twitterviber whatsapp telegramfacebookyoutube instagram
28th March 2024

ނެއްލައިދޫއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ރައީސް އަރިހަށް !

Feb 26, 2019

ހދ ނެއްލައިދޫއަށް ކުރިމަތިވެފައިވާ ތަރައްގީގެ މައްސަލަތައް ހައްލުކޮށްދެއްވުމަށް އެދި އެރަށު ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާއާ ބައްދަލުކޮށް، ހިއްސާކުރައްވައިފި އެވެ.

އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މައުލޫމާތާއި، ރަށުގެ ކުރިއެރުމަށްހުރި ދަތިތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން، ކައުންސިލު މެންބަރުން ދެއްކެވި ވާހަކާގައި ނެއްލައިދޫއަށް ބިމުގެ ދަތިކަން ކުރިމަތިވެފައިވާކަމަށާއި، ފެނާ ނަރުދަމާގެ ޚިދުމަތް ނެތުމުން ގޮންޖެހުންތައް ދިމާވާކަމަށާއި، ކުނި މެނޭޖްކުރުމުގައި އުނދަގޫތައް ކުރިމަތިވާކަމުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ކައުންސިލް މެންބަރުން ވަނީ މިހާރު އޮތް ބަނދަރުގައި ހުރި މައްސަލަތައްވެސް ރައީސާ ހިއްސާ ކުރައްވައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. ކަރަންޓުގެ މައްސަލަ އާއި ސިއްހީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އިތުރު ވަސީލަތްތަކާއި ޑޮކްޓަރުން ބޭނުންވާކަންވެސް ފާހަގަ ކުރައްވާފަ އެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނެއްލައިދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމަށެވެ.

މި ބައްދަލުވުމުގައި ނެއްލައިދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި ހދ އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ ކައުންސިލަރު ބައިވެރިވެލެއްވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355