twitterviber whatsapp telegramfacebookyoutube instagram
19th March 2024

ޔޫސީމާސްގެ ކުލާސްތައް ހަނިމާދޫގައި ފަށައިފި

Feb 16, 2019

ހިސާބު އިލްމެއް ކަމަށްވާ ޔުނިވާސަލް ކޮންސެޕްޓް އޮފް މެންޓަލް އެރިތަމެޓިކްސް ސިސްޓަމް (ޔޫސީމަސް) ކްލާސްތަކުގެ ކިޔެވުން ހަނިމާދޫގައި ފަށައިފި އެވެ.

ޔޫސީމާސް މޯލްޑިވްސް އާއި ހަނިމާދޫ ދާލަ ކުލާހާއި ގުޅިގެން ކުރިއަށްގެންދާ މި ކުލާސް ހަނިމާދޫ ލޯންޗް ކޮށްދެއްވީ ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަބްދުލް މުހްސިން އަބްދުލްލަތީފެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މުހުސިން ވިދާޅުވީ ދަރިވަރުން ކިޔަވަމުން އަންނައިރު ސިކުނޑީގެ ކާނާއަކީ ވަރަށް މުހިންމު އެއްޗެއްކަމަށާއި މިފަދަ ކުލާހެއް ހަނިމާދޫގައި ފެށިގެންއައުން އެއީ އުއްމީދުކުރަމުން އައިކަމެއް ކަމަށެވެ.

މިފަދަ ކުލާސްތައް ދާއިމީ ގޮތެއްގައި ކުރިއަން ގެންދިއުމަށް ބެލެނިވެރިންގެ ހިއްސާ ބޮޑުވާނެކަމާއި އަދި މީގެ ފައިދާ ހެޔޮގޮތުގައި ބޭނުންކުރުމަކީ ދަރިވަރަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމުގައި މުހުސިން ވިދާޅުވި އެވެ.

ހިސާބު އިލުމުން ދަރިވަރުންނަށް ކުރިއެރުން ހޯދައި ދިނުމަށް ހިންގާ ޔޫސީމާސް ނިންމާ ދަރިވަރުންނަށް ކަލްކިއުލޭޓަރު ނުވަތަ އެފަދަ އެހެން އެއްވެސް އާލާތަކާ ނުލާ ހިސާބުގެ ބޮޑެތި ނަމްބަރުތައް ހިތުން ހަދާލެވެ އެވެ. މި ޕްރޮގުރާމްގައި ބައިވެރިވާ ދަރިވަރުންނަށް ގައުމީ އަދި ބައިނަލް އަގްވާމީ ފެންވަރުގެ ޔޫސީމާސް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދެއެވެ.

މި ހަވީރުގައި ޔޫސީމާސް މޯލްޑިވްސްގެ ޗީފް މޮޑިރޭޓަރ ސަތިސްކުމާރު ކުލާހާއިބެހޭ މައުލޫމާތުވަނީ ހިއްސާ ކުރައްވާފަ އެވެ.

ހަނިމާދޫ ޔޫސީމަސް ސެންޓަރުން ބުނި ގޮތުގައި މިފަދަކުލާހެއް ހަނިމާދޫގައި ފެށުމުގެ މަގުސަދަކީ ހަނިމާދޫއިން ރަނގަޅު ނަތީޖާ ހޯދައިގެން ނިކުންނަ ކުދިން އިތުރުކުރުމަށް މަގެއް ދައްކައި ދިނުންކަމަށެވެ.

އުމުރުން 4-14 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން މިއަދު މި ފެށި ކުލާހުގައި 40 ކުދިން ބައިވެރިވެ އެވެ. ހަނިމާދޫ ދާލަ ޓިއުޝަން ކުލާހުން ވަނީ ގުރުއާން ކުލާސްގެ އިތުރުން އަރަބި ބަސް އުގެނެން ބޭނުންވެފައި ތިބި މީހުން ހިލޭ އެފުރުޝަތު ހުޅުވާލާފައެވެ.

ޔޫސީމާސް ކްލާސްތައް މާލޭގެ އިތުރުން އައްޑޫސިޓީ، އޭދަފުށީ، ކުޅުދުއްފުށީ އަދި ތިނަދޫގައިވެސް ދަނީ ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355