ހއ.އިހަވަންދޫ ސްކޫލުގެ އިސްވެރިންނާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އިހަވަންދޫ ސްކޫލްގެ 50 އަހަރުގެ ތާރީހުގައި ހޯދާފައިވާ ކާމިޔާބީތަކާއި ސްކޫލުގެ ތަރައްގީގައި ރަށުގެ ރައްޔިތުންވެފައިވާ ހިއްސާ ފާހަގަކުރައްވައި ސްކޫލްގެ އިސްވެރިން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ރާއްޖޭގައި ނަންވިދާލާ ސްކޫލަކަށް އިހަވަންދޫ ސްކޫލް ހެދުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަން ފާހަގަކުރަށްވައި ކުރިއަށް އޮތްތާގައި ސްކޫލް އިތުރަށް ތަރައްގީކުރުމަށްޓަކައި ފުރިހަމަކުރަން ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ނައިބު ރައިސާ ހިއްސާކުރެއްވިއެވެ.
ހާއްސަ ގޮތެއްގައި މިއަހަރަކީ އިހަވަންދޫ ސްކޫލްގެ 50 ވަނަ އަހަރީދުވަސް ފާހަގަކުރާ އަހަރަށް ވުމާއެކު އެކަމުގެ އިހުތިފާލުތައް ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށްޓަކައި ސްކޫލްގެ ބެލެނިވެރިންނާއި މުވައްޒަފުން ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވަމުންދާކަންވެސް އިހަވަންދޫ ސްކޫލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ނައިބް ރައީސް ދެއްކެވި ވާހަކާގައި ތައުލީމީ ދާއިރާ ކުރިއެރުވައި ތައުލީމީ ޖީލެއް ބިނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އިހަވަންދޫ ސްކޫލަށް ބޭނުންވެފައިހުރި ކަންކަމުގައި މިނިސްޓްރި އޮފް އެޑިއުކޭޝަނާ ގުޅިގެން ކުރިއަށް ދިއުމަށް ނައިބް ރައިސް އެދިލެއްވިއެވެ. ނައިބް ރައިސްގެ ވާހަކާގައި ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމަށެވެ.