twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ލައިސަންސް ޓްރެކް ހެދުމުގެ މަސައްކަތް ފަށައިފި

Feb 21, 2019

ދެ އަހަރު ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އެއްގަމުން އުޅަނދު ލައިސަންސް ނަގަން ހަދަން ނިންމާފައިވާ ޓްރެކް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް އަތޮޅު ކައުންސިލުން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީގައި ލައިސަންސް ޑްރައިވިން ޓެސްޓް ހަދަން ނިންމާ ފުރަތަމަ އެކަން ހާމަކޮށްފައިވަނީ 2017 ވަނަ އަހަރު ޖެނުއަރީމަހުގެ ކުރީ ކޮޅުގަ އެވެ. ހދ އަތޮޅު ކައުންސިލްގެ މާލިއްޔާއިން ހަދަން ނިންމާފައިވާ މިތަން ހެދުމަށް އެމްޑަބުލިއުއެސްސީގެ އޮފީސްގެ އުތުރަށް ބިމެއްވެސް ވަނީ ކަނޑައަޅާފަ އެވެ.

އޭރު އެކައުންސިލުން ހާމަކޮށްފައިވާގޮތުގައި އެ މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކުރާ ގޮތަށެވެ. އެކަމަކު މިއަދާ ހަމައަށް އެމަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެ އެވެ.

ނަމަވެސް އިއްޔެ ހދ އަތޮޅު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ލައިސަންސް ޓްރެކް ނިންމާނުލެވިފައިވަނީ ތަފާތު ސަބަބުތަކާ ހެދިކަމަށެވެ. އެކަމަކު އެ ސަބަބުތަކެއް ބުނެފައެއް ނުވެ އެވެ. އެކައުންސިލުން ބުނީ އަނެއްކާވެސް އެމަސައްކަތް ފަށާފައިވާ ކަމަށާއި އެއްގަމު އުޅަނދު ލައިސަންސް ދިނުމަށް ހަދަންޖެހޭ ޕްރެކްޓިކަލް ޓެސްޓް ހެދުމަށްޓަކައި، ސައިޓެއް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރާ ކަމަށެވެ.

އެގޮތުން މިމަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މިމަހު 24 ވަނަ ދުވަހު ދުވަހު 10:30 އަށް އެކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެއެވެ.

ލައިސަންސް ނެގުމުގެ ހިދުމަތް ދޭ ކަމަށް ވަންޏާ ރަނގަޅު ފެންވަރުގެ ޓްރެކެއް ހަދަން ޓްރާންސްޕޯޓުން ލާޒިމުކުރާއިރު ލައިސަންސް ޕްރެކްޓިކަލް ޓެސްޓް މިހާރު ބާއްވަމުން އަންނަނީ ކުޅުދުއްފުށީ އަމީނީމަގު ދެކުނުކޮޅުގައި އިންޖީނުގެ ކުރިމަތީގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355