twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރިސޯޓް ހަދަން ދޫކޮށް ނުހެދި ހުރި ރަށްތަކާމެދު ކޮންމެވެސް އެއްގޮތަކަށް މިއަހަރު ނިންމާނަށް: އަލީ ވަހީދު

Feb 8, 2019

ރިސޯޓް ތަރައްގީކުރަން ދޫކޮށް ނުހެދި ގިނަދުވަސްވެފައިހުރި ރަށްތަކާމެދު ކޮންމެވެސް އެއްގޮތަކަށް މިއަހަރު ނިންމާނަށްކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ތިލަދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިރޭ ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކާގަ އެވެ.

މިހާ ބޮޑު އާބާދީއެއް އޮންނަ އަތޮޅެއްގައި ފަތުރުވެރިކަން ކުރިއަށް ނުގޮސް ގިނަ އަހަރުތަކެއްގައި އޮތުމަކީ ވަރަށް ހިތާމަވެރިކަމެއް ގޮތުގައި ފާހަގަކުރައްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ އަހަރު ރިސޯޓް ތަރައްގީކުރަން ދޫކޮށް ނުހެދި ހުރި ރަށްރަށާ މެދު ކޮންމެވެސް އެއްގޮތަކަށް ނިންމާނެ ކަމަށެވެ.

” މިއަހަރު ތެރޭގައި ނުހެދި ހުރި ރަށްތަކާ މެދު ކޮންމެވެސް އެއްގޮތަކަށް ނިންމާނަން. މިވާހަކަ ދައްކާކަށް އަޅުގަނޑު މިއަންނަ އަހަރަކު ނާންނަށް. ކޮންމެވެސް އެއްގޮތަކަށް ނިމޭނެ.”

ހދ އަތޮޅުން ރިސޯޓް ހަދަން ދޫކޮށް ނުހެދި ގިނަ އަހަރުތަކެއްވެފައިވާ ރަށްތައް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ރަށްތަކާމެދުވެސް ކޮންމެވެސް އެއްގޮތަކަށް ނިންމާނެ ކަމަށެވެ. ހދ އިން ފަތުރުވެރިކަމަށް އިތުރު ރަށްތައް ދޫކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އެކޮނޮމިކް ކައުންސިލުން ދަނީ އެކަމަށް ބޭނުންވާ މައުލޫމާތު އެއްކުރަމުން ކަމަށާއި އެގްރިމެންޓް ބާތިލްކުރަން ޖެހިއްޖެނަމަ އެކަމަށްދާނެ ހަރަދު ސަރުކާރު ދެއްވާނެކަމަށް ރައީސް މިއަދު އިއްވި ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައިވާކަން އަލީ ވަހީދު ވިދާޅުވި އެވެ. ސަރުކާރުން ބޭނުންވަނީ އިތުރު ވަޒީފާތައް އުފައްދާ އިތުރު ފަތުރުވެރިން ގެންނަ ކަމަށެވެ.

ރިސޯޓްތަކާއި ގެސްޓްހައުސް އަދި ސަފާރިތައް އިންސްޕެކްޝަން މާދަމާ ފަށާއިރު ފުރަތަމަ ފަށާނީ ތިލަދުންމަތިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިރޭ ފަތިހު މިސަރަހައްދަށް އިންޕެކްޝަންކުރާ ޓީމް އަންނާނެކަމަށެވެ. އިންސްޕެކްޝަންގައި ރިސޯޓްތަކުގެ ރައްކާތެރިކަމާއި ސާވިސް ޗާޖް ދެނީ ރަނގަޅަށް ތޯ އާއި ދިވެހިންނަށް އެތަންތަނުން ވަޒީފާދީފައިވަނީ ގާނޫނޫގައިވާ އަދަދަށް ތޯ ބަލާނެކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

އެއީ އެއްވެސް ބައެއް ފަލީހަށްކޮށް ޖައްސާލުމަށް ކުރާ ކަމެއް ނޫން ކަމަށާއި ގާނޫނޫގައިވާ ގޮތަށް މިސަރުކާރުން ކަންތައްތައް ތަންފީޒުކުރަން ކުރާކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ބައެއް ކަންތައްތައް ތަންފީޒުކުރަން މަސައްކަތްކުރާއިރު “ފިހޭނެ” ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. އެފަދަ މައްސަލަތައް މީސްމީޑިއާގައި ބަންޑުވަނީ މިއަދާ ހަމައަށްއާއިރު އެކަންކަން ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކުރެވިފައިނެތީކަމަށެވެ.

ސެޕްޓެމްބަރު 7 އާހަމައަށް ރާއްޖޭގެ ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ތަނެއްގެ ހާލަތު ސަރުކާރަށް ދެނެގަނެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފާހަގަކުރެވޭ މައްސަލަތައް ހައްލުކުރުމަށް އެފަރާތްތަކަށް މުއްދަތުދީ ހައްލުނުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހދ އަތޮޅުގައި ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކެއް ހުރިއިރު އެރަށްރަށުގައި މަސައްކަތަށް ހުއްޓިފައިއޮތުމުން ގިނަ ބައެއްގެ ޝަކުވާ ދަނީ ކުރަމުންނެވެ. ހދ ގައި އޮންނަނީ އެންމެ ރިސޯޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355