އަންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ކުރިއަށްގެންދިޔަ ޕްރައިމަރީ މިދިޔަ ހުކުރު ދުވަހު ބާއްވާފައިވާއިރު އެ އިންތިހާބުގައި ކުޅުދުއްފުށީގެ ދެ ދާއިރާއަށް ޖުމްލަ ހަތް ކެންޑިޑޭޓުން ވަނީ ވާދަކޮށްފަ އެވެ. އިންތިހާބު ނިމިގެންދިޔައިރު، ވާދަވެރި ޕާޓީތަކުގެ އިސް ފަރާތްތަކުން ވަކި ކެންޑިޑޭޓެއް ހޮވުމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރިކަން އިތުބާރު ހުރި ފަރާތަކުން ވަނީ މައުލޫމާތު ދީފަ އެވެ.
އިންތިހާބުގައި ކުޅުދުއްފުށީގެ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއާ އަލަށް ގުޅުނު ޔާސިރު އަބުދުލް ލަތީފް ކާމިޔާބުކޮށްފައިވާއިރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ދުވަސްވީ ބޭފުޅެއް ކަމަށްވާ ޖަމްޝީދު މުހައްމަދެވެ.
އެހެން އިންތިހާބުތައް ނިމިގެންދާއިރުވެސް ފައިސާ ބަހައި ވާހަކަތަކުގެ އަޑު ގަދަވެ އެވެ. އެކަމަކު މި އިންތިހާބުގައި ފައިސާގެ ނުފޫޒު ފޯރުކޮށްފައިވަނީ ތަފާތު ގޮތަކަށެވެ. އިންތިހާބު “ފަނިކޮށްލައި” އެމްޑީޕީގެ ބަދަހި ސަފުތައް ފޫއަޅުވާލީ އެހެން ޕާޓީތަކުގެ އިސް މެމްބަރުން މެދުވެރިކޮށް، އެ ޕާޓީއަކުން ނެރޭ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުކުރަން ފަސޭހަވާނެ އެމްޑީޕީގެ ކެންްޑިޑޭޓެއް ހޮވުމަށްށެވެ. ހަތް ކެންޑިޑޭޓުންގެ ތެރެއިން އަލަށް އެމްޑީޕީއަށް ވަދެފައިވަނީ އެންމެ ކެންޑިޑޭޓެެކެެވެ. ދެން ތިބި ހަ ކެންޑިޑޭޓުންނަކީ އެމްޑީޕީއަށް ހިދުމަތް ކުރާތާ ގިނަ އަހަރުތަކެއްވެފައިވާ ކެންޑިޑޭޓުންނެވެ.
އެމްޑީޕީގެ ވަކި ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓުންތަކެއް އިންތިހާބު ކާމިޔާބުކުރުމަށް އެހެން ޕާޓީތަކުން ބޭނުންވި ސަބަބު ވަރަށް ސާފެވެ. އެއީ އެހެން ޕާޓީއަކުން ނެރޭ ކެންޑިޑޭޓަކާއި ނުވަތަ ކެންޑިޑޭޓުންނާ ވާދަކޮށް ފަސޭހައިން ބަލިކުރެވޭނެތީ އެވެ. އެ މަގުސަދުގައި އެ ޕާޓީތަކުން މިލިޔަނުން ބައެއް ކެންޑިޑޭޓުންނަށް ހުށަހެޅިކަން ކޭއޯއަށް ވަނީ ކަށަވަރުކުރެވިފަ އެވެ. އަދި ވޯޓު ގަތުމަށާއި ވޯޓުލާން ނުދިޔުމަށް އެދި ފައިސާގެ އަދަދުތައް އެމްޑީޕީގެ މެމްބަރުންނަށް ހުށައެޅިކަން އިތުބާރު ހުރި ފަރާތްތަކުން ވަނީ މިނޫހާ ހިއްސާކޮށްފަ އެވެ.
“އެމީހުން (އެހެން ޕާޓީތަކުގެ) ބެލީ އެމްޑީޕީގެ ފަރާތުން ނިކުމެފައި ތިބި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޕޮޕިއުލާ ކެންޑިޑޭޓުން ދުއްވާލަން. އޭރުންތާ ދޯ އެ މީހުން ނެރޭ ކެންޑިޑޭޓުން މަޖިލިސް އިންތިހާބު ކާމިޔާބުކުރަން ފަސޭހަ ވާނީ.” މިކަން އެނގޭ މެމްބަރަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އެކަން ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރި އެވެ. އިތުރު އެހެން މެމްބަރަކު ބުނީ ކެންޑިޑޭޓެއްގެ ނަން ނަގައި އެހެން ކެންޑިޑޭޓަކަށް ތާއިދުކުރުމަށް އެހެން ޕާޓީއެއްގެ މެމްބަރަކު އެއް މިލިއަން ހުށަހެޅި ކަމަށެވެ. އަދި ބޭނުން އޮފީހަކުން އިސް ވަޒީފާއާއި ފައިސާ ހުށަހަޅާފައިވާކަން ވެސް އިތުބާރު ހުރި ފަރާތްތަކުން ކިޔައިދިނެވެ.
“ވޯޓްލުމަށް ނުގޮސް ހުރުމަށް 2000ރ- 1000ރ ދެމެދު ބައެއް މެމްބަރުންނަށް ދިން. އަނެއް ބައެއް މެމްބަރުން ވަކި މެމްބަރަކަށް ވޯޓުލުމަށް 1000ރ، 1500ރ އަދި 500ރ ވެސް ދީފައި އެބަހުރި. މިފަންޑުތައް ކުރަނީ އެހެން ޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓެއް ނުވަތަ އެމީހުން ފޮނުވާ ވަކި ހާއްސަ ބައެއް.” އެމްޑީޕީއަށް ނިސްބަތް ނުވާ އެކަން އެނގޭ އެހެން ޕާޓީއެއްގެ މެމްބަރަކު ބުންޏެވެ.
އެއް ދާއިރާއެއްގައި ފައިސާގެ ނުފޫޒު ފޯރުކޮށްފައިވަނީ އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނަށް ނޭނގި އެކަމަކު އެ ކެންޑިޑޭޓަށް ވޯޓުލުމަށް ބުނެ އެވެ. އެއް ދާއިރާއަކު ދެ ކެންޑިޑޭޓަކަށް ވޯޓުލުމަށް އެދި އެހެން ޕާޓީގެ މެމްބަރަކު ފައިސާ ބެހިކަމަށް އެކަން އެނގޭ މީހުން މައުލޫމާތުދީފައިވެ އެވެ.
މިކަމުގައި އުޅުނު އެހެން ޕާޓީއެއްގެ މެމްބަރަކު އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކޮށް ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ބުނުމާއި ނުވަތަ ނަން ނެގުމަށް ބުނެ ފައިސާ އާއި ވަޒީފާގެ ހުށަހެޅި ކަމަށެވެ.
“މިބުނާ މީހަކު ނުވަތަ ބަޔަކު ބޭނުންވި މަގްސަދު އެންމެ ރަނގަޅަށް ހާސިލު ނުވިނަމަވެސް އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބުކުރި. އެކަމުގެ ސަބަބުން ކެންޑިޑޭޓުންގެ މެދުގައި ވަރަށް ބޮޑެތި މައްސަލަތައް ޖެހި ނުތަަނަވަސްކަން ވާނީ އުފެދިފަ.” ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އުޅުނު މީހަކު ބުންޏެވެ.
އެމްޑީޕީ ޕްރައިމަރީގައި ކުޅުދުއްފުށީގެ ދާއިރާތަކަށް ވާދަކުރެއްވި ކެންޑިޑޭޓުން–
ބައެއް ދާއިރާގައި މާބޮޑު ތަނަވަސް ކަމެއް ނެތް ކެންޑިޑޭޓުން ޕާޓީގެ އާންމު މެމްބަރުންނަށް އޮޓޯ ދޮންނަ މެޝިނާއި ބޭރަށް ދިޔުމަށް 1000 ޑޮލަރު، އަދި ސިޓީ އުރައިގައި އެކި އަދަދުތަކުން ފައިސާ ބަހާފައި އެބަހުއްޓެވެ. އެތަކެތި ލިބުނު ބައެއް މީހުންނާ ކޭއޯގެ ނޫސްވެރިންނަށް ވެސް ވަނީ ބައްދަލުވެފަ އެވެ. އަދި ރެސްޓޯރަންޓްތަކުން އޯޕަން ބަޖެޓްގައި އެތަކެއް ދުވަހަކު ބައެއް މެމްބަރުންނަށް ކެއުން ދީފައި އެބަހުއްޓެވެ.
“ދާއިރާތައް ފަނިކޮށްލަން އެ މީހުން (އެހެން ޕާޓީތަކުގެ) ބޭނުންކުރީ އެކި އުކުޅު. އެއްކޮޅުން އުޅުނީ ކެންޑިޑޭޓުން މެދުގައި ނަފުރަތާ ނުތަނަވަސްކަން އުފައްދައިގެ މީތި ފުޑާލުން ނޫނަމަ ކޮންމެވެސް ގޮތަކުން މަގުބޫލު ކެންޑިޑޭޓެއް ދުއްވާލަން. އެއް ދާއިރާއެއްގައި މަސައްކަތް ކުރީ އެ ކެންޑިޑޭޓަށް ފަންޑުކޮށްގެން ގޮނޑި ނަގަން. އެ ވެދާނެ އިދިކޮޅު ބަޔަކަށް އެ ގޮނޑި ވިންކުރަން ފަސޭހަވާނީ އެއްގޮތަކަމަށް ފެންނާތީކަމަށްވެދާނެ.” މިކަމުގެ މައުލޫމާތު އެނގޭ މެމްބަރަކުން ބުންޏެވެ.
ކޮންމެ ގޮތެއްވިޔަސް އިންތިހާބު ނިމިފައިވާއިރު ކުޅުދުއްފުށީގައި އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި ނުތަނަވަސްކަން އުފެދިފަ އެވެ. ޔަގީންވާ ކަމަކީ ފައިސާގެ ނުފޫޒު ފޯރުވިކަމެވެ. އެކަންކުރީ އެހެން ޕާޓީތަކުގެ މެމްބަރުން ކަމެވެ.