twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ އުތުރު ދާއިރާއަށް ނަސްރުﷲ ވާދަކުރައްވަނީ

Feb 24, 2019

ހދ އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް ނަސްރުﷲ އިސްމާއިލް މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފި އެވެ. ނަސްރުﷲ ވަނީ މިދިޔަ ދައުރުގައިވެސް އެ ދާއިރާއަށް ކުރިމަތިލައްވައި މެމްބަރު ޤަފޫރާ ވާދަކޮށް ހަނި ތަފާތަކުން ނާކާމިޔާބީއަށް ކުރިމަތިލަފާ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރަންވާނެކަން އިއުލާންކޮށް މިއަދު އާންމުކުރި މީޑީއާ ސްޓޭޓްމަންޓެއްގައި ނަސްރުﷲ ވިދާޅުވެފައިވަނީ އުތުރު ދާއިރާއަށް ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައި ކަމަށެވެ. 2014 ވަނަ އަހަރުގައި ގޮނޑި ކާމިޔާބުކުރުމަށް ކުރި ބުރަ ގޮންޖެހުން ބޮޑު މަސައްކަތް ހަނދާން ނުނެތޭ ކަމަށާއި އެމަސައްކަތުގައި ކުޅުދުއްފުށީގެ ލޭފަވެތި ރައްޔިތުން ކުރެއްވި މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރުއަދާކުރައްވާ ކަމަށެވެ.

” އަޅުގަނޑުމެން އެ ދުވަހު ބުނަމުން ދިޔައީ ރަށުގެ ކަންކަން ނިންމަންވާނީ ރަށުގެ ދަރިން ކަމުގަ. އަޅުގަނޑުމެން ނުކުތީ ސިޔާސީ ބާރުވެރިކަން ސީދާ ރަށަށް ހޯދުމަށް.” ސްޓޭޓްމަންޓްގައި ވިދާޅުވެފައިވެ އެވެ.

ނަސްރުﷲ ވިދާޅުވީ 2019 ވަނަ އަހަރާ ކުރިމަތިލީ އިރު، ދިމާވެފައިވާ ގޮންޖެހުންތައް ބޮޑު ކަމަށާއި އާބާދީގެ ބޮޑުބަޔަކީ ޒުވާނުން ކަމުގައި ވީ ހިނދު، ޒުވާނުންނަށް އެކަށީގެންވާ ތައުލީމާއި، ތަމްރީނާއި، ވަޒީފާއާއި، އިގްތިސާދީ މަސައްކަތް ކުރުމުގެ ފުރުސަތުގެ އިތުރުން، ކުޅިވަރު ކުޅޭނެ ވަސީލަތްތައްވެސް އާބާދީގެ ނިސްބަތުން އެކަށީގެންވާ ވަރަށްވުރެ މަދު ކަމަށެވެ.

ރަށުގެ ހާލަތު ސިފަކޮށްދެއްވަމުން އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ އުތުރުގައި ހުރި މައި ހޮސްޕިޓަލް ކަމުގައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތައް ދަނީ ދުވަހުން ދުވަހަށް ދަށްވަމުންކަމަށާއި ރަށުން އެކަށީގެންވާ ބޯހިޔާވަހި ކަމެއް ނެތް ކަމަށެވެ. އުމްރަނީ ތަރައްގީގައި ކުޅުދުއްފުއްޓަށް އެކަށީގެންވާ އިސްކަމެއް ސަރުކާރުތަކުން ދީފައިނުވާކަމަށް ނަސްރުﷲ ފާހަގަކުރައްވާފައިވެ އެވެ.

“ފަތުރުވެރިކަމަށް ސާޅީސް އަހަރު ވެގެން ދިޔަ އިރު، އެ ސިނާއަތުގެ މަންފާއެއް ނުކުރި.” ކުޅުދުއްފުށީގައި ސިޔާސީގޮތުން ފާހަގަކޮށްލެވޭ ނަސްރުﷲ ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ރައްޔިތުން ތަމްސީލު ކުރުމަށް، ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރަން ނިންމީ، ރަށުގެ ހައްގުގައި އަދި އެންމެންގެ މުސްތަގުބަލް އުޖާލާ ކުރުމުގެ އުންމީދުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުޅުދުއްފުއްޓަށް ހައްގު އެކަށީގެންވާ މިންވަރު ހޯދުމަށްކަމަށްވެސް ނަސްރުﷲ ވިދާޅުވެފައިވެ އެވެ.

އުތުރު ދާއިރާއަށް ނަސްރުﷲ ވާދަކުރައްވާނެކަން އިއުލާންކޮށްފައިވާއިރު އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ޕްރައިމަރީގައި ވާދަކޮށް ބޮޑު ޢަގުލަބިއްޔަތަކާއެކު ހޯދާފައިވަނީ ޔާސިރު އަބުދުލްލަތީފެވެ.

މިދިޔަ ސިޔާސީ އިންތިހާބުގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައިދިނުމަށް ކުޅުދުއްފުށީގައި ބޭއްވި ހަރަކާތްތަކުންގެ ކުރީ ސަފުންވެސް ނަސްރުﷲ ފެނިގެންގޮސްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355