ބާސްކެޓް ބޯލްގެ ކުޅުންތެރިން އުފެއްދުމުގައި ހަރަކާތްތެރިވާ މަޝްހޫރު ސްޓާރސް އެކަޑަމީ އާއި ޑަބުލިއު ސްޕޯޓްސް އެކަޑަމީ ގުޅިގެން ކުޅުދުއްފުށީގައި ބާސްކެޓް ބޯލް ހަރަކާތްތަކެއް ބާއްވަން ހަމަޖައްސައިފި އެވެ.
ސްޓާރސް އެކަޑަމީއަކީ ބާސްކެޓް ބޯލް ކުޅުންތެރިން އުފެއްދުމުގައި މާލޭ ސަރަހައްދުގައި 2014 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ވަރަށް މަޝްހޫރު އެކަޑަމީ އެކެވެ. މިއީ މި އެކަޑަމީ މިގޮތަށް އަތޮޅުތެރޭގެ ކުޅުންތެރިން ތަމްރީންކުރުމަށް ކުރާ ފުރަތަމަ ދަތުރެވެ.
ސްޓާރސް އެކަޑަމީގެ ފައުންޑަރ ހުސެއިން ޒަމީލް މިއަދު ކޭއޯއަށް ވިދާޅުވީ ކުޅުދުއްފުށީގައި މިއަދު ފަށާ މިހަރަކާތްތައް ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މިހަރަކާތުގެ ތެރެއިން ބާސްކެޓް ބޯލަށް ޝައުގުވެރިކަން ހުންނަ އުމުރު 12 އަހަރުން ދަށުގެ ކުދިންނަށް ތަމްރީން ދެވިގެންދާނެ ކަމަށެވެ.
މިހަރަކާތުގައި 80 ދަރިވަރަކު ބައިވެރިވާނެ އެވެ. ވައިޑީޕީގެ މިހަރަކާތުގެ ތެރެއިން ކޯޗުންނަށް އެންމެ ފާހަގަކޮށްލެވޭ 2 ކުދިން ނަގައި ސްޓާރސް އެކަޑަމީގެ ފަރާތުން ލަންކާއަށް ތަމްރީން ހޯދުމަށް ކުރާ ދަތުރުގައި ބައިވެރިކުރަން ހަމަޖެހިފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ. ޒަމީލް ވިދާޅުވީ އެ ދެ ކުދިންވެސް ލަންކާއަށް ގެންދަން ހަމަޖެހިފައިވަނީ ސްޓާރސް އަދި ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ ހަރަދުގަ ކަމަށެވެ.
ވައިޑީޕީގެ ހަރަކާތުގެ އިތުރުން ބޮޑެތި މީހުންނަށް ކޯޗިން ކޯހަކާއި މައުލޫމާތު ދިނުމުގެ ސެމިނާއެއްވެސް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށެވެ. ސެމިނާގައި އެކަޑަމީއެއް ހިންގާނެ ގޮތާއި އަދި އިތުރު ތަމްރީންވެސް ދެވިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއަންނަ އަހަރުވެސް ކުޅުދުއްފުއްޓަށް މިފަދަ ދަތުރެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ދެ އެކަޑަމީން ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ބާސްކެޓް ކުޅެން ބޭނުންވާ ފަރާތްތަކަށް ކޭމްޕެއް އޮންނާނެ ކަމަށެވެ. މިހަރަކާތް އޮންނާނީ މިއަދު ހަވީރު 4:15 ސްޓޭޑިއަމްގެ ބާސްކެޓް ކޯޓްގަ އެވެ. މިކޭމްޕްގައި ކޮންމެ އުމުރުފުރާއެއް ދެ ޖިންސްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.
ޒަަމީލްގެ އިތުރުން މި ކޭމްޕްތަކުގައި ކޯޗު ކަން ކޮށްދެއްވާނީ ސްޓާރސްގެ ސީނިއަރ ކޯޗް ހުސެއިން ހާދީ އެވެ.
މި ޕްރޮގްރާމް ކުޅުދުއްފުށީގައި ކުރިއަށް ދަނީ ކުޅުދުއްފުށީ ކައުންސިލާއި، ޕޮލިހުންގެ ވަރަށް ބޮޑު އެހީތެރިކަމާއިއެކުކަން ޑަބްލިއު ސްޕޯޓް އެކަޑެމީން ފާހަގަ ކުރިއެވެ.
މީގެ އިތުރުން މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންއާއި ޑަބްލިއު ސްޕޯޓް އެކަޑަމީން ގުޅިގެން ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ވައިޑީޕީ ޕްރޮގްރާމްވެސް ކުޅުދުއްފުށީގައި ކުރިއަަށް ދާކަން ފާހަގަ ކޮށްލެވެ އެވެ.