އިބްރާހިމް ހަމީދު
އެޕްރީލް 21 އިން 24 ށް މާލޭގައި ބޭއްވި ދިރާގު އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ކުޅުދުއްފުށިން ބައިވެރިވެ ރަންވަނަތަކެއް ހާސިލް ކުރި ކުޅުދުއްފުށީ ސްކޫލުތަކުގެ ޓީމު މިއަދު ހެނދުނު ކުޅުދުއްފުއްޓަށް އައުމުން ރަތްދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ހދ. ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލުގެ އެތުލީޓުން މައްޗަށް އެކުލެވޭ މިޓީމު މިއަދު ހެނދުނު ބަހާދަރު ބޯޓުން ކުޅުދުއްފުއްޓަށް އައުމުން މަރުހަބާ ދެންނެވީ ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދާއި ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހްމަދާއި އެސްކޫލުތަކުގެ ވެރިންނާއި ޓީޗަރުންނާއި ކުދިންގެ އިތުރުން ބެލެނިވެރިންނެވެ.
14 ސްކޫލަކުން 56 ޓީމް ބައިވެރިވި ދިރާގު އިންޓަރ ސްކޫލު އެތުލެޓިކްސް މުބާރާތުގައި ހދ.ތައުލީމީމަރުކަޒުގެ ޓީމް ވަނީ 11 އަހަރުން ދަށުގެ އަންހެން އަދި 13 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިން ޗެމްޕިއަންކަން ހޯދާފައެވެ.
މީގެ އިތުރުން ޖަލާލުއްދީންސްކޫލުގެ ޓީމުން 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 400 މީޓަރުގެ ރިލޭއިން ގައުމީ ރެކޯރޑްވަނީ ހޯދާފައެވެ.
ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން 39 އެތުލީޓުން ބައިވެރިކުރި ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދު ވިދާޅުވީ މިކާމިޔާބީއަކީ އެސްކޫލުގެ ޕްރައިމަރީ ޓީޗަރު އަލީ ޝަރީފް ލީޑަރަކަށް ހުންނަވައިގެން މެނޭޖްމަންޓާއިބެލެނިވެރިންގެ ބުރަ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށާއި އެސްކޫލުގެ އެތުލީޓުން ހޯދި ކާމިޔާބީ ގެ ސަބަބުން އުފާ ކުރާކަމަށެވެ.
މީގެ އިތުރުން 27 އެތުލީޓުން ބައިވެރިކުރި ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހްމަދު ވިދާޅުވީ އެތުލީޓުން އެހޯދި ކާމިޔާބަކީ ހިތްހަމަޖެހޭ ކާމިޔާބީއެއްކަމަށާއި ބައެއް ކަހަލަ އިވެންޓްތަކުން އިތުރަށް މަސައްކަތް ކޮށްލައިގެން މިއަށް ވުރެން ބޮޑު ކާމިޔާބީތައް ހޯދޭނެކަމަށެވެ.