twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފުރަތަމަ ފަހަރަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކެއް ކުރަނީ

Feb 24, 2019

ސަރުކަރުގެ މައި ހޮސްޕިޓަލް އިންދިރާ ގާދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން އެ ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކެއް ކުރަން ތައްޔާރުވެއްޖެ އެވެ.

މިއީ ކޭއާރުއެޗްގެ ތާރީހްގައި ކަކުލު ހުޅު (ޓޯޓަލް ނީ ރިޕްލޭސްމަންޓް) އޮޕަރޭޝަން ކުރާ ފުރަތަމަ ފަހަރެވެ. މި އޮޕަރޭޝަންތައް ކުރުމަށް އައިޖީއެމްގެ ކަށީގެ ޑިޕާޓްމަންޓްގެ ދެ ޑޮކްޓަރުން ހަރަކާތްތެރިވާނެ އެވެ. އަދި ކޭއާރުއެޗްގެ ކަށީގެ ޑޮކްޓަރުންވެސް މި އޮޕަރޭޝަންތަކުގެ ބައިވެރިވާނެކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

މި އޮޕަރޭޝަންތަކުގައި އިސްކޮށް އުޅުއްވާނީ އައިޖީއެމްއެޗްގެ ކަށީގެ ހާއްސަ، ޑރ މުޒުނީ އެވެ. މި އޮޕަރޭޝަންތައް 25 އަދި 26 މި ދެ ދުވަހު ކުރިއަށްދާއިރު ހަތަރު މީހެއް ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރާނެކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ. ދެ ދުވަހަށް ބަހާލައިގެން ދުވާލަކު ދެ މީހުން އޮޕަރޭޝަން ކުރަން ހަމަޖައްސާފައިވާއިރު މާދަމާ އޮޕަރޭޝަން ފަށާނެ އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މިރޭ ކޭއޯއަށް ވިދާޅުވި ކަކުލު ހުޅު ބަދަލުކުރާ ހަތަރު މީހުންވެސް މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަދި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންގެ އިތުރުން ދެން މީހުންނަށް ދޭން ޖެހޭ ހުރިހާ ފަރުވާއެއް ދެމުންދާނީ ކޭއާރުއެޗުގެ މުވައްޒަފުންނެވެ.

ފިޒިޔޮތެރަޕީގެ ހިދުމަތްވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޭއާރުއެޗުގަ އެވެ. މި ހަތަރު މީހުންނަކީވެސް މި ސަރަހައްދުގެ ރަށްތަކަށް ނިސްބަތްވާ މީހުންނެވެ. މި މީހުންނަކީ އައިޖީއެމްއެޗްގައި ކަކުލު ހުޅުގެ އޮޕަރޭޝަން ކުރުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355