އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ކުލައާ ލޯގޯ އިފްތިތާހު ކުރުމަށްޓަކައި ހޮޓެލް ޖެންގައި ކުރިއަށްގެންދިއަ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މަޖިލިސް އިންތިހާބަށް ކުރިމަތިލާން ހުޅުވާލިއިރު ސިޔާސީ ބައެއް ޕާޓީތަކުން ވަނީ އިންތިހާބުގައި ވާދަކުރުމަށްޓަކައި މެންބަރުންނަށް ޓިކެޓުވެސް ދީފައެވެ. އަދި ބައެއް ޕާޓީތަކުން ވަނީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީއެއް ބާއްވާ ޓިކެޓު ދޭނެ ފަރާތްތައް ކަނޑައަޅާފައެވެ.
މަޖިލިސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.