twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަދުލު އިންސާފު ގާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ކަށަވަރުކޮށްދެއްވުމަށް ނައިބް ރައީސް އެދިވަޑައިގެންފި

Feb 19, 2019

މިނިވަންކަމާއި ނަޒާހާތްތެރިކަމާއެކު އަދުލުއިންސާފު ގާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްގީކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފަނޑިޔާރުގެއިން ކަމަށްވީ އިރު އެކަމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކޮށްދެއްވުމަށާއި މިނިވަންކަމާއި ނަޒާހާތްތެރިކަމާއެކު ހަރުދަނާ އިލްމީ އަސާސްތަކުގެ މައްޗަށް އަދުލުއިންސާފު ގާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ “ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް” ގެ ނަމުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ކޮންފަރެންސް ފެށުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ޤާނޫނު އަސާސީން ޖުޑިޝަރީގެ އެންމެ އިސްފަރާތްކަމުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓްކަމަށާއި އެހެންކަމުން ޝަރުއީ ދާއިރާ ހަރުދަނާކުރައްވައި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރައްވައި ފަނޑިޔާރުގެއަކީ އަދުލު އިންސާފު ނެގެހެއްޓުމުގައި ގާބިލުކަމާއެކު މަސައްކަތްކުރާ އަދި ރައްޔިތުން އިތުބާރުކުރާ ތަނެއްގެ ގޮތުގައި ބައްޓަންކުރަންޖެހޭ ފަރާތަކީ އެއީ ކަމުގައެވެ. އަދި އެގޮތަށް ކަންކަން ބައްޓަންވެގެން ދިއުމަކީ އެންމެހާ ދިވެހީންގެ ވެސް ވަރަށް ބޮޑު އުންމީދެއްކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ މި ފަދަ ކޮންފަރެންސްތަކަކީ މުޅި ނިޒާމު ހަރުދަނާކޮށް ތަރައްގީކުރުމަށް ޓަކައި ކުރެވެމުންދާ ވަރަށްވެސް ބޮޑު މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި އަދި ސްޕްރީމް ކޯޓުގެ ދަށުން ހިންގަވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކުރަމުންދާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އަދުލުވެރިކަން ނެތް މުޖުތަމައެއްގައި ދުވަހަކުވެސް ހަމަޖެހުމެއް ގާއިމުވެގެން ނުދާނެކަމަށާއި އިންސާފަކީ ވަކި މީހަކަށް ލިބޭ އެއްޗެއް ގޮތުގައި އޮތްހައި ހިނދަކު ގައުމެއްގައި ސުލްހަ މަސަލަސްކަން ގާއިމުވެގެން ނުދާނެ ކަމުގައެވެ. އަދި މިއިން ކޮންމެ ކަމަކުންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ ފަނޑިޔާރުންގެ މަސްއޫލިއްޔަތުގެ މަތިވެރިކަމާއި އަދުލުވެރިކަމުގެ މުހިންމުކަން ކަމުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355