twitterviber whatsapp telegramfacebookyoutube instagram
3rd June 2025

އެމެރިކާއިން ރާއްޖެއަށް 9.75 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފި

Feb 21, 2019

އެމެރިކާއިން ރާއްޖެއަށް 9.75 މިލިއަން ޑޮލަރު ނުވަތަ 150 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ. މި އެހީ ދިނުމަށް ނިންމިކަން ހާމަކުރެއްވީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ހާރިޖީވަޒީރު މައިކް ޕޮމްޕެއޯއި އެކު ބޭއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެމެރިކާއިން އަބަދުވެސް ރާއްޖެއަށް އެހީވެދޭނެކަން ފާހަގަކުރައްވާފައެވެ.

ޕޮމްޕެއޯ ވަނީ ރާއްޖޭގައި ދަރަނީގެ ކަންކަން މެނޭޖްކުރުމާއި މާލީ ދާއިރާ ހަރުދަނާކުރުމަށާއި ފައިސާ މެދުވެރިކޮށް ކުރެވޭ ކުށްތައް މަދުކުރުމަށް އެމެރިކާއިން ރާއްޖެއަށް އެހީތެރިވެދޭނެކަމަށް ހާމަކޮށްފައެވެ. މީގެ އިތުރުން ޕޮމްޕެއޯ ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާއާއި އެހެނިހެން ނިޒާމުތައް ފުރިހަމަކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޓެރަރިޒަމްއާއި ހައްދުފަހަނައަޅައިދިއުމާއި ހަރުކަށި ވިސްނުމާއި ދެކޮޅަށް ދެގައުމު ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ފޮރިން މިނިސްޓަރގެ މި ދަތުރުގައި އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި ޔުއެސްއެއިޑާއި އޯޕެކްގެ އިސްވެރިންނާއި އެނޫންވެސް އެކި ދާއިރާތަކުގެ ވެރިންނާއި ދަނީ ބައްދަލުކުރައްވަމުންނެވެ. މިގޮތުން އެމެރިކާގެ އިސްވަފްދުތަކާއި ކުރެއްވި މަޝްވަރާތަކުގައި ވަނީ އެމެރިކާއާއި ރާއްޖެއާއި ދެމެދު ސީދާ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމާއި މެދު މަޝްވަރާކުރައްވާފައެވެ.

އަދި ރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެމެރިކާގެ ބާޒާރުގައި މިހާރަށްވުރެ ފަހިކޮށް ލިބޭނެ ގޮތަކަށް މަހުގެ ބާވަތްތަކުގެ އެކްސްޕޯޓް އިތުރުކުރުމާމެދު ވެސް މަޝްވަރާކުރައްވާފައިވެއެވެ.

ފޮރިން މިނިސްޓަރ އެމެރިކާގައި މިވަގުތު ހުންނެވިއިރު މިއީ އެމެރިކާގެ ހާރިޖީ ވަޒީރެއްގެ ދައުވަތަކަށް ރާއްޖޭގެ މިނިސްޓަރަކު އެމެރިކާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355