twitterviber whatsapp telegramfacebookyoutube instagram
1st June 2025

އެލްޖީއޭއިން ވަނީ ކައުންސިލްތަކަށް ވަރަށް ބޮޑަށް އިހުމާލުވެފަ: ލަތީފް

Mar 1, 2019

ކައުންސިލުތަކުގެ ބެލެނިވެރި ފަރާތްތަކުގައިވާ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ވަރަށް ބޮޑަށް ކައުންސިލްތަކަށް އިހުމާލުވެފައިކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ހދ އޭއީސީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ ކައުންސިލްތަކަށް ބޭނުންވާ ކަންތައްތައް ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި ކުރެވިފައިނުވާ ކަމަށެވެ. އެލްޖީއޭއިން ރިޕޯޓް ހުށަހެޅުމަށް ކައުންސިލްތަކަށް ކުރާ އެސްއެމްއެސްގެ އިތުރުން، އެތަނުން ކުރާ އެހެން ކަމެއް ނެތްކަމަށެވެ.

ދާދި ފަހުން މާލޭގައި ބޭއްވި ކައުންސިލްތަކުގެ މަހާސިންތާގައިވެސް ގިނަ ކައުންސިލްތަކެއް ފާޑުކިޔުން އެލްޖީއޭއަށް އަމާޒުވިކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ އެލްޖީއޭއިން އަދާކުރަން ޖެހޭ ޒިންމާތައް އަދާނުކޮށް ކައުންސިލްތަކަށް އެފަދަ މެސެޖްތައް ކުރުމުން ދިމާވާ މައްސަލަތައް ހުރިކަން އެ ބައްދަލުވުމުގައިވެސް ކައުންސިލްތަކުން ފާހަގަކުރެއްވިކަމަށެވެ.

ބައެއް ކަންތައްތައް ފާހަގަކުރަމުން ލަތީފް ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލަކީ ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން، އެހެން ވަރަށް ގިނަ ރައްޔިތުންތަކަކަށްވެސް ހިދުމަތް ފޯރުކުރަން ޖެހޭ ބައެއް ކަމަށާއި އެފަދަ ކަންތައްތަކަށްވެސް އެލްޖީއޭއިން އެހީތެރިކަމެއް ލިބިފައިނުވާ ކަމަށެވެ.

އަދި ކައުންސިލްތައް ރޭންކް ކުރަން އެލްޖީއޭއިން ގެންގުޅޭ މިންގަނޑަކީވެސް އެހާ ގަބޫލުކުރެވޭ މިންގަނޑެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކައުންސިލްތަކަށް ފޯރުކޮށްދޭން ޖެހޭ ކަންތައްތައް އެލްޖީއޭއިން ފޯރުކޮށް ނުދީ ރޭންކު ކުރެވޭނެ ގޮތެއްވެސް ނޯނާނެކަމަށެވެ. ލަތީފް ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލުން ގިނަ ރައްޔިތުންތަކަކަށް ހިދުމަތް ދޭން ބަލާއިރު ކައުންސިލުން ހުސްވެފައިވާ މަގާމުތަކަށްވެސް މުވައްޒަފުން ނެގުމަށް ހުއްދަ ލިބިފައިނުވާ ކަމަށެވެ. އެގޮތުން ކައުންސިލް އިދާރާގެ އިސް މަގާމުތައް ހުސްވެފައިވާއިރު އިދާރާ ގިނަ މަގާމުތަކެއްވެސް ހުސްވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެކަމުގެ ސަބަބުން ކައުންސިލުން ހިންގުން ލަސްވެ، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެލްޖީއޭއިންވެސް މިކަންކަމަށް ކުރެވޭނެ ކަންތައްތަކެއް ހުންނައިރު އެކަންކަން ކުރުމަށް ސަރުކާރަށް ބާރުއަޅާތަނެއް ނުފެންނަކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލުގައި މަރުވާ އެތައް ބަޔަކު ވަޅު ލުމުގެ ކަންތައްތައްވެސް ކުރަމުންދަނީ ރައްޔިތު މާލިއްޔާއިން ކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ އެކަންތައްތަކަށްވެސް އެލްޖީއޭގެ ތެރެއިން ހައްލު ލިބިފައިނުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355