twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތް ނިމި މިވެރިކަމުގައި ހުޅުވިގެންދާނެކަމަށް އުންމީދުކުރަން: ލަތީފް

Feb 22, 2019

ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތް ނިމި މިވެރިކަމުގައި ރިސޯޓްތަކެއް ހދ އަތޮޅުގައި ހުޅުވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނިއުދިއްލީގައި އޮންނަ ފަސްވަނަ ގްލޯބަލް ބިޒްނަސް ސަމިޓްގައި ބައިވެރިވުމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުއާއެކު ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އާއި ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފަށް ވަނީ މިދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފަ އެވެ.

މިރޭ އިންޑިއާއަށް ފުރުމުގެ ކުރިން، ނޫސްވެރިންނާ ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ މިދަތުރުގައި ބައިވެރިވުމަށް ކައުންސިލްތަކަށް ފުރުސަތު ލިބިގެންދިޔުމަކީ މިސަރުކާރުން ކައުންސިލްތަކަށް ބާރު ދިނުމުގައި ނެންގެވި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި މިކަމުގެ ސަބަބުން ކައުންސިލްތަކަށް ވަރަށް ބޮޑު އުންމީދެއް ލިބިގެންގޮސްފި ކަމަށެވެ.

ހދ އަތޮޅަކީ މިހާތަނަށް ޓޫރިޒަމްގެ މަންފާ ލިބިފައި ނެތް އަތޮޅެއްކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ ލިބިގެންމިދާ ފުރުސަތު ބޭނުންކޮށްގެން ހދ އަތޮޅުގައި ޓޫރިޒަމް ތައާރަފުކުރުމުގައި އާއި އިސްތިހާރުކުރުމަށް ފަހިވެގެންދާނެ ކަމަށެވެ.

އަދި މިއީ ހދ ގައި ޓޫރިޒަމް ފެށިގެންދާނެކަމުގެ ފެހި ސިގްނަލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ އުންމީދަކީ ހދ އަތޮޅުގައި ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތް ނިމި އިބުރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހދ ގައި ރިސޯޓްތަކެއް ހުޅުވިގެންދިޔުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހދ އަތޮޅުގެ ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ އެންމެ ހެޔޮގޮތުގައި ލިބިގެން ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355