– އަބުދުﷲ އާދަމް –
ޤުދުރަތީ ތަރިކައެއް ނުވަތަ ރަށެއްގައި ފެހި ސަރަހައްދެއް ތަރައްޤީ ކުރާ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އެއީ ތިމާވެށީގެ ވާހަކައެއް ކަމަށް ބުނެ އަދި ތިމާވެށްޓާއި ހެދި މޮޔަވެފައި ތިބޭ މޮޔަ ބަޔަކު ދައްކާ ވާހަކައެއް ގޮތަށް ސިފަ ކުރެވޭތަން މަދުބައެއްގެ ފަރާތުން ނަމަވެސް، މިފަދަ ވާހަކައެއް ދެކެވޭ ކޮންމެ ފަހަރަކު ފެނެއެވެ. މިގޮތުން ކުޅުދުއްފުށި ކުޅި އެއާޕޯޓެއް އަޅަން ހިއްކާފައިވާއިރު ބާކީ އޮތްބައި ތަރައްޤީކޮށް، އެތަން މީހުންނަށް ހިތްހަމަ ޖައްސާލަން ދާނެ ނޭޗަރ ޕާރކަކަށް ހެދުމުގެ ވާހަކަ ދައްކަންފެށީމާ، އެކަން އެއީ ޖޯކަކަށް ވެގެން އުޅޭ ބަޔަކު އެބައުޅެއެވެ. ކުޅުދުއްފުށި ކަހަލަ އުމްރާނީ ވަސީލަތްތަކުން ފުރެމުން އަންނަ ރަށެއްގައި ނޭޗަރ ޕާރކެއް ނޫނީ ޤުދުރަތީ ފެހި ސަރަހައްދުތަކެއް އޮތުމުގެ ވާހަކައަކީ ހަމަ ތާކުންތާކު ނުޖެހޭ ވާހަކައެއް ހެއްޔެވެ؟
ފުރަތަމަ ކަމަކަށް ތިމާވެށި ހިމާޔަތް ކުރުމުގެ ވާހަކައަކީ މީ ކޮންވާހަކައެއް ހެއްޔެވެ؟ ޤުދުރަތީ ވަސީލަތްތަކާއި އެއްކޮށް ތަރައްޤީ ކުރާ ވާހަކަ ދެކެވޭއިރަށް، ދެން ކުޅުދުއްފުށި ފަދަ ރަށެއްގައި މީހުން އުޅޭނީ ކޮންތާކުތޯ ސުވާލު ކުރާ ބަޔަކު އެބަ އުޅެއެވެ. މިގޮތަށް ސުވާލު ކުރާ މީހުން ތިމާވެށި ދެކެ ކިތަންމެ ނަފްރަތުކޮށް ރުޅި އަޔަސް، ޤަބޫލު ކުރަން ޖެހޭ ހަޤީގަތަކީ ތިމާވެއްޓާއި އިންސާނުންގެ ދިރިހުރުން ވަކި ކުރެވެން ނެތްކަމެވެ. ރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޤައުމެއްގައި މި ހަޤީޤަތް ވަކިން ބޮޑެވެ. ތިމާވެށީގެ ބޭނުންތަކާއި މެދު ސުވާލު އުފައްދާ މީހުން އަދި ތިމާވެއްޓަކީ އަހަރެމެންގެ ރަށްތަކުގެ ތަރައްޤީއަށް އެޅިފައޮތް ހުރަހެއް އަދި ގިރާކުރަން ޖެހޭ ހަރުފަތެއް ކަމަށް ހީވާ ފަރާތްތައް މިކަމާމެދު ފުންކޮށް ވިސްނުން ބުއްދިވެރިއެވެ.
ޤުދުރަތީ ވަސީލަތްތަކަށް ގެއްލުން ނުވާނޭހެން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަކީ މޮޔަވަހާކައެއް ކަމަށް ހިވާ ފަރާތްތަތަކަށް ރާއްޖޭގެ ޖީ.ޑީ.ޕީގެ %89 ބަރޯސާވަނީ ޤުދުރަތީ ވަސީލަތްތަކުގެ މައްޗަށްކަން އެނގޭ ބާވައެވެ؟ ރާއްޖޭގެ %98 އެކްސްޕޯރޓް ބަރޯސާވަނީ ތިމާވެށި، އަދި ޤުދުރަތީ ވަސީލަތްތަކުގެ މައްޗައްކަން ދެނެހުރި ބާވައެވެ؟ ރާއްޖޭގެ %71 ވަޒީފާ އެކި ގޮތްގޮތުންގޮސް ގުޅެނީ ތިމާވެށީގެ ވަސީލަތްތަކާއި ކަން މިމީހުންނަށް ރޭކާނުލަނީ ބާވައެވެ؟ ރާއްޖޭގެ މުހިންމު އަދި ބޮޑެތި ސިނާއަތްތައް ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ތިމާވެއްޓާއި އަދި ޤުދުރަތީ ވަސީލަތްތަކާއި ނުލައި ދެމިނޯނާނެކަން މިފަރާތްތަކަށް ހަމަ ފަހުމް ނުވާނީ ބާވައެވެ؟ މި ހަޤީޤަތް ނޭގޭނަމަ، މިކަމާބެހޭ ގޮތުން ކޮށްފައިވާ ދިރާސާތައް ކޮންމެވެސް ވަރަކަށް ބަލައިލުން ބުއްދިވެރިއެވެ.
ދެން އަނބުރާ ކުޅުދުއްފުށީގެ ވާހަކައަށް ވާސިލުވަމާ ހެއްޔެވެ؟
ކުޅުދުއްފުށި ފަދަ ހަލުވިކަމާއެކު ‘އާރބަނައިޒް’ ވަމުން އަންނަރަށެއްގައި ބިނާވެށި ޕްލޭން ކުރުމުގެ މުހިންމުކަން، ތިމާވެއްޓާއިދެކޮޅު ޚިޔާލުގެ ފަރާތްތަކަށް ނުވިސްނެނީ ކީއްވެގެން ބާއްވައެވެ؟ ޔަގީނުންވެސް މީގެ ތެރެއިން ގިނަ ފަރާތްތަކަކީ ރާއްޖޭގެ ވެރިރަށް، މާލެއަށް ދަތުރުކޮށް އެރަށުގެ ހާލަތު ތަޖުރިބާ ކުރެވިފައިވާނެ ފަރާތްތަކެވެ. ތޮއްޖެހިފައިވާ މާލޭގައިވެސް ކޮންމެވެސް ވަރަކަށް ހުސްތަންތަނާއި ޕާރކުތައް ހުރިކަމުގައިވިޔަސް، މީހުން ގިނަވުމުގެ ސަބަބުން މިތަންތަނުން ލިބެންޖެހޭ ބޭނުމާއި ހިތްހަމަޖެހުން އެންމެ ރަނގަޅަށް ނުލިބެއެވެ. ނަމަވެސް، އަދިވެސް ބައެއް މީހުން ކުޅުދުއްފުށި ތަރައްޤީ ކުރަން ބޭނުންވަނީ އެއްވެސް ހުސް ސަރަހައްދުތަކެއް ނެތް، މީހުން ހިތްހަމަ ޖައްސާލަންދާނެ ފަދަ ޕާރކެއްވެސް ނެތް ގޮތަށެވެ! ބިމުގެ ދަތިކަމާއި ގޯތި ގެދޮރުގެ ދަތިކަމުގެ ވާހަކަ މިކަން ކުރަން އޮތް ހުރަހެއް ގޮތުގައި މި މީހުން ދައްކައެވެ. ކުޅުދުއްފުށީގައި އޮތް ކޮންމެ ފެންގަޑެއް ހިއްކައި، މޫދު ކަނޑާހަމައަށް ހިއްކިއަސް ކުޅުދުއްފުށީގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ވަރަށް ބިން އިތުރު ކުރެވިދާނެ ބާވައެވެ؟ ގޯތި ދިނުމަށް އޮތް ހުރަހަކީ ކުޅުދުއްފުށީގައި އޮތް ފެންގަޑުތައް ކަމަށް ހީވެގެން އުޅޭ ފަރާތްތަކަށް ކުޅުދުއްފުށީގައި ހިއްކާފައި ހުހަށްއޮވެ، ގިރަމުންދާ ބިން ނުފެނޭބާވައެވެ؟ އެތަނުގައި އަޅަން ފަށާ ވީރާނާވަމުންދާ ރޯހައުސްތައް އަދި ރަށުގެ ދޮކޮޅުގައި މަސައްކަތްނިމި ހާވާލު ނުކުރެވި ހުރެ ވީރާނާވަމުންދާ ރޯހައުސްތައް ނުފެންނަނީ ބާވައެވެ؟ މި ކަހަލަ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ބަދަލުގައި ފެންގަނޑެއް އޮތިއްޔާ އެތަނެއް ހިއްކަން ބޭނުންވެގެން އުޅެނީ ކީއްވެގެންބާވައެވެ؟ ހިއްކާފައި އޮންނަ ޗަސްބިމަކީ ގެދޮރުއެޅުމަށް އެންމެ މޮޅު ބިން ކަމަށް ގަބޫލުކުރަނީ ބާވައެވެ؟
ފުވައްމުލަކުގައި ތަރައްޤީކޮށްފައިވާ ނޭޗަރ ޕާރކު، އަދި ރަށުގެ ބަންޑާރަ ކުޅީގައި ބަޔަކު ޕެޑަލް ބޯޓު ދުއްވާ މަންޒަރު.ފޮޓޯ: އައިޓޫ ލަވް ފުވައްމުލަށް ފޭސްބުކް ޕޭޖް
ރަށެއްގެ ނުވަތަ ސިޓީއެއްގެ ބިނާވެށި ޕްލޭން ކުރުމުގައި، މިހާރު ބަލާ މިންގަޑަކީ ތިމާ ދިރިއުޅޭތަނުން ހިނގާލާފައި ފަސްމިނެޓުން ދެވޭ ދުރުމިނުގައި ޤުދުރަތީ ފެހި ސަރަހައްދެއް ނުވަތަ ޕާރކެއް އޮންނަން ޖެހޭ ގޮތަށް ޕްލޭން ކުރުމެވެ. މިފަދަ ތަންތަނުގެ ބޭނުމުގެ ތެރޭގައި ތަނެއްގައި ދިރިއުޅޭ ބައެއްގެ ހިތްހަމަ ޖެހުމުގެ އިތުރުން ޞިއްޙަތާއިވެސް ވަނީ ގުޅިފައެވެ. ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ ޑަބްލިޔް.އެޗް.އޯ އިން މިފަދަތަންތަން ހިމެނޭހެން ސަހަރުތައް ޕްލޭން ކުރާނެ އެކްޝަން ޕްލޭންތައް ނެރެނީ އެހެންވެއެވެ. ސާފު ވައިގެ އިތުރުން މީހުން ހެލިފެލިވެ އުޅުމަށްވެސް ޕާރކުތަކާއި ހުސްތަންތަން ބޭނުންވެއެވެ. ޤުދުރަތީއެއްވެސް ސަރަހައްދެއް، އަދި ސިފައެއްނެތް މާހައުލެއްގައި ކުދިން ބޮޑެތި ކުރުމަކީ އެއްވެސް މީހަކު އެދޭނެ ގޮތެއްބާވައެވެ؟
އައްޑޫ އީދިގަލި ކުޅި ސަރަހައްދުގައި ތަރައްޤީ ކޮށްފައިވާ ނޭޗަރ ޕާރކަށް ޒިޔާރަތްކުރާ މީހުންނަށް އެތަން ބެލުމަށް ފަސޭހަ ކުރުމުގެ ގޮތުން ބަހައްޓާފައިވާ ބައިސްކަލް އަދި ޕެޑަލް ބޯޓު. ނޭޗަރ ޕާރކުތައް ހުރުމުން ދުޅަހޮޔޮ ޞިއްޙަތަކަށް މަގުފަހިވޭ.
ދެން މިހާރު ކުޅުދުއްފުށީގައި އެންމެ ގަދަޔަށް ދެކެވޭ އަނެއް ވާހަކައަކީ ލޯކަލް ޓޫރިޒަމް ފުޅާ ކުރާ ވާހަކައެވެ. ރަށަށް މީހުން ދުރުންނާއި ކައިރިން ޒިޔާރަތް ކުރާނީ ރަށަކީ ހިތްހަމަޖެހޭ ރީތި ތަނަކަށް ވެގެންނެވެ. މީހުން ޒިޔާރަތް ކުރަނީ ރަށުގައި ހުރި ހާއްސަ ނުވަތަ ތަފާތުކަމެއް ތަޖުރިބާ ކުރާށެވެ. ތާރު އެޅި މަގުތަކާއި ހިއްކާފައި ހުރިބިން ނުފެނިގެން އުޅޭ ފަތުރުވެރިއަކު އުޅެދާނެބާވައެވެ؟
އެހެންކަމުން، ކުޅުދުއްފުށީގައި ނޭޗާރ ޕާރކެއް ތަރައްޤީ ކުރުމުގެ ވާހަކައަކީ ހަމައެކަނި ތިމާވެށީގެ ވާހަކައެއް ކަމަށް ހީވެގެން އެކަން ޖޯކަކަށް ވެގެން އުޅޭ ފަރާތްތަކުން މިކަމާމެދު ފުންކޮށް ވިސްނުން ބުއްދިވެރިއެވެ. ތިމާވެއްޓާއި އިންސާނުންގެ ދިރިއުޅުމާއި ޤުދުރަތީ ގޮތުން ލައްވާފައިވާ ފުރިހަމަ ނިޢުމަތްތަކާމެދު ނަޒަރުހިންގާ ވިސްނަން ޖެހެއެވެ. ތިމާވެއްޓާއި އިންސާނުންގެ ދިރިހުރުން ގުޅިފައިވާ ގޮތާއި މެދު ފުންކޮށް ވިސްނަންޖެހެއެވެ. ތިމާވެށި އަދި ޤުދުރަތީ ވަސީލަތްތަކާއި މެދު ރުޅިވެރިކަން ފާޅު ކުރުމުގެ ކުރިން މިދެކެވެނީ ކޮންވާހަކައެއްކަން އަދި ނަފްރަތު ކުރެވެނީ ކޮންއެއްޗަކާމެދުކަން އަމިއްލައަށް ވިސްނާލާށެވެ.
އެޑިޓަރުގެ ނޯޓު: މިލިޔުން ލިޔުއްވާފައިވަނީ އެމެރިކާގެ ސިރެކިއުސް ޔުނިވަރސިޓީގައި ޕަބްލިކް އެޑްމިނިސްޓްރޭޝަން-އެންވަޔަރަމެންޓަލް ޕޮލިސީގެ ރޮގުން މާސްޓާރސް އަދި ސްޓޭޓް ސްކޫލް އޮފް ނިއުޔޯރކް، އެންވަޔަރަމެންޓް އެންޑް ފޮރެސްޓްރީގައި ‘އެންވަޔަރަމެންޓަލް ޑިސިޝަން މޭކިން’ގެ ރޮގުން ކިޔަވަމުން އަންނަ ކުޅުދުއްފުއްޓަށް އުފަން އަދި ކުޅުދުއްފުށީގައި އުޅެބޮޑުވި ފަރާތެއްކަމުގައިވާ ޢަބްދުﷲ އާދަމްއެވެ. ފުލްބުރައިޓް ސްކޮލަރޝިޕެއްގައި އެމެރިކާއަށް ދިއުމުގެ ކުރިން ޢަބްދުﷲ އާދަމް ވަޒީފާ އަދާކޮށްފައިވަނީ ޔޫ.އެން.ޑީ.ޕީ މާލެ އޮފީހުގައެވެ. ފުރަތަމަ ޑިގްރީ ފުރިހަމަ ކޮށްފައިވަނީ އޮސްޓްރޭލިޔާގެ، އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާރސިޓީގައި ސޯސިއޮލަޖީ، އިންޓަރނޭޝަނަލް ރިލޭޝަންސް އަދި އެންވަޔަރަމެންޓަލް ސައިންސްގެ ރޮގުންނެވެ.