twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މިނިސްޓަރު އަލީ ވަހީދަށް ކުޅުދުއްފުށީ ރައްޔިތުންގެ އިހްސާސްތައް ބަންޑުކޮށްލައިފި

Feb 8, 2019

ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު އަލީ ވަހީދު މިރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރުމުން، ރައްޔިތުންގެ ޝަކުވާތައް ބަންޑުކޮށްލައިފި އެވެ.

އަފީފުއްދީން ސްކޫލު ހޯލުގައި ރޭ ބޭއްވި މި ބައްދަލުވުމުން ފައްޓަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް ސުވާލު ކުރެވޭނެ ކަމަށާއި ސުވާލެއް ނުވަތަ ޝަކުވާއެއްކޮށްގެން މި ސަރުކާރުގައި އެއްވެސް ރައްޔިތަކު ކުށްވެރިނުވާނެ ކަމަށެވެ. ސުވާލުކުރެއްވުމަށް ހުޅުވާލުމުން ގިނަ ރައްޔިތުންގެ އިހްސާސްތައް ވަނީ ބަންޑުކޮށްލާފަ އެވެ.

އެގޮތުން ގިނަ ރައްޔިތުންގެ ޝަކުވާއަކަށްވެފައިވަނީ ހދ އަތޮޅުގައި ފަތުރުވެރިކަން ނެތުމުން އެކަމުގެ ޝަކުވާ އެވެ. ގިނަ ރަށްތަކެއް ފަތުރުވެރިކަމަށް ދޫކޮށްފައިވާތާ ގިނަ އަހަރުތަކެއްވެފައިވާއިރުވެސް އެ ރަށްތަކުގެ މަސައްކަތް ކުރިއަށްނުދާކަމުގެ ޝަކުވާ އެވެ. ފަތުރުވެރިކަން ހދ ގައި ފުޅާކޮށްދިނުމަށް ގިނަ ބަޔަކު އެދުނެވެ.

ހަނިމާދޫ އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓްގެ ގޮތުގައި އޮޕަރޭޓް ނުކުރާތީ އެކަމުގެވެސް ޝަކުވާ އޮތެވެ. އެގޮތުން އުތުރުގައި ފަތުރުވެރިކަން ރަނގަޅުކުރެވެން އޮތީ ހަނިމާދޫ އެއާޕޯޓަށް ބޭރުގެ ބޮޑެތި ބޯޓް ފަހަރު ޖެއްސިގެން ކަމަށާއި އެކަން އެގޮތަށް ކުރެވޭނެ މަގެއް ހޯދައިދިނުމަށް މިނިސްޓަރު އަރިހުން އެދުނެވެ. އެކަމަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާނީ މުސްތަގުބަލުގައި ފައިދާވާ ގޮތަށް ދުރުރާސްތާ ޕްލޭނެއްގެ ދަށުން ކަމަށާއި އެގޮތުން މިއަދު އެތަން ބަލައި އިންސްޕެކްޝަނެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

ބައެއް ފަރާތްތަކުން ވަނީ ކުޅުދުއްފުށީގައި ގެސްޓްހައުސް ވިޔަފާރި ކުރުމަށް ހުރި ފުރުސަތަކާއި އެކަމަށް ހުރި ހުރަސްތަކާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ. އެގޮތުން މިހާރު ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ހަދައި ބަނދަރުގެ ސަބަބުން ރަށުގައި ފަތުރުވެރިކަން ކުރަން ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ. އެއީ މިހާރު ކުޅުދުއްފުށީގައި ހަމައެކަނި ބީޗް އޮތް ސަރަހައްދަކީ އެތަންކަމުގައިވާތީ އެވެ. މިހާރު އެއާޕޯޓެއް އޮތުމުން ފަތުރުވެރިން ގެންނަ ފަސޭހަ ވެގެންދާނެ ކަމަށެވެ.

ބީޗް ސަލާމަތް ކުރެވި އެސަރަހައްދުގައި ފަތުރުވެރިކަމުގެ ގެސްޓްހައުސްތައް ހެދުމުން ރަށުގެ ތަނަވަސްކަން އެތަކެއް ގުނައެއް މައްޗަށް އަރާނެކަމަށް އެމީހުން ފާހަގަކުރި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނާ ބިދޭސީންނާއި އޮންނަ ތަފާތުކުރުން ނައްތާލުމަށް މަސައްކަތްކޮށްދިނުމަށްވެސް މިނިސްޓަރު އަރިހުން ބައެއް ރައްޔިތުން އެދުނެވެ. ސާވިސް ޗާޖް ދެނީ ރަނގަޅަ ތޯ ޔަގީންކުރުން ފަދަ މުހިންމު ކަންތައްތައް މިނިސްޓްރީން ބަލައި ދިނުމަށްވެސް އެދުނެވެ.

އަލަށް ގެސްޓްހައުސް ވިޔަފާރިތަކަށް ވަންނަ ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުން ހުރި ދަތިތައް ސަރުކާރުގެ ތެރެއިން ހައްލުކޮށްދީ، އެކަމަށް ބޭނުންވާ ލޯނު ދިގު މުއްދަތަކަށް ދައްކޭނެގޮތެއް ހަދައިދިނުމަށްވެސް ރައްޔިތުންގެ ތެރެއިން ބައެއް މީހުން އެދުނެވެ.

މިނިސްޓަރު އަލީ ވަހީދު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ބައްދަލުވުން–

ރައްޔިތުންގެ ޝަކުވާތައް މިނިސްޓަރު އަލީ ވަހީދު ވަނީ އަޑުއައްސަވައި ވަގުތުން ކުރެވެން ހުރި ކަންކަން ކުރާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ކަންތައްތައް މިސަރުކާރުން ރަނގަޅުކުރާނެކަމަށާއި އެކަމަށް ވަގުތު ދެއްވުމަށް މިނިސްޓަރު ވަނީ ރައްޔިތުންގެ ކިބައިން އެދިލައްވާފަ އެވެ.

މިނިސްޓަރު ތިލަދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ، ދިއްދޫ އަދި ކެލައަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355