twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން ބާތިލުކޮށް ދިނުމަށް ރައީސް އަރިހުން އެދިވަޑައިގެންފި

Jan 21, 2019

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި)އާއެކު ވެފައިވާ އެއްބަސްވުން އަދިވެސް އުވާލައިފައި ނުވާތީ އެއް އެއްބަސްވުން އުވާލައި ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ އަރިހުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އެދިވަޑައިގަންނަވައިފި އެވެ. މިކަމަށް އެދިވަޑައިގެންފައިވަނީ ރައީސް އޮފީހުގައި ކުޅުދުއްފުށީ ކައުންސިލް މެމްބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެކަމަކު އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދު އުފެދުނު މައްސަލަތަކަކާ ހެދި އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގި، ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވި އެވެ. އަދި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދިން މުއްދަތުގެ ތެރޭގައި އެކަން ހައްލުކުރެވިފައިނުވާތީ ހޮސްޕިޓާ ހިންގަމުންދަނީ ސަރުކާރުންނެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރެއްވުމަށްފަހު ކޭއޯއާ ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ނިމްސްއާއެކު ވެފައިވާ އެއްބަސްވުން އުވާލައި ސަރުކާރުގެ ބެލުމުގެ ދަށުން ހޮސްޕިޓާ ހިންގައިދިނުމަށް އެދިވަޑައިގެންފައިވާނޭ ކަމަށެވެ. ލަތީފް ވިދާޅުވީ އެއްބަސްވުން އުވާލައިފިނަމަ އެކަމުގެ ހުރި ދަތިތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށެވެ.

އެގޮތުން އެއްބަސް އުވާލައިފިނަމަ ސަރުކާރަށް ދިމާވާނެ އުދަނގޫތައް ރައީސް ހިއްސާ ކުރެއްވިކަމަށް ލަތީފް ވިދާޅުވި އެވެ. ލަތީފް ވިދާޅުވީ ކައުންސިލުންވެސް އަދި ރައްޔިތުންވެސް އިތުރަށް ހޮސްޕިޓާ ނިމްސްއާ ހަވާލުކޮށްގެން ހިންގަން ބޭނުން ނުވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އަރިހުގައި ދަންނަވާފައިވާނެކަމަށް ލަތީފް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ނިމްސް ހިންގުމަށް ހަވާލުވި ދުވަސްވަރު ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވި އެވެ. އަދި ތަނުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ ރައްޔިތުންގެ ޝަކުވާ އިތުރުވި އެވެ. މުވައްޒަފުންގެ ވެސް ހިތްހަމަނުޖެހުންތަކެއް އޭރު ކުރިމަތިވި އެވެ.

ދާދި ފަހުން ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އެންއައިއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި ނަމަ ސަރުކާރުން ބަދަލުދޭން ޖެހޭ ކަމަށާއި އެމައްސަލަ އަށް ހައްލެއް ހޯދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355