twitterviber whatsapp telegramfacebookyoutube instagram
19th March 2024

ސްކޫލުތަކުގެ ވެރިން ވަކިކޮޅަކަށް ނުޖެހި ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޯށްދިނުމަށް ގޮވާލައިފި

Feb 17, 2019

ރާއްޖެގެ ސްކޫލްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ވަކި ކޮޅަކަށް ނުޖެހި ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޯށްދިނުމަށް އެޑިއުކޭޝަން މިނިސްޓރ ޑރ.ޢާއިޝަތު އަލީ ގޮވާލައިފިއެވެ.

ސްކޫލްތަކުގެ އިސްވެރިންނަށް ހާއްސަކޮށްގެން ފެށި މަހާސިންތާގައި އެޑިއުކޭޝަން މިނިސްޓަރ ވަނީ ޕްރިންސްޕަލުންނަކީ ސްކޫލްތައް ހިންގުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބައެއްކަން ފާހަގަކުރައްވާފައެވެ.

ސްކޫލްތަކުގެ އިސްވެރިންގެ ކޮންފަރެންސް 2019 ފަށްޓަވައިދެއްވައި އެޑިއުކޭޝަން މިނިސްޓަރ އައިސަތު އަލީ ވަނީ ސްކޫލްތައް ހިންގުމުގައި ސްކޫލް އިސްވެރިންގެ ދައުރުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވަހަކަ ދައްކަވާފައެވެ.

މިގޮތުން ސްކޫލްގެ އިސްވެރިންނަކީ ދަރިވަރުންނަށް ފޯރުކޮށްދޭ ތައުލީމު އެންމެ އެކަށޭނަގޮތަށް ފޯރުކޯށްދިނުމަށްޓަކައި ވެރިންގެ ދައުރުއަދާކުރައްވާ ބޭފުޅުންކަމަށްވާއިރު އެބޭފުޅުންގެ ދައުރު ފުޅާކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ވެރިން ގޯސްވެއްޖެނަމަ ސްކޫލުން ފޯރުކޯށްދޭ ތައުލީމް އެކަށީގެންވާގޮތަށް ފޯރުކޮށް ނުދެވޭނެކަން ފާހަގަކުރައްވާފައެވެ.

ސްކޫލްތަކުގެ އިސްމަޤާމުތަކުގައި ތިއްބެވި ވެރިން ވަކިފަރާތަކަށް ޖެހުމުގެ ބަދަލުގައި އިންސާފާއި ހަމަހަމަކަމާއެކު އެންމެހައި ފަރާތްތަކާއެކު މުއާމަލާތް ކުރުމަކީ މުހިއްމު ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މިއީ ތަޢުލީމް ފޯރުކޯށްދިނުމާއެކު ރާއްޖެއަށް އެކިދުވަސްވަރުގައި އަންނަ ކޮޅިގަނޑުތަކުގައި ދެމެހެއްޓެނިވި ގޮތަކަށް ވަޒީފާ އަދާކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމެއްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާ 2019 ގެ ޝިއާރަކީ “މަދަރުސީ އިސްވާރުކަން – ބަދީލީ ބަދަލުތަކަށް ހިތްޖެއްސުން”މިއެވެ. ރާއްޖޭގެ ހުރިހާ ސުކޫލެއް ހިމެނޭހެން ޖުމުލަ 250 އިސްވެރިން ބައިވެރިވާ މި މަހާސިންތާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެދުވަހުގެ މުއްދަތަކަށެވެ.

ޕްރިންސިޕަލުން ނުވަތަ ސްކޫލުތަކުގެ ވެރިންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބާއްވާ މިފޯރަމްގައި ރާއްޖޭގެ ހުރިހާ ޕްރިންސްޕަލުން އެއްތަނަކުން ބައްދަލުވެ އެކި ސްކޫލުތަކުގައިހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި މަހާސިންތާގައި ދަރިވަރުންނަށް ދޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސްކޫލްތަކުގެ ވެރިންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތަކާއި މަންހަޖް ތަންފީޒުކުރުމުގައި އެބޭފުޅުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް އެޑިއުކޭސަން އިން ހާމަކުރެއެވެ. އަދި ވަށައިޖެހޭ ތައުލީމާ ގުޅޭގޮތުންވެސް މަޝްވަރާކުރާނެއެވެ. މީގެއިތުރުން ސަރުކާރުން ސްކޫލްތަކުގައި ކުރިއަށް ގެންދާ ހެނދުނުގެ ނާސްތާއާ ގުޅޭގޮތުންވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު ތައުލީމީ ދާއިރާގައި ހުރި އެކިކަންކަމުގެ މައްޗަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހާސިންތާއަކީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ނޭޝަނަލް އެޑިއުކޭޝަން އިންސްޓިޓިއުޓާއި ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަހާސިންތާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355