twitterviber whatsapp telegramfacebookyoutube instagram
19th March 2024

ކުޅުދުއްފުށިން ގޯތިދޫކުރުމަކުން ބޯހިޔާވަހިކަމަށް ހައްލެއް ނުލިބޭނެ: ކައުންސިލް ރައީސް

Feb 15, 2019

ކުޅުދުއްފުށިން ގޯތިދޫކުރުމަކީ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ލިބޭނެ ހައްލެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ގޯތި ލިބިގެންދާނީ މަދު ބަޔަކަ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ލަތީފް މިހެން ވިދާޅުވީ ގެވަޅު ދޫކުރުމަށް އެދި މިދިޔަ ބުރާސްފަތި ކައުންސިލާ ބައްދަލުކުރި ރައްޔިތުންތަކަކާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ލަތީފް ވިދާޅުވީ އެހެން ބައެއް ރަށްތަކާ އަޅައި ބަލާއިރު ކުޅުދުއްފުއްޓަކީ ބިމުގެ ދަތިކަން ވަރަށް ބޮޑަށް ޖެހިފައިވާ ރަށެއް ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ރަށްތަކަކީ ބިން ބޮޑު އަދި ނިސްބަތުން މަދު އާބާދީތަކެއް ދިރިއުޅޭ ރަށްތަކެއްކަމުން އެހެން ރަށްރަށުގައި ގޯތިދޫކުރާހާ ފަސޭހައިން މިރަށުގައި އެކަންތައް ނުވާނެ ކަމަށެވެ.

” އެއާޕޯޓް ސަރަހައްދުން ކުރިން ދޫކޮށްފައިވާ ގޯތިތަކުގެ ގިނަ ބަޔަކު އެބަ ބޭނުންވޭ އެހެން ސަރަހައްދަކަށް އެ ގޯތިތައް ބަދަލުކުރަން. އެއީ އެސަރަހައްދުގައި ގެދޮރު އުސްކޮށް ބިނާ ނުކުރެވޭތީ. މިސާލަކަށް އެންވަރަޔަމެންޓް މިނިސްޓްރީއާ ދެކޮޅަށް އަޅުގަނޑުމެން (ކުޅި ހިއްކާފަ) އެ ސަރަހައްދުން ގޯތި ދޫކޮށްފިނަމަ ހަމަ ( ގޯތި އުސްކޮށް އިމާރާތް ނުކުރެވޭ) މައްސަލަ އެބަ ދިމާވޭ.” ލަތީފް ވިދާޅުވި އެވެ.

އެހެންކަމަށްވާއިރު ކައުންސިލަށް ރައްޔިތުން ކޮށްފައިވާ ޝަކުވާތަކަށް ބަލާއިރު ކުޅިން ދޭ ގެވަޅެއް މީހަކު ބޭނުންކޮށްފާނެކަމަކަށް ގަބޫލެއް ނުކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.

” އެހެންވީމާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިވީހާތަނަށް ކައުންސިލަށް އައިސްފަހުރި ސިޓީތަކަށް ބަލާ އެމީހުން ދައްކާފަ ހުރި ވާހަކަތަކަށް ބަލާއިރު ގެވަޅު ދިނުމަށްފަހު ކުޅިން ދޭ ގެވަޅެއް މީހަކު ބޭނުންކޮށްފާނެ ކަމަކަށް އުސްކޮށް އިމާރާތް ނުކުރެވޭ ގޮތަކަށް.” ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ އަބަދުވެސް ގޯތިދޫކުރުމުން އައިސްފައިވަނީ ބިމުގެ ޖާގަޔާއި ގޯތި ބޭނުންވާ މީހުންގެ އަދަދަށް ބަލައި އެކަންތައްތައް ފުރިހަމަ ކުރުމަށްފަހު ގޯއްޗަށް ހުޅުވާލައިގެން ކަމަށެވެ. އަދި ގޯތިދޫކުރުމަށް ބިމުގެ ޖާގަ އޮތް މިންވަރު އަތޮޅު ކައުންސިލާ ހަވާލުކޮށްގެން ބަލަމުންދާކަން ލަތީފް ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީގައި އޮތް ހުސްބިންތަކަށް ބަލާއިރު އޮތީ ފުއްޓަރު ފަރާތްތާއި ކުޅި ސަރަހައްދު އަދި ވެހިގަނޑެވެ. ފުއްޓަރު ފަރާތުން 100 ގެވަޅުވެސް ނުލިބޭނެކަމަށް ބިމުގެ ސާރވޭ ކުރާ މުވައްޒަފާ ހަވާލާދީ ލަތީފް ވިދާޅުވި އެވެ. ވެލިގަނޑަކީ ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ކޭޑީސީ)ގެ ދަށުގައި އޮތް ތަނެއްކަން ލަތީފް ފާހަގަކުރެއްވި އެވެ. އެތަނުންވެސް 100 ގޯތިދޫކުރާގޮތަށް އޮތްއިރު އެތަނުގެ މިލްކްވެރި ފަރާތްތަކީ ކޭޑީސީ ކަމަށާއި ވެލިގަނޑުގައި ބައެއް ކުދިކުދި ކަންތައްތައް ކުރުމަށް ކައުންސިލުން މިހާރު ދެމުންދަނީ ވަގުތީ ހުއްދައެއް ކަމަށް ލަތީފް ވިދާޅުވި އެވެ.

” ސީދާ އަޅުގަނޑުމެންގެ އިހްތިސޯސް ތެރޭގައި މިއޮތީ ފުއްޓަރު ފަރާތް. ފުއްޓަރު ފަރާތުން މިސާލަކަށް މިނެގެނީ 50 ނުވަތަ 70 ހަކަށް ގެވަޅާއި ވެލިގަނޑުގައި އޮތް 100 ގެވަޅު އެއްކޮށް ޖުމްލަ ގާތްގަނޑަށް މިނެގެނީ 200 ހާ ގެވަޅު. އެ 200 ގެވަޅު ދޫކުރަން ބަލާއިރުގަ ގެވަޅު ބޭނުމުގައި އެންމެ ފަހުންވެސް ޕަބުލިކް ވޯކްސްއަށް 1300 ހާ މީހުން ފޯމް ހުށަހެޅި. ލަތީފް ވިދާޅުވި އެވެ.

އެހެންވީމާ 1000 މީހުން ގެވަޅު ބޭނުންވެފައިވާ ތިއްބާ 200 ހާ ގެވަޅު ދިނީގެން މިމައްސަލަ ހައްލެއް ނުވާނެ ކަމަށެވެ. އޭރުންވެސް އޮންނާނީ ހަމަ މިހާލަތުގައި ކަމަށާއި މަދު ބަޔަކަށް ގެވަޅު ލިބި ގިނަ ބަޔަކަށް ގެވަޅު ނުލިިބި ކަމަށް ލަތީފް ވިދާޅުވި އެވެ. އަދި އޭރުން އޮންނާނީ ބިން ފުރި ބޯހިޔާވަހިކަން ހޯދާނެ އިތުރު ފުރުސަތުވެސް ނޯނާނެކަން ލަތީފް ފާހަގަކުރެއްވި އެވެ.

” އެންމެ ބޮޑަށް ގެވަޅު ހޯދުމަށް ވަކާލާތު ކުރާ އަދި އެކަމަށް ބޭނުންވެފައިވާ ތިބި މީހުންނަށް ގެވަޅު ނުލިބިވެސް ގޮސްދާނެ އެކަމުގެ ޑިމާންޑް ބޮޑުވުމުން އެހެންވީމާ އެއީވެސް އެންމެ އިންސާފުވެރިގޮތަކަށް ނުވާނެ ދޮއްތޯ.” ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ބިމުގެ ޖާގަ އޮތް ގޮތުން ގެވަޅު ދޫކޮށްގެން އަސްލު މައްސަލައަކަށް ހައްލުނުލިބޭ ކަމަށާއި އެއަށްވުރެ ދުރަށް މިކަމުގައި ވިސްނަށް ޖެހޭ ކަމަށެވެ. ކައުންސިލުން އާ ސަރުކާރާ ބައްދަލުކުރަން މާލެ ކުރި ދަތުރުގައިވެސް ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް އަވަސް ހައްލެއް ހޯދާދިނުމަށް ރައީސް އާއި ހައުންސިންގ މިނިސްޓަރުގެ އަރިހުން އެދިލައްވާފައިވާނެ ކަމަށެވެ.

އެ ބައްދަލުވުންތަކުގައި މިހާރު ކުޅުދުއްފުށީގައި ހުރި ރޯހައުސްތަކަކީ ރަށަށް އެކަށީގެންނުވާ ރޯހައުސްތަކެއް ދަންނަވާފައިވާނެ ކަމަށާއި ކުޅުދުއްފުއްޓަށް އެކަށީގެންވާ ޒަމާނީ ފެންވަރުގެ ފްލެޓްތަކެއް އިމާރާތްކޮށްދެއްވުމަށް އެދުން ކަމަށް ލަތީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355