twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހއ އަތޮޅުގައި ޓޫރިޒަމް ފުޅާ ކުރެވޭނެ ގިނަ ފުރުސަތުތަކެއް އެބަހުރި: އަތޮޅު ކައުންސިލް

Feb 17, 2019

ހއ އަތޮޅުގައި ޓޫރިޒަމް އިތުރަށް ފުޅާކުރެވޭނެ ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށް ހއ އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ހުސެއިން ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ “ހަބަރުގެ އެތެރެފަރާތް” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ ހއ އަތޮޅަކީ ގިނަ އަދަދަކަށް ފަޅުރަށްތަކާއި ފިނޮޅުތައް ހުރި އަތޮޅެއްކަަމަށެވެ.

އަތޮޅެއްގައި ރިސޯޓުތައް ގިނަވުމަކީ އެ އަތޮޅެއްގައި އުޅޭ ރައްޔިތުންނަށް ގިނަ މަންފާތަކެއްކޮށް ވަޒީފާގެ ފުރުސަތު ގިނަ ވާނެ ކަމެއްކަން ފާހަގަ ކުރައްވަމުން އަބްދުﷲ ވިދާޅުވީ ހއ އަތޮޅަކީވެސް ޒުވާނުންގެ އާބާދީ ބޮޑު އަތޮޅެއްކަމަށާއި ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ކުދިން ސްކޫލް ނިންމާފައި ނުކުންނައިރު އެ އަތޮޅުގައި އެކަށީގެންވާ ވަޒީފާގެ ފުރުސަތު ނެތްކަމަށެެވެ.

އެގޮތުން އައިހެވަންގެ މަޝްރޫއުގެ ވާހަކަ ފާހަގަކޮށް އަބްދުﷲ ވިދާޅުވީ އެ މަޝްރޫއު ނިމުމުން އެކަމުގެ ފައިދާ ހަމައެކަނި ކުރާނީ ހއ އަތޮޅުގެ ރައްޔިތުންނަށް ނޫންކަމަށާއި އެކަމުން މުޅި ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމަށެވެ. އެކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ ބޮޑު އާބާދީތަކަށް ގިނަ ހިދުމަތްތަކެއް ފަހިވެގެން ދާނެކަން އަބްދުﷲ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ހއ އަތޮޅުގައި އެއާޕޯޓް އެޅުމާއި ބެހޭގޮތުން އަބްދުﷲ ވިދާޅުވީ އެއާޕޯޓް އަޅާއިރު އެކަމުގައި ރައްޔިތުންގެ ލަފާ ހޯދެވުމަށް ފަހު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެގޮތުން އެއާޕޯޓް އެޅުމަށް އެންމެ ރަނގަޅު ރަށަކީ މޮޅަދޫކަމަށް ފެންނަކަމަށް އަބްދުﷲ ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި އިތުރަށް ވަނީ ހއ އަތޮޅަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކާއި ބެހޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި އައިސް ލިބުމާއި މަސްވެރިކަމަށް އެކަށީގެންވާ އަގެއް ނުލިބޭކަން ފާހަގަ ކުރިއެވެ. އަދި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް މާކެޓެއް ނެތުމާއި އަތޮޅުގައި ވަޒީފާގެ މަގުތައް މަދުކަން ވަނީ އަބްދުﷲ ފާހަގަ ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355