ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިތުގެ ސްކޭނިންގ ހެދުމަށް ތައްޔާރުވެއްޖެ އެވެ. މި ހިދުމަތުގެ ސަބަބުން އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ކޭއާރުއެޗުގެ ލެބޯޓްރީ ޓެކްނޮލޮޖިސްޓް ހަދީޖާ އަލީ މިއަދު ކޭއޯއަށް ވިދާޅުވީ އެކޯކާޑިއޯ ގުރާމުގެ ހިދުމަތް ފަށަން އެ ހޮސްޕިޓަލުން ތައްޔާރުވެފައިވާ ކަމަށާއި އެކަމަށް ބޭނުންވާ މެޝިނަރީވެސް މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ.
އެކޯކާޑިއޯ ގުރާމަކީ ހިތުގެ ސްކޭނިންގ އެކެވެ. މީގެ ހިތުގައި ބުލޮކެއް އުޅެންޏާ އެނގޭނެ އެވެ. އަދި އެއީ ކިއްތަށް ފަސެންޓްގެ ބުލޮކެއްކަންވެސް ދެނެގަންނާނެ އެވެ.
ކޭއާރުއެޗުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރު ފަހުކޮޅު އެހޮސްޕިޓަލަށް ވަނީ ހިތުގެ ހާއްސަ ޑޮކްޓަރަކާއި ނާރުގެ ޑޮކްޓަރެއްގެ ހިދުމަތް ފަށާފަ އެވެ. އޭނާ ވިދާޅުވީ އެކޯކާޑިއޯ ގުރާމުގެ ހިދުމަތް ފަށަން ހަމަޖެހިފައިވަނީ މިމަހު 7 ވަނަ ދުވަހު އެކަމަށް ހާއްސަކޮސް ބާއްވާ ރަސްމިއްޔާތެއްގައި ކަމަށެވެ.
ހިތުގެ ސްކޭނިންގގެ ހިދުމަތް ފަށަން ހޮސްޕިޓާ ތައްޔާރުވެފައިވާއިރު މިހަފްތާތެރޭގައި އެހޮސްޕިޓަލުން ވަނީ ފުރަތަމަ ފަހަރަށް ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކެއް ކާމިޔާބުކޮށް ނިންމާލާފަ އެވެ.