ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި 300 އަށްވުރެ ގިނަ ފުލެޓް އަޅައި ނިމިފައިވާކަމަށް ވިދާޅުވެ ރައީސް ނަޝީދު އިތުރުފުޅު ހައްދަވައިފި އެވެ.
އެމްޑީޕީ ޕްރައިމަރީގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވާ ލަބީބު މޫސާގެ ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު މިރޭ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކުޅުދުއްފުށީގެ ބިން ބޮޑުކޮށް އެ ބިމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާ، ގިނަ ފުލެޓްތަކެއްވެސް މިހާރު ހަދައި ނިމިފައިވާ ކަމަށެވެ.
“ކުޅުދުއްފުށީގެ އެތަން މިތަނުގައި 300 އަށްވުރެ ގިނަ ފުލެޓް މިހާރު ވަނީ އަޅާ ނިމިފަ. އެތަންތަނަށް މީހުން ވެދުމަކީ ކޮންމެހެން ބޭނުން ކަމެއް”. މިރޭ ނަޝީދު ވާހަކަދައްކަވަމުން ވިދާޅުވި އެވެ.
300 ފުލެޓް އަޅާ ނިމިފައިވާކަމަށް ނަޝީދު ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި އަޅަން ނިންމީ ވެސް 166 ރޯހައުސް އެވެ. އެތަނުން މުޅި ނިންމާލެވިފައިވަނީ ޖަލާލުއްދީން ސްކޫލު ކައިރީގައި އިމާރާތްކޮށްފައިވާ 18 ރޯހައުސް އާއި ހަސަނާތު މިސްކިތް ކައިރީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް އެވެ. ހިއްކި ބިމުގައި ހަދަން ފެށި 100 ރޯހައުސްގެ މަސައްކަތް ނުނިމި ހުއްޓިފައި ހުންނާތާ ވަނީ އަހަރުތަކެއްވެފައި އެވެ.
މި ރޯހައުސްތަކުގެ ތެރެއިން މީހުން ދިރިއުޅެން ފެށިފައިވަނީ ސްކޫލު ކައިރީގައި ހުރި ރޯހައުސްތަކުގައި އެކަންޏެވެ. ހަސަނާތު މިސްކިތް ކައިރީގައި ހުރި ރޯހައުސްތަކުގެ މަސައްކަތް ނިންމާލެވިފައިވީނަމަވެސް މިދިޔަ ރައީސް ޔާމީންގެ ސަރުކާރުން އެތަން އަޅާ ނުލާ ދޫކޮށްލުމުން އެ ރޯހައުސްތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެ މަރާމާތްތަށް ބޭނުންވެފައިވެ އެވެ.
ހިއްކި ބިމުގައި ހުރި ރޯހައުސްތަކުގެ މަސައްކަތް ހުއްޓުނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ހިސާބުން ފެށިގެންނެވެ. އިތުރު ރޯހައުސްތަކެއް އިމާރާތްކުރުމުގެ މަސައްކަތް ކުޅުދުއްފުއްޓަށް މިއަދާ ހަމައަށް ކޮށްފައިނުވެ އެވެ.
ކުޅުދުއްފުށީ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ނަޝީދު އިތުރަށް މިރޭ ވިދާޅުވީ މަޖިލިސް 2019 ވެގެންދާނީ ކުޅުދުއްފުށީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާ މަޖިލީހަކަށް ކަމަށެވެ. އަދި މިރަށުގެ ހިއްކި ސަރަހައްދު އެ ބިމުގެ ޕްލޭނާ އެއްގޮތަށް ތަރައްގީކުރަން ޖެހޭކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.