twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހދ އަތޮޅުގައި ފަތުރުވެރިކަން ފުޅާކޮށް، ކުޅުދުއްފުށީގައި ގެސްޓްހައުސް ވިޔަފާރި ފެށުމަށް މަޝްވަރާކޮށްފި

Jan 20, 2019

ކުޅުދުއްފުށީގައި ހުރި މައްސަލަތަކާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޅުދުއްފުށީ ކައުންސިލުން ސަރުކާރުގެ މުވައްސަސާތަކާއި ބައްދަލުކުރުން މި ހަފްތާތެރޭގައި ފަށާފައިވާއިރު މިއަދު ޓޫރިޒަމް މިނިސްޓްރީ އަދި ޕީއެސްއެމްއާއި ބައްދަލުކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި ކުޅުދުއްފުށީގައި ގެސްޓަހައުސްގެ އިމާރާތްކުރުމާއި ހދ އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމާއި ބެހޭގޮތުން މަޝްވަރާކުރުމާ ބެހޭގޮތުން ވާހަކަ ދައްކާފައިވާކަމަށެވެ.

އެގޮތުން ހދ އަތޮޅުގައި ޓޫރިޒަމްގެ މަސައްކަތް އެދެވޭގޮތުގައި ފެށިފައިނެތުމާއި، އަދި އެކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބެހޭގޮތުންނާއި، ހދ އަތޮޅުގައި ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

އަދި މިހާތަނަށް ރިސޯޓް ތަރައްގީކުރުމަށް ހދ އަތޮޅުން ދޫކުރެވިފައިވާ ރަށްތައް ހަވާލުކުރެވިފައިވާ ފަރާތްތަކާއި މަޝްވަރާކޮށް އަވަސް މުސްތަގުބަލެއްގައި އަލުން ރަށްތަކުގެ މަސައްކަތް ފެށުމުގެ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ކަމަށާއި، މީގެ އިތުރުން ކުޅުދުއްފުށީގައި ގެސްޓްހައުސްގެ ވިޔަފާރި ފަށާ އެ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދޭނެކަމަށް ވެސް ވިދާޅުވެފައިވާ ކަން ލަތީފް ފާހަގަ ކުރެއްވި އެވެ.

ކައުންސިލުން މިއަދު ޓޫރިޒަމް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން–

މި މަސައްކަތްތައް ފެށުމަށް ޓޫރިޒަން މިނިސްޓްރީން ވެދެވެން އޮތް އެހީއެއް ވެދެއްވާނެ ކަމަށާއި އަދި ކުޅުދުއްފުށީ އެއާޕޯޓް ގެ މަސައްކަތްވެސް އަވަހަށް ނިންމުމަށް ބާރު އަޅުއްވާ، އެހެން މިނިސްޓްރީތަކުގެ ބެލުމުގެ ދަށުން ކުޅުދުއްފުށީގައި ކުރިއަށްދާ އެފަދަ މަޝްރޫއުތަށް އެމިނިސްޓްރީތަކާއި މަޝްވަރާކޮށް މަސައްކަތްތައް އަވަހަށް ނިންމުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް މިނިސްޓްރީ ވިދާޅުވިކަމަށް ލަތީފް ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ މައްސަލަތައް ބައްލަވާ ލެއްވުމަށް ޓޫރިޒަމް މިނިސްޓަރު އަންނަ ފެބްރުއަރީ މަހު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލުން މިއަދު ވަނީ ޕީއެސްއެމްއާއި ވެސް ބައްދަލު ކުރައްވާފަ އެވެ. ޕީއެސްއެމްއާއި ބައްދަލުކޮށް ކުޅުދުއްފުށީގައި ހުންނަ ތިލަދެކުނު ސިނަމާގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

ތިލަ ދެކުނު ސިނަމާގެ އިމާރާތައް ލިބިފައިވާ ބައެއް ގެއްލުން–

ކުޅުދުއްފުށީގައި އިމާރާތް ކުރެވިފައިވާ ތިލަދެކުނު ސިނަމާއަކީ ޕީއެސްއެމްގެ ބެލުމުގެ ދަށުންގައި ހުންނަ އިމާރާތެއްކަން ލަތީފް ފާހަގަ ކުރައްވަމުން ވިދާޅުވީ އެތަނުގެ ހާލަތު ވަރަށް ތަފްސީލްކޮށް ޕީއެސްއެމްއާ ހިއްސާކޮށްފައިވާކަމަށާއި އެގޮތުން އިމާރާތް ވަރަށް ބޮޑަށް ހަލާކުވެ ކުރަން ޖެހޭ މަރާމާތުތަކާ ބެހޭ ތަފްސީލް ދެއްވާފައިވާ ކަމަށެވެ. އަދި ތަނުގައި ބޭނުން ކުރާ ޕްރޮޖެކްޓަރާއި ސައުންޑް ސިސްޓަމްވެސް ހަލާކުވެ، ތަންވެސް ރައްޔިތުން ބޭނުންކުރަން އެކަށީގެންވާ ވަރަށް ވުރެބޮޑަށް ހަލާކުވެފައިވާކަން ލަތީފް ފާހަގަ ކުރެއްވި އެވެ.

އެތަނަކީ ކައުންސިލާ ވެސް އަދި އެހެން ބަޔަކާވެސް ހަވާލުކޮށްގެން ބަލަހައްޓަމުން ގެންދާތަނެއް ނޫން ކަމުން ކޮންޓްރެކްޓްގެ އުސޫލުން ކައުންސިލާއި ނުވަތަ އެހެންބަޔަކާ ހަވާލުކޮށްގެން ތަނުގެ މަރާމާތުތައް ކުރިއަށް ގެންދިއުމަށް ޕީއެސްއެމްގައި އެދިފައިވާނެ ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

މީގެ ކުރީގެ ޕީއެސްއެމްގެ މެނޭޖްމެންޓާވެސް މި ކަންކަން ހިއްސާކޮށް އެކަންކަމަށް ހައްލެ ނުލިބިފައިވާކަން ލަތީފް ފާހަގަ ކުރެއްވި އެވެ.

ކައުންސިލްގެ މިދަތުރުގައި މިއަދު ހަވީރު ހެލްތް މިނިސްޓްރީއާއި ބައްދަލުކުރައްވާނެ އެވެ. އަދި ކުރިއަށް އޮތް ހަފްތާތެރޭގައި އެކި މިނިސްޓްރީތަކާއި ބައްލުކުރުމަށް ހަމަޖެހިފައިވައިރު މާދަމާގެ ވަގުތެއްގައި ރައީސް މުހައްމަދު ސޯލިހާ ވެސް ކައުންސިލަރުން ބައްދަލު ކުރައްވާނެ އެވެ.

ކައުންސިލުން މިއަދު ޕީއެސްއެމްއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން–

މި ދަތުރުގެ މަގުސަދަކީ ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތަކާއި ހުއްޓިފައިވާ މަޝްރޫއުތަކަށް ހައްލެއް މިނިސްޓްރީ ތަކާއިއެކު މަޝްވަރާކުރުމަށް ކުރާ ދަތުރެކެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355