twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހަގީގީ ތަރައްގީ ފެންނަން ފަށާނީ ރައްޔިތު މީހާގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްދީގެން: ރައީސް

Feb 21, 2019

ހަގީގީ ތަރައްގީ ފެންނަން ފަށާނީ ރައްޔިތު މީހާގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްދީގެން ކަމުގައި ވިދާޅުވެ، އެ އަމާޒަށް އެކުގައި މަސައްކަތް ކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިން ރައީސުލް ޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ

މަސްވެރި އާއިލާތަކުގެ ލުއިފަސޭހައަށްޓަކާ، ސަރުކާރުން ތައާރަފު ކުރި “މަސްދޯނި އެކައުންޓް” ތައާރަފުކުރުމަށް ކޫއްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ  ސަރުކާރުގެ އަމާޒަކީ ޤައުމީ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު އިތުރުކުރުން އެކަނި ނޫން ކަމަށާއި، އެއާއެކު ޤައުމީ އާމްދަނީން ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރުވެސް އިތުރުކޮށްދިނުން ކަމަށެވެ.

ރޭ އިފްތިތާހްކުރި މަސްދޯނި އެކައުންޓްގެ ބޭނުން ހިފައި، މަސްވެރިން ކިރުވާ މަހަށް ވަގުތުން ފައިސާ ދޭން ފެށުމަށް މަސްވެރި ކުންފުނިތަކަށްރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހީންނަކީ އެންމެ އިހުއްސުރެ، މަސްވެރިކަން ކޮށްގެން ދިރިއުޅުން ކޮޅަށް ޖަހަމުން އައި، މަސްވެރިން އުޅޭ މަސްވެރި ޤައުމެއްކަން ފާހަގަ ކުރެއްވިއެވެ. އަދި، ދިވެހީންނަށް ވާރުތަވަމުން އައިސްފައިވާ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒަމާނީ ޓެކްނޮލޮޖީއާއި، އިޤްތިސޯދާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު، މަސްވެރިކަން، އާ ޖީލަކަށް ގެންގޮސްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، ޤައުމުގެ އިޤްތިސޯދުގައި މަސްވެރިކަމުގެ ހިއްސާ ބޮޑުކޮށް، މަސްވެރިކަމަކީ ފަހުރުވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަސްއޫލިއްޔަތު، ސަރުކާރާއި، މަސްވެރީންނާއި، މަސްވެރީންނަށް ޚިދުމަތްދޭ ކުންފުނިތައް އެކުގައި އުފުލަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355