twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ ކުޅި ހިއްކުމުގައި ހުރި ކަންބޮޑުވުން ބޭރުގެ ސައިންސްވެރިންތަކެއްގެ ގަލަމުން !

Jan 23, 2019

ތިރީގައި އެވަނީ ދުނިޔޭގެ އެންމެ މަތީފެންވަރުގައި ކުރެވޭ ސައިންސުގެ ފަންނީ ދިރާސާތައް ޝާޢިއުކުރާ އެއްފަރާތް ކަމުގައިވާ ‘ސައިންސް’ ޖާނަލްގެ ވޮލިއުމް 363 އިޝޫ 6424 ގައި

ސައިޒުންކުދި ކުޅި ފާ، ޗަސްބިންތަކުގެ  އަގު ވަޒަންކުރުމުގެ މުހިންމުކަމަށް ބަލައިލާ، ކުޅުދުއްފުށި ކުޅި މިސާލަކަށް ބޭނުންކޮށްގެން ސައިންޓިސްޓުންތަކެއް ޝާޢިއުކޮށްފައިވާ ސިޓީއެއްގެ ނުރަސްމީ ތަރުޖަމާއެކެވެ.

މިއީ ސައިންޓިސްޓުންގެ ޓީމުގައި ބޭރުގެ ފާހަގަކޮށްލެވޭ ޔުނިވާރސިޓީ އަދި މިދާއިރާއިން ކުރިއަރާފައިވާ ދިރާސާތައް ކުރަމުންގެންދާ ސައިންޓިސްޓުން ހިމެނެއެވެ. ‘ސައިންސް’ އަކީ 1880 އިން ފެށިގެން ސައިންސާއި ބެހޭ އެކި ދިރާސަތައް ޝާޢިއުކޮށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނީ ވަސީލަތެކެވެ.

ސައިޒުން ކުދި ކުޅި ފާ ޗަސްބިން ތަކުގެ އަގު ވަޒަންކުރުން

ސައިޒުން ކުދި ކުޅި، ފާ، ޗަސްބިން ފަދަ ތަންތަނަކީ އިންސާނިއްޔަތަށް ބޭނުންވާ ނުހަނު މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަންތަނެވެ. މީގެތެރޭގައި އެ ތަންތަނުން ލިބޭ ކާނާއާއި، އައްސޭރިފަށް ހިމާޔާތްކުރުމާއި، މަސްވެރިކަން ކުރިއެރުމާއި، ޖައްވުގައި ހުންނަ ކާބަންޑައިއޮކްސައިޑު ބިމަށްހިންދުން ހިމެނެއެވެ. އެހެން ނަމަވެސް، 1980ގެ އަހަރުތަކުއްސުރެ ދުނިޔޭގައިވާ ޗަސްބިންތަކުގެ %35 ވަނީ ހަލާކުވެ ގެއްލި ގޮސްފައެވެ. މީގެ ތެރެއިން ބޮޑުބައެއް ހަލާކުވެފައިވަނީ އައްސޭރިފަށުގެ ސަރަހައްދުތައް ތަރައްޤީކުރުމުގެ ތެރެއިންނެވެ. ކުޅި، ފާ، ޗަސްބިންތަކަކީ ގިނަ އަދަދެއްގެ ބައިނަލްއަގުވާމީ މުއާހަދާތަކަކުން ހިމާޔާތްކުރުމަށް ނިންމާފައިވާ ތަންތަނެވެ.

އަދި އެތަންތަން ހިމާޔަތްކުރުމަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލު ކުޑަކުރުމަށް ވެވުނު ޕެރިސް ކްލައިމެޓް އެގްރީމެންޓްގައި (ޕެރިސްގައި ވެވުނު މޫސުމާބެހޭ ބައިނަލްއަގުވާމީ އެއްބަސްވުން) ހިމެނޭ މައިގަނޑު ވައުދުތައް ފުއްދުމަށާއި، ބަދަލުވަމުން އަންނަ މޫސުމުގެ ސަބަބުން އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ އާބާދީތަކަށް ކުރާނެ އަސަރު ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަންކަމެވެ. ކުޅި، ފާ، ޗަސްބިންތައް ގެއްލިދިއުމުގެ ސަބަބުން ކުރިމަތިވާނެ ނަތީޖާތަކާ މެދު ތަކުރާރުކޮށް އިންޒާރުދެވެމުންދާއިރުވެސް، އެފަދަ ތަންތަނުގެ ޤުދުރަތީ ސިފަތަކަށް ބަދަލުގެނައުމާއި އެތަންތަނަށް ގެއްލުންދިނުން އަދިވެސް ކުރިއަށް އެބަ ދެއެވެ. ސައިޒުގެ ގޮތުން ބަލާއިރު ކުދި ކުޅިތަކާއި ޗަސްބިންތަކަށް ވަކިން ހާއްސަކޮށް ގެއްލުންދިނުން ގިނައެވެ.

ސަރަހައްދީގޮތުން މުހިންމު ކުޅިއެއްކަމުގައިވާ (12 ހެކްޓެއަރުގެ) ކުޅުދުއްފުށީ ކުޅީގައި އެއާޕޯޓެއް އެޅުމަށް 2017 ގައި ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ދުނިޔޭގައި ކުދި ކުޅިތަކަކީ މުހިންމު ނޫން ތަންތަންކަމަށް ދެކޭގޮތުގެ މިސާލުތަކުގެ ނަމޫނާ މިސާލެކެވެ. މިގޮތަށް މި ނިންމުން ނިންމާފައިވަނީ ކުޅީގެ އިޖްތިމާއީ އަދި އިޤްތިސޯދީ މުހިންމުކަން ރަށުގެ އާބާދީއަށް އޮތްކަން އެނގިފައިވާހިނދު، މިނޫން އެހެންގޮތްތައް ފާހަގަވެފައިއޮވެމެ، ނަގޫރޯޅިއާ ސުނާމީގެ ހުރަސްތައް ވަރަށް ބޮޑަށް ރަށަށް އޮތްކަން އެނގި، އަދި މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށާއި ތައްޔާރުވެތިބުން ހަރުދަނާކުރުމަށް ގިނަގުނަ ފައިސާގެ އެހީ ރާއްޖެއަށް ލިބެމުންދާކަންވެސް އެނގިފައިވާހިނދުއެވެ. އަދި މަޝްރޫއުގެ ސަބަބުން އަސަރު ކުރާނީ ކުޅީގެ %30 އަށް އެކަނި ކަމުގެ ޔަޤީންކަން ދީފައިވީ ނަމަވެސް، ކުޅީގެ %70 އާއި ގާތްކުރާވަރުގެ ސަރަހައްދެއް ހަލާކުވެފައިވުން އެކަށީގެންވެއެވެ.

ސައިޒުގެ ގޮތުން ބަލާއިރު ނިސްބަތުން ކުޑަ ކުޅި، ފާ ޗަސްބިންތައް ހަލާކުވުމަކީ، ފުޅާ ދާއިރާއެއްގައި ބޮޑެތި ޖަންގަލިތައް ހަލާކުކުރުމަށްވުރެ ކަންބޮޑުވުން ކުޑަވާންޖެހޭ ކަމެއްކަމުގައި ހީވެ ދާނެއެވެ. އެހެނަސް، މިފަދަ ޗަސްބިންތަކަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ ކުރިމަތިވެފައިވާ، ތިރި ޖަޒީރާ ގައުމުތަކަށް ނުހަނު މުހިންމު ތަންތަނެވެ. އަދި އެފަދަ ތަންތަނާ އިންވެގެން ހުންނަ މުރަކަ ފަރުތައް ފަދަ ދިރުންތަކުގެ ވެށިތަކާއި އެފަދަ ތަންތަނުން ލިބޭ ފައިދާތައް ގުޅިލާމެހިފައިވާ ކަމީ، އެ ތަންތަނުގެ ސައިޒާ އަޅާ ބަލާއިރު އެ ތަންތަނުން ތިމާވެއްޓަށް ކުރާ ހިދުމަތްތަކުގެ މުހިންމުކަން އިތުރުވެގެންދާ ކަމެކެވެ.

ކުޅި މިހާރު ފެންނަގޮތުގެ ފޮޓޯއަކާއި ކުރީގެ ފޮޓޯއެއް–

ކުޅި، ފާ ،ޗަސްބިންތަކަށް ހުއްޓުމެއް ނެތި ގެއްލުންދިނުމުން މިހާރު ހުރި ޗަސްބިންތައް އިތުރަށް ކުޑަވެ ބައިބައިވުމަށް މެދުވެރިވާނެއެވެ. އަދި އޭގެ ސަބަބުން އެ ތަންތަނުގައި ހުންނަ ދިރުން ތައް އެއްތަނުން އަނެއް ތަނަށް ދިއުމަށާއި ފެތުރުމަށް ހުރަސްއެޅޭނެއެވެ.

މީގެ އިތުރުން ޗަސްބިންތައް ގެއްލިދިއުމަކީ އައްސޭރިފަށުގެ ވިލުންވެރިކަންދަށްވެ، ކުޅި، ފާ، ޗަސްބިންތަކުގެ ޤުދުރަތީ ނިޒާމުތަށް މުޅިން ނެތިދިއުމަށް މެދުވެރިވާނެކަމެކެވެ.

މޫސުމަށް އަންނަ ބަދަލުތަކާބެހޭ، ސަރުކާރުތައް ހިމެނޭ ބައިނަލްއަގުވާމީ ޕެނަލްގެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، ކިތަންމެ ކުޑަ ވިޔަސް އިތުރު ޗަސްބިންތައް ގެއްލިދިއުމަށް މެދުވެރިކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއް ނޫނެވެ. އެހެންކަމުން، ހަމައެކަނި ބޮޑެތި ސަރަހައްދުތަކަށް އަހަންމިއްޔަތުކަން ދިނުން އިސްކުރުންދޫކޮށް، ކުރުރާސްތާގެ ސިޔާސީ ފައިދާއަށް ބަލާ ސިޔާސަތު ކަނޑައެޅުން ހުއްޓާލާ، ކުދި ޗަސްބިންތަކުގެ މުހިންމުކަން ބަލައިގަނެ އެފަދަ ތަންތަން ހިމާޔަތްވާނެ ފަދަ ދުރުރާސްތާ އަދި ވަށާ ޖެހޭ ތަސައްވުރެއްގެ މަތިން ސިޔާސަތުތައް ބައްޓަންކުރުމަށް ސަރުކާރުތަކަށް ގޮވާލަމެވެ.

ނޯޓް: ލިޔުން ޝާޢިއުކޮށްފައިވަނީ 18 ޖަނަވަރީ 2019 ގައި ‘ސައިންސް’ ގެ ވެބްސައިޓުގައެވެ. އަދި ލިޔުމުގެ މަސްދަރު ލިންކް އާއި ލިޔުމުގައި ހިއްސާވާ ސައިންޓިސްޓުންގެ ނަންތައް ވެސް މައުލޫމާތަށްޓަކާ ތިރީގައި ފާހަގަކުރަމެވެ.

http://science.sciencemag.org/content/363/6424/239

ޑޭވިޑް ޖޭ ކާނިކް ؛ ނެޓަލީ ޕެޓޮރެއްލި ؛ އޭ. އަލްޑްރީ އާމިރު ؛ ތޯސްޓަން ބަލްކަލް ؛ އެޑްވަޑް ބީ. ބާބިއޭ ؛ ސްޓީވަން ކްރުކްސް ؛ ފަރީދް ދާދޫ ގޫބަސް ؛ ކްލެއާ ޑަންކަން ؛ ޗާލީ އެންޑްސޯ ؛ ޑެނިއަލް އޭ. ފްރީސް ؛ އަލްފްރޭޑޯ ކުއާޓްރޯ ؛ މާޓިން ޒިމާ ؛ ޝިންގް ޔިޕް ލީ ،. މިލިޔުމަކީ ސައިންސް ޖާނަލް ގައި 18 ޖަނަވަރީ 2019 ގައި ޝާޢިއުކޮށްފައިވާ ލިޔުމުގެ ނުރަސްމީ ތަރުޖަމާ އެކެވެ.

މިތަރުޖަމާ ތައްޔާރުކޮށްފައިވަނީ ސޭވްމޯލްޑިވްސް ކެމްޕޭނުގެ ފަރާތުންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355