ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު އަލީ ވަހީދު، ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓާވާގޮތަށް ހަމަޖެހިއްޖެ އެވެ.
ފަތުރުވެރިކަމުގެ ހާލަތު ދެނެގަނެ އަދި އުތުރުގެ ފަތުރުވެރިކަން ކުރިއެރުވެން ކުރި ކަންކަމާ ބެހޭގޮތުން މިދަތުރުފުޅުގައި އެރަށްރަށުގެ މުވައްސަސާތަކާއި މިނިސްޓަރު ބައްދަލުކުރައްވާނެ އެވެ.
މިދަތުރުފުޅުގައި މިނިސްޓަރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ، ކުޅުދުއްފުށި، ދިއްދޫ އަދި ކެލާއަށެވެ. މިއަދު މެންދުރު ފަހު ހަނިމާދޫއަށް ވަޑައިގަންނަވާއިރު ހަވީރު ވަޑައިގަންނަވާނީ ކުޅުދުއްފުއްޓަށެވެ.
ހުކުރުދުވަހު މިނިސްޓަރު ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ކެލައަށެވެ. މިދަތުރުފުޅަކީ މިނިސްޓަރު އަލީ ވަހީދު މިނިސްޓަރުކަމާ ހަވާލުވެލެއްވި ފަހު ތިލަދުންމައްޗަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މިދަތުރުފުޅުގައި ކައުންސިލްތަކާއި ކުލަބު ޖަމިއްޔާ އަދި ރަށްރަށުގައި ހުރި މުވައްސަސާތަކުގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.