twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަންނަމަހު ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނެ: އަތޮޅު ކައުންސިލް

Jan 23, 2019

އަންނަ ފެބްރުއަރީމަހުގެ ތެރޭގައި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާފައިވާކަމަށް ހދ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ އާބާދީގައި ދިހަހާސް ހަމަވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އެވެ. ގާނޫނުގައިވާގޮތުން އާބާދީގައި ދިހަހާސް ހަމަވުމުން އެރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނެ އެވެ.

ދައުލަތުގެ މީޑީއާ އިން ގެނެސްދޭ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އާތިފް ވިދާޅުވީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ގާނޫނީ ހުރަސްތަކެއް ހުރި ކަމަށެވެ. އެކަމަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެއްޖެނަމަ ހދ ގެ އަތޮޅުގެ ވެރިކަން އެހެން ރަށަކަށް ބަދަލުކުރުމާއި ސިޓީ ކައުންސިލެއްގެ އިތުރުން އޮންނަ ޖެހުން ފަދަ ކަންކަމާމެދު އަދި ގޮތެއް ނިމިފައިނުވާކަމަށެވެ.

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވާއިރު ގާނޫނީ ސުވާލުތަކެއް، ސާފު ޖަވާބެއް މުހިންމު: ނަޝީދު

އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ސިޓީގެ ދަރަޖަ ލިބިގެންގޮސްފައިވަނީ މުޅި އަތޮޅަށެވެ. ކުޅުދުއްފުށީ ވެގެންގޮސްފައިމިވަނީ ވަކި ރަށެއްގައި އާބާދީ ދިހަހާސް ހަމަވި ފުރަތަމަ ރަށެއްގެ ގޮތުގަ އެވެ.

އާތިފް ވިދާޅުވިގޮތުގައި ގާނުނީ ގޮތުން ހުރި ހުރަސްތައް ވަރަށް އަވަހަށް ހައްލުކުރެވޭނެކަމަށާއި އެމަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ބަނޑާރަ ނާއިބުގެ ލަފާޔާއެކު ކުރިއަށްދާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަން ނިންމާ ފެބުރުއަރީމަހުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އާބާދީގައި ދިހަހާސް ހަމަވެ، ސިޓީއަކަށް!

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދާއިރު އަތޮޅު ކައުންސިލްގެ އިދާރާއަށް ވެގެންދާނީ ކިހިނެތް ތޯ އާއި ސިޓީ ކައުންސިލްގެ މެމްބަރުންގެ އަދަދަށް ބަދަލުތަކެއް އަންނާނެ ތޯ އޭނާ ވަނީ ސުވާލު އުއްފަދާ އެވެ. އާތިފް ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދާއިރު ގާނޫނީގޮތުން ކުރިމަތިވެފައިވާ ސުވާލުތަކަށް ސީދާ، ސާފު ޖަވާބެއް މުހިންމުކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓަކީ ވަކިން އޮންނަ ރަށަކަށްވެފައި ހދ އަތޮޅުގައި އިތުރު ރަށްތަކެއް ހިމެނޭތީ، ސިޓީއަކަށް ކުޅުދުއްފުށީ ވުމުން އަތޮޅުގައި ރަށުގެ ހައިސިއްޔަތު ބަދަލުވެގެންދާނެ ގޮތަކީ ކޮބޯ ތޯ ނަޝީދުވެސް ވަނީ ސުވާލު އުއްފަދާފަ އެވެ.

“ރާއްޖޭގައި މިހާތަނަށް އުފެެދިފަ ހުރި އެހެން ސިޓީތަކާއި ކުޅުދުއްފުށި ސީޓީއާ ތަފާތުވާނެ. މިހާއްސަ ކަންތައް އަންނާތީ. ހދ އަތޮޅުގައި ވަކިން އެހެން ރަށްތަކެއްވެސް ހުންނާތީ. ސިޓީއަކަށްވީމަ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުން އޮންނާނީ ހަމަ ކުޅުދުއްފުށީ ތޯ. މިކަހަލަ ބައިވަރު ސުވާލުތަކަށް ޖަވާބު ލިބެން ޖެހޭ އެބަ ސިޓީއެއްގެ ދަރަޖަދީ އިއުލާންކުރާއިރުގަ. ތެދުފުޅެއް ޝަރުތު މިހާރު އެއޮތީ ހަމަވެފަ. އަޅުގަނޑުމެންނަށް ވަގުތުން ސިޓީ ކައުންސިލަކަށް ބަދަލުކުރެވިދާނެ. ސަރުކާރުން ބޭނުންނަމަ.” މެމްބަރު ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު ވިދާޅުވެފައިވަނީ އެހެންނަމަވެސް މި ނުގުތާތަކުގެ މައްޗަށް ބަލަން ޖެހޭނެ ކަމަށާއި ކުޅުދުއްފުށި ހދ އަތޮޅުގެ އެހެން ރަށެއްގެ ގޮތުގައި އޮވެ ވަކިން އޭގެ ޒާތުގައި ސިޓީއަކަށް ބަދަލުވެ ހދ އަތޮޅުގެ ތެރޭގައި ދެން ކުޅުދުއްފުށީ އޮންނާނީ ކޮން ހަސިއްޔަތަކުން ތޯ އެވެ. އަދި އަތޮޅު ކައުންސިލާ އަތޮޅުގެ އެހެން ކައުންސިލްތަކާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ގުޅުމަށްވާނީ ކިހިނެތްކަމާމެދު ސާފު، ސީދާ ޖަވާބުތަކެއް މުހިންމު ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355