އިބްރާހިމް ހަމީދު
ވިހި އަހަރުވަންދެން ރޯނުވެށުމުގެ މަސައްކަތުގައި އުޅުނު ކުޅުދުއްފުށީ ފާތިމަތު ޔޫސުފް އޭނާގެ ބޮނބި އޮޅުގައި ހުރި ބޮނބިތައް ނަގަން ހުރީ ރޯނުވެށުމަކަށް ނޫނެވެ. މިއަދު އޭނާ ބޮނބި އޮޅު ހުސްކުރަމުން އެދަނީ ކައުންސިލުން އަންގައިގެން އެތަން ސާފުކުރުމަށެވެ.
ރޯނު ވެށުމަށްޓަކައި ބޮނބި ފާކުރަން އަޅާ އެ އޮޅުގައި ހުރެ ވަރަށް އަސަރާއެކު ފާތިމަތު ޔޫސުފް ކިޔައިދެމުން ދިޔައީ ބޮނބި އުޅޮ ހުސްކުރަން ރަށު ކައުންސިލުގެ އިދާރާއިން އެންގި ވާހަކައެވެ. އަދި ރޯނު ވަށައިގެން ލިބޭ އާމްދަނީ މަދު ނޫން ވާހަކައެވެ. އެ އޮޅުން ނަގާ ހުސްކުރަމުންދާ ބޮނބިތައް އަޅާނެ އެހެން ތަނެއް ނެތްކަމުގެ ވާހަކައެވެ.
“ތަންކޮޅެއް ކުރީ ދުވަހަކު ރަށު ކައުންސިލް އިދާރާއަށް ހުސެއިން މުހައްމަދު (ފާތިމަތުގެ ފިރިމީހާ) ގެންގޮއްސަ ބުނީ ބޮނބި އަޅާނެތަނެއް ދައްކާނެކަމަށް. ވަގުތު އައިސް ޖެހުނީމާ ބުނީ ބޮނބިއަޅާނެ ތަނެއް ނުދެއްކޭނެއޭ. އަންގާރަ ދުވަހު ރަށު ކައުންސިލް އިދާރާއަށް ދިޔައީމަ ބުނީ ފަނަރަ ދުވަހުގެ ތެރޭގައި ނަގަން (އޮޅު ހުސްކުރަން) ޖެހޭނެކަމަށް.” ފާތިމަތު ޔޫސުފްގެ ދުވަސްވީ މަސައްކަތަށް ހުއްޓާލަން ޖެހިދާނެތީ މާޔޫސްވެ ހުރެ ކިޔައިދިނެވެ.
ވަޒީފާ އަދާކޮށްގެން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ އިތުރަށް ކާންބޯން ކުރަމުންދާ މަސައްކަތް ކަމަށްވާ ރޯނު ވެށުމުގެ މަސައްކަތް ހުއްޓިގެންދާތީ މިއަދު ފާތިމަތު އެވަނީ ހިތްނުތަނަސްވެފައެވެ. ދަރީންގެ ބޭނުންތައް ފުއްދައިދޭން ކުރާ އެމަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭކަމަށް ފާތިމަތު ބުނެއެވެ.
ރޯނު ބޮނޑިއެއް އާއްމުކޮށް ވިއްކާ އުޅެނީ 75 ރުފިޔާ އަށެވެ.
ބޮނބި ފާކުރާ އޮޅުތައް ނަގަން އެންގި ސަބަބެއް ކަމަށް ރަށު ކައުންސިލުގެ އާންމު ހިދުމަތްތަކާބެހޭ ސެކްޝަނާ ހަވާލުވެހުންނެވި ކައުންސިލް މެމްބަރ އަބްދުއްޝުކޫރު އަހްމަދު ވިދާޅުވަނީ، އެމްޑަބްލިޔުއެސްސީގެ ފެންޕްލާންޓްގެ އިމާރާތަށް ހައި ވޯލްޓޭޖް ކަރަންޓް ބޭނުންވާތީ އިންޖީނުގޭގެ ސަބް ސްޓޭޝަނެއް އެސަރަހައްދުގައި އަޅަންޖެހުމެވެ. އަދި، އެ ސަބް ސްޓޭޝަނަށް ބޭނުންވާ ކަރަންޓް ގެންދެވެން އަންނަނީ މަގު ފުޅާކޮށްގެން ކަމަށްވާތީ، ކުޅީގެ އިރުމަތިން މަގުގެ ސަރަހައްދަށް ހުރި އޮޅުތަށް ހުސްކުރަން އެ އޮޅުތަކުގެ ވެރިންނަށް އެންގީ ކަމަށެވެ.
ބޮނބި އޮޅުތަކުގެ މައްސަލަ ކުރިމަތިވެގެން ކައުންސިލުން ތިންމީހުންގެ މައްޗަށް ހިމެނޭ ކޮމެޓީއެއް ވަނީ ހަމަޖައްސާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ކޮމިޓީގައި ހިމެނެނީ ރަށު ކައުންސިލްގެ ނައިބް ރައީސް ފާރޫގު މުހައްމަދު، ކައުންސިލް މެމްބަރ އިބްރާހިމް ރަމީޒު އަދި އަލީ އާދަމް އެވެ.
ބޮނބި އޮޅުތަކުގެ މައްސަލަ ކުރިމަތިވުމުން އެމައްސަލައަށް ހައްލެއް ހޯއްދެވުމަށް ކުޅުދުއްފުށީގެ ވިއްސަކަށް އަންހެން ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރެއްވިކަމަށް ކުޑަ ކޮމިޓީގެ މެމްބަރު އިބްރާހީމް ރަމީޒު ވިދާޅުވި އެވެ. އަދި އެސަރަހައްދުގައި ހުރި އޮޅުތަކުގެ ވެރިންނަކީ ކޮބައިތޯ ބަލައި އެމީހުންނަށް ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އެ އޮޅުތައް ހުސްކުރުމަށް އަންގާފައިވާނެކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
އަމީނީމަގުން ފެށިގެން އޯކިޑްމަގާ ދޭތެރޭގައި 199 އޮޅު އެބަހުރިއެވެ. އަދި އޭގެ ތެރެއިން ހަ އޮޅަކީ މިހާރުން މިހާރަށް ނަގަންޖެހޭ އޮޅުތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ ކުރިން ކުޅުދުއްފުށީގައި ރޯނު ވެށުމުގެ މަސައްކަތްކުރި މީހުން އޮޅުތައް ކޮނެފައިވަނީ އޭރުގެ ރަށު އޮފީހުގެ ހުއްދަ ހޯދައިގެން ކަމުގައި ނުވާތީ އެމައްސަލާގައި މިހާރު އޮޅުތައް ނަގަން އެންގި އޮޅުތަކުގެ ވެރިންނަށް ބޮނބި އަޅާނެ އިތުރުތަނެއް ނުދައްކާ ކަމަށް ކައުންސިލުން ބުނެއެވެ.
ކުޅުދުއްފުށީގައި ރޯނު ވަށައިގެން އާމްދަނީ ހޯދަމުންދާ މީހުންގެ އަދަދު މަދު ނޫން އިރު އަދި ދިގު ތާރީހެއް އޮތް، ކުޅުދުއްފުށީގެ ސަގާފަތާއި ގުޅިފައިވާ ރޯނުވެށުމުގެ މަސައްކަތަށް އިތުރު ހައްލެއް ހޯދުމެއްނެތި އޮޅުތައް ހުސްކުރަން އެންގުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ބައެއް ރައްޔިތުންދަނީ ބުނަމުންނެވެ. ކުޅުދުއްފުށި “ހާލު ފޮޅި” ން މަޝްހޫރުކަން ލިބިގަންނަ ފަދައިން ރޯނަކީވެސް ކުޅުދުއްފުށީގެ ހާއްސަ ކަމެއްކަމަށް ރަށުގެ ދުވަސްވީ މީހުން ދަނީ ބުނަމުންނެވެ.