ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް މާއްދާ އުވާލައި ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނައި އިސްލާހު އުވާލުމަށް ސުޕްރީމް ކޯޓަށް މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވެފައިވާ ކެންޑިޑޭޓަކަށް އަމިއްލަ ގޮތުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކުން ވާދަކުރަން ފޯމް ހުށަހަޅައިފި ކަމަށްވާނަމަ އެ ފޯމެއް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނައި އިސްލާހު އުވާލުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އަބްދުﷲ ޖާބިރާއި އަބްދުލް މާނިއު ހުސައިނެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހެޅި ފަރާތުން ވަނީ ޕްރައިމެރީގައި ވާދަކޮށް ބަލިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ބުނާ މާއްދާ އުވާލުމަށް އެދިފައެވެ. އަދި އެމައްދާއަށް އަމަލުކުރުން މަޑު ޖައްސާލުމުގެ ވަގުތީ އަމުރަކަށްވެސް ވަކިވަކިން ހުށައަޅަފައިވާ މައްސަލާގައި ބުނެފައިވެއެވެ. މީގެއިތުރުން މަޖިލިސް އިންތިހާބުގެ ކުރިން މި މައްސަލާގައި ގޮތެއް ނިންމާދިނުމަށްވެސް ދައުވާކުރި ފަރާތްތަކުން ވަނީ އެދިފައެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލީހަށް އިސްލާހެއް ހުށަހަޅާ ފާސްކުރީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްފަހު ކުރީގެ ސަރުކާރުންނެވެ.
އެގޮތުން ގާނޫނަށް ގެނައި ބަދަލުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް ޕްރައިމަރީއެއްގައި ވާދަކޮށްފައިވާ މެންބަރަކު އެއިންތިހާބުގައި އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ހުށަހަޅައިފިނަމަ އިލެކްޝަންސް ކޮމިޝަނުން އެ ކެނޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލް ކުރަންވާނެ ކަމަށެވެ.