މަސްވެރިނަށް ފާހާނާއާއި ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުންވެސް ހިމެނެ އެވެ.
މި މަޝްރޫއު އެންމެ ފުރަތަމަ އިއުލާންކުރިއިރު ކުޅުދުއްފުށީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށާއި ބަނދަރުގެ އިދާރީ ކަންކަމާއި އަދި ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް އޭޑީބީ އިން 500،000 ޑޮލަރުގެ އަގުހުރި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް އޭރު ހިމަނާފައިވެ އެވެ.
މިދިޔަ ސަރުކާރުތަކުންވެސް މި މަޝްރޫއު ފަށާނެ އެކި ތާރީހުތައް ދީފައިވީނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއްނުވެ އެވެ. އެކަމުން އެސަރަހައްދުގެ ބޮޑުބައެއް ވަނީ ގިރާލާފަ އެވެ.